ދިވެހި ރައްޔިތުންނަށް މިއަދު ބޭނުންވާ އެންމެ އަސާސީ އެއް ބޭނުމަކީ ބޯހިޔާވަހިކަން ކަށަވަރުވެފައިވުމެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން، ”އާއިލީ ބޯހިޔާވަހިކަން“ ޕްރޮގްރާމްގެ އައު އުސޫލުތައް މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ. މި އުސޫލުތަކަކީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ރިޢާޔަތްކޮށް، ކުރިން އޮތް އުސޫލުތަކަށް މުހިންމު އިސްލާހުތަކެއް ގެނެސް، އާއިލާތަކުގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް އެކުލަވާލެވިފައިވާ އުސޫލުތަކެކެވެ.
މި އައު އުސޫލުތަކުގެ ދަށުން ގެނެވުނު އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ، ކުދި ހައުސިންގ ޔުނިޓުތަކުގައި ދިރިއުޅޭ އާއިލާތަކަށް ބޮޑެތި ތަންތަނަށް ބަދަލުވުމުގެ ފުރުސަތު ހުޅުވާލުމެވެ. އެގޮތުން، 1 ކޮޓަރީގެ ފުލެޓެއް ލިބިފައިވާ ފަރާތަކަށް 18 އަހަރުން ދަށުގެ ދަރިއަކު ހުރިނަމަ، އަދި 2 ކޮޓަރީގެ ފުލެޓެއް ލިބިފައިވާ ފަރާތަކަށް 18 އަހަރުން ދަށުގެ ދެ ޖިންސުގެ ދަރިން ތިބިނަމަ، މިހާރު ހުރި ތަން ދޫކޮށްލުމަށް އެއްބަސްވާ ހާލަތުގައި 3 ކޮޓަރީގެ ފުލެޓަށް އެދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ އިތުރުން، އެޕްލިކަންޓުގެ އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި މާލެ ސަރަހައްދު ފިޔަވައި އެހެން ރަށަކުން ބިމެއް ނުވަތަ ގެއެއް އޮތް ނަމަވެސް، މާލެ ސަރަހައްދުން ބިމަށް ނުވަތަ ފުލެޓަށް އެދި ހުށަހެޅުމުގެ ހުރަހެއް މިހާރު ނެތެވެ.
ބިން ދޫކުރުމުގެ އުސޫލަށް ބަލާއިރު، މައިގަނޑު ދެ ކެޓަގަރީއެއްގެ އިތުރުން ހާއްސަ އިސްކަންދޭ ކެޓަގަރީތަކެއް ވަނީ ކަނޑައަޅާފައެވެ. މާލޭގެ ރަށްވެހިންނަށް ގްރޭޓަރ މާލެ ސަރަހައްދާއި ރަސްމާލެއިން 10,000 ގޯތި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ރަސްމާލެއިން 3,000 ގޯތި، އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކަށް 2,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ވަކިން ޚާއްޞަކޮށް، މާލޭގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް 1,000 ގޯއްޗާއި 1,000 ފުލެޓު ވަނީ ޚާއްޞަކުރެވިފައެވެ.
ފުލެޓު ދޫކުރުމުގެ މަޝްރޫޢުގެ ދަށުން މާލޭ ރަށްވެހިންނަށް 4,000 ފުލެޓު، އެހެން ރަށްރަށުގެ ރަށްވެހިންނަށް 1,500 ފުލެޓު، އަދި ހާއްސަ އިސްކަންދޭ ކެޓަގަރީތަކަށް 2,400 ފުލެޓު ދޫކުރުމަށް ވަނީ ނިންމާފައެވެ. މި މުޅި ޕްރޮގްރާމް ބައްޓަންކުރެވިފައިވަނީ އަމިއްލަ ބޯހިޔާވަހިކަމެއް ނެތް އާއިލާތަކަށާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި، ދުވަސްވީ މައިންބަފައިން ބަލާ އާއިލާތަކަށް އިސްކަންދެވޭނެ ފަދަ ގޮތަކަށެވެ.
މީގެ ތެރެއިން ”ރެންޓް ޓު އޯން“ މޮޑެލަކީ އާންމު ރައްޔިތުންނަށް ލުއިފަސޭހަގޮތެއްގައި ގެދޮރު މިލްކުކުރުމުގެ ފުރުޞަތު ލިބިގެންދާ މޮޑެލެކެވެ. މި މޮޑެލްގެ ދަށުން، ޔުނިޓު ހަވާލުކުރެވޭ ފަރާތުން މަހުން މަހަށް ކުލީގެ ގޮތުގައި ފައިސާ ދައްކަމުން ގޮސް، އެ ފައިސާ ދައްކާ ނިމުމުން އެ ޔުނިޓެއްގެ މިލްކުވެރިކަން އެ ފަރާތަކަށް ލިބިގެންދާނެއެވެ. ފާހަގަކޮށްލަންޖެހޭ މުހިންމު ކަމަކީ، މަހުން މަހަށް ދައްކަންޖެހޭ ފައިސާގެ ތެރޭގައި ހިމެނޭނީ ހަމައެކަނި ޔުނިޓުގެ އަގު ކަމެވެ. މެނޭޖްމަންޓް ފީއާއި އެހެނިހެން އިތުރު ޗާޖުތަކެއް މީގެ ތެރެއަކު ނުހިމެނެއެވެ. މި މޮޑެލަށް ކުރިމަތިލެވޭނީ މަހެއްގެ ޖުމުލަ އާމްދަނީ 60,000 ރުފިޔާއަށް ވުރެ ދަށްވާ ފަރާތްތަކަށެވެ. އަދި މި ފަރާތްތަކަށް ”އެފޯޑަބަލް ހޯމް އޯނަރޝިޕް“ މޮޑެލްއަށްވެސް ކުރިމަތިލުމުގެ ފުރުޞަތު އޮންނާނެއެވެ.
