ދިވެހި ފިލްމު ”ކަމަނަ“ އަށް އިންޑިއާގެ ފަސް ވަނަ ކަރުނާޓަކާ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް (ކޭއައިއެފްއެފް) ގެ ޝަރަފުވެރި ތިން ކެޓަގަރީއަކުން އެވޯޑު ލިބިއްޖެއެވެ.
އިންޑިއާގެ ކަރްނާޓަކާ ސްޓޭޓްގެ ދަރްވާދް ހުއްބަލީގައި މި ޑިސެމްބަރު 27 އިން 28 އަށް ބޭއްވި މި ފެސްޓިވަލްގައި ރާއްޖޭގެ ފިލްމީ ދާއިރާގެ ފުންނާބު އުސް ފަންނާނުން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.
މި ފެސްޓިވަލްގައި އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑު ހާސިލުކުރީ ”ކަމަނަ“ ގެ ޑައިރެކްޓަރު ހުސެން މުނައްވަރު އެވެ. މީގެ އިތުރުން، އެ ފިލްމުގެ ބަތަލާ މަރިޔަމް އައްޒަ އަށް އެންމެ މޮޅު ލީޑް އެކްޓްރެސްގެ އެވޯޑު ލިބިފައިވާއިރު، އެންމެ މޮޅު ލީޑް އެކްޓަރުގެ އެވޯޑު ހާސިލުކުރީ ފިލްމުގެ ބަތަލު ޔޫސުފް ޝަފީއު (ޔޫއްޕެ) އެވެ.
މި ކާމިޔާބީއާ ގުޅިގެން ޑައިރެކްޓަރު ހުސެން މުނައްވަރު ބުނީ، ”ފިލްމު ’ކަމަނާ‘ ޑައިރެކްޓް ކުރުމުގެ ޒިންމާ ހުސައިނާ ހަވާލުކުރީ، ފިލްމުގެ ޕްރޮޑިއުސަރު ޝާނީޒް އަލީ އޭނާއަށް ކުރި އިތުބާރެއްގެ ބޮޑުކަމުން ކަމަށާއި، އޭގެ ފޮނި ނަތީޖާ ނެރެވިއްޖެ ކަމަށް ގަބޫލު ކުރަން“ ކަމަށެވެ. އަދި މިއީ އަންހެން ކުއްޖެއްގެ ދިރިއުޅުމުގެ ވޭނީ އަޑު ބޭރުގެ އޯޑިއަންސަކަށް އިއްވާލެވުމުން ލިބުނު ބޮޑު ހިތްހަމަޖެހުމެއް ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
”ކަމަނަ“ އަކީ ރާއްޖޭގައި 200 އަށްވުރެ ގިނަ ހައުސްފުލް ޝޯއާއެކު ބޮޑު ތަރުހީބެއް ލިބުނު ފިލްމެކެވެ. މި ފިލްމުގެ މައިގަނޑު ކާސްޓުގައި އައްޒަ އާއި ޔޫއްޕެގެ އިތުރުން އައިމިނަތު ރަޝްފާ (އާޝާ)، މުހައްމަދު މަނިކު، އަހުމަދު ނިމާލު، މުހައްމަދު ރަޝީދު (ދަރާ) އަދި ނަތާޝާ ޖަލީލު ހިމެނެއެވެ. ފިލްމުގެ ސްކްރިޕްޓް ތައްޔާރުކުރީ މަހްދީ އަހްމަދެވެ.
މި ފެސްޓިވަލްގައި ރާއްޖޭގެ އެހެން ބައެއް ފިލްމުތަކުންވެސް ވަނީ ކާމިޔާބީ ހޯދާފައެވެ. އެގޮތުން ދިވެހި ފިލްމު ”ނޮވެމްބަރ“ ގެ ސިނެމެޓޮގްރަފަރަށް ވަނީ ބެސްޓް ސިނެމެޓޮގްރަފަރ އެވޯޑް ލިބިފައެވެ. މީގެ އިތުރުން ދިވެހި ފިލްމު ”ސާޔާ“ ވެސް ވަނީ މި އެވޯޑަށް ނޮމިނޭޓް ވެފައެވެ.
އިންޑިއާގެ ނަވާ ކަރުނާޓަކާ ފިލްމު އެކަޑަމީއިން އިންތިޒާމުކުރާ މި ފެސްޓިވަލަކީ ދުނިޔޭގެ އެކި ގައުމުތަކުގެ ފިލްމުތަކާއި ޑޮކިއުމެންޓްރީތަކަށް ފުރުސަތު ހުޅުވާލައިގެން ބާއްވާ ބައިނަލްއަގުވާމީ ހަރަކާތެކެވެ.

