2025 ވަނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ހޯދާފައިވާ ކާމިޔާބީތައް ފާހަގަކޮށް، އައު އަހަރަށް މަރުހަބާ ކިއުމުގެ ގޮތުން ގިނަ ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް ވިޒިޓްސް މޯލްޑިވްސް ކޯޕަރޭޝަނުން އިއުލާނުކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި، ވިޒިޓްސް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވިދާޅުވީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ގުޅިގެން ބާއްވާ މި ހަރަކާތް މިއަދުގެ ހަވީރު 04:00 އިން ޖެނުއަރީ 1 ގެ ނިޔަލަށް ކުރިޔަށް ދާނެކަމަށެވެ.
ތިން ދުވަހުގެ މުއްދަތަކަށް ކުރިޔަށް ގެންދާ މި ހަރަކާތުގައި ޑްރޯން ޝޯވ އެއްވެސް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މި ފެސްޓިވަލްގައި ފުޑް ސްޓޯލްތަކެއް ހުންނާނެކަން ޝިއުރީ ފާހަގަކުރެއްވި އެވެ.
މިއީ މި އަހަރުގެ ތެރޭގައި ތަފާތު އެކި ދާއިރާތަކުން ހޯދި ކާމިޔާބީތައް ފާހަގަކޮށް، އޭގެ އަގުވަޒަން ކުރުމުގެ ގޮތުން ކުރިޔަށް ގެންދާ ހަރަކާތްތަކެއްކަމަށް ޝިއުރީ ވަނީ ވިދާޅުވެފަ އެވެ.
ޝިއުރީ ވިދާޅުވި ގޮތުގައި މި ހަރަކާތް ކުރިޔަށް ގެންދާނީ، ތަފާތު އެކި ހަރަކާތްތަކާއި އެކު އެވެ. އަދި ހުރިހާ އުމުރުފުރާއަކަށް ގުޅޭ، މުނިފޫހިފިލުވުމުގެ އެކި އިވެންޓުތައް ކުރިޔަށްދާނެކަމަށް ވިދާޅުވި އެވެ.
މިދިޔަ އަހަރު މި ޝޯވ ކުރިޔަށް ގެންދިޔައީ އެއް ދުވަހަށް ނަމަވެސް، ހަރަކާތަށް ވަރަށް ބޮޑު ތަރުހީބެއް ލިބި ގިނަ ބަޔަކު ބައިވެރިވިކަމަށް ޝިއުރީ ވިދާޅުވި އެވެ. އެހެންކަމުން މި ފެސްޓިވަލް މިއަދު ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން މެންދަމު 12:00 އަށް ކުރިއަށްދާނެއެވެ. އަދި މާދަމާ ރޭއާއި ޖެނުއަރީ 1 ގައި ވެސް ހަމަ މިގަޑިތަކުގައި އިވެންޓް ކުރިއަށްދާނެކަމަށް ޝިއުރީ ވިދާޅުވި އެވެ.
މި ފެސްޓިވަލްގެ މައިގަނޑު އެއް މަގްސަދަކީ ދިވެހިންގެ މަސައްކަތްތައް އަގުވަޒަންކޮށް، ކާމިޔާބީތައް ފާހަގަކުރުންކަމަށް ފާހަގޮށް ޝިއުރީ ވިދާޅުވީ މިއަހަރު ކުޅިވަރުގެ ދާއިރާއިންނާއި، ފަތުރުވެރިކަމުގެ ދާއިރާ، އަދި އެހެނިހެންވެސް ގިނަގުނަ ދާއިރާތަކުން ދިވެހި ރާއްޖެއަށް ބޮޑެތި ކާމިޔާބީތަކެއް ލިބިގެން ގޮސްފައިވާކަމަށެވެ.
މީގެއިތުރުން ބުދަ ދުވަހުގެ ރޭގަނޑު 09:00 އައި ޑްރޯން ޝޯވ ގައި ފުރަތަމަ ފަހަރަށް ރާއްޖޭގައި ޕައިރޯ ޑްރޯން ޝޯވ އެއް ދައްކާލެވޭނެކަމަށް ޝިއުރީ ވިދާޅުވި އެވެ. އަދި މި ޝޯވގައި ޑްރޯންތަކުން ހަވާ ދައްކާލެވޭނެކަމަށް ވިދާޅުވި އެވެ.
މި ފެސްޓިވަލަކީ ޓޫރިޒަމް މިނިސްޓްރީއާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން އިސްނަގައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. މީގެ އިތުރުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)، ވެމްކޯ، މޯލްޑިވްސް ޕޮލިސް ސާވިސް، އަދި އެމްއެންޑީއެފްއާއި އެނޫންވެސް ގިނަ ސަރުކާރު ކުންފުނިތަކާއި ފަރާތްތަކުގެ އެއްބާރުލުމާއި އެހީތެރިކަމެއް ލިބިގެން ގޮސްފައިވާކަމަށް ޝިއުރީ ވިދާޅުވި އެވެ.