”އެފޯޑަބަލް ހޯމް އޯނަރޝިޕް“ މޮޑެލަކީ ސަރުކާރުން ސަބްސިޑީ ދީފައިވާ އަގުތަކެއްގައި ބޯހިޔާވަހިކަން ގަތުމުގެ ފުރުޞަތު ފަހިކޮށްދޭ ނިޒާމެކެވެ. މި މޮޑެލްގެ ދަށުން ގެދޮރު ހޯދުމަށް އެދޭ ފަރާތަކީ ބޭންކަކުން ނުވަތަ ފައިނޭންސިން އިދާރާއަކުން ދޫކުރާ ހައުސިން ފައިނޭންސް ފެސިލިޓީއަކަށް ޝަރުތު ހަމަވާ ފަރާތަކަށް ވާންޖެހެއެވެ. އަދި މިއީ އެ ފަރާތަކުން ފުރަތަމަ ފަހަރަށް ގެދޮރު މިލްކުކުރާ ފަހަރު ކަމުގައި ވާންޖެހޭނެއެވެ. މަހެއްގެ މައްޗަށް 60,000 ރުފިޔާއަށް ވުރެ ދަށް އާމްދަނީ ލިބޭ ފަރާތްތަކުގެ ކްރެޑިޓް ސްކްރީނިންއަށް ބަލައި، މި މޮޑެލްއަށް ޝަރުތު ހަމަވެދާނެއެވެ.
މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ބަލާއިރު، މާލޭގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަކޮށް 1,000 ގޯއްޗާއި 1,000 ފުލެޓު ވަނީ އިއުލާނުކުރެވިފައެވެ. މީގެ އިތުރުން ފުލެޓު ދޫކުރުމަށް ހަމަޖެހިފައިވާ ގޮތަކީ، މާލޭ ރަށްވެހިންނަށް 4,000 ފުލެޓު، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފުލެޓު، އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކަށް 2,400 ފުލެޓެވެ.
ގޯތި ދޫކުރުމުގެ ސިޔާސަތަށް ބަލާއިރު، މާލޭ ސަރަހައްދުން ގޯތި ދޫކުރަނީ މާލޭގައި ދިރިއުޅޭ މީހުން ދެ ބަޔަކަށް ބަހާލައިގެންނެވެ. އެއީ މާލޭގެ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނެވެ. މާލޭގެ ރަށްވެހިންނަށް 10,000 ގޯތި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 3,000 ގޯތި، އަދި ހާއްސަ އިސްކަންދޭ ކެޓަގަރީތަކަށް 2,000 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ. މި ހުރިހާ ފަރާތްތަކަށްވެސް ދޫކުރުމަށް ހަމަޖެހިފައިވަނީ 1,250 އަކަފޫޓުގެ ގޯތިތަކެވެ.
މާލޭ ރަށްވެހިންނަށް ދޫކުރާ 10,000 ގޯތި ބެހިގެންދާ ގޮތަށް ބަލާއިރު، އޭގެ ތެރެއިން 7,000 ގޯތި ޚާއްޞަކުރެވިފައިވަނީ އުފަންވީއްސުރެ މާލޭ ގެއެއްގެ ރަޖިސްޓަރީގައި ހިމެނޭ ފަރާތްތަކަށެވެ. މާލޭ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް 1,000 ގޯތި އަދި ފަހުން މާލޭ ގެއެއްގެ ރަޖިސްޓަރީގައި ހިމެނުނު ފަރާތްތަކަށް 2,000 ގޯތި ދޫކުރުމަށް ވަނީ ކަނޑައެޅިފައެވެ.
ޖުމުލަކޮށް ބަލާއިރު، މި ފަހިކޮށްދެވޭ ފުރުޞަތުތަކަކީ ތަފާތު އެކި ފަންތީގެ އާމްދަނީ ލިބޭ މީހުންނަށް، އެމީހެއްގެ ތަނަވަސްކަން ހުރި މިންވަރަކުން ގެދޮރުވެރިކަން ކަށަވަރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެކެވެ. މިއީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ ތާރީޚުގައި ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ތަސައްލީއެކެވެ.

