އިގްތިސާދީ ވުޒާރާގެ ނަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންނެވި ބަދަލުންވެސް، ރާއްޖޭގެ އިގްތިސާދީ މަސައްކަތްތަކަށް އެމަނިކުފާނު ދެއްވާ އަހައްމިއްޔަތު ހާމަވެގެންދާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ”ތަރުޖަމާނާއިއެކު“ ނަމުގައި ކުރިއަށް ގެންދިޔަ ޕޮޑްކާސްޓެއްގައި ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑުގެ ނަމަށް ވުޒާރާގެ ނަން ބަދަލުކުރެއްވީ އިގްތިސާދީ އަދި ވިޔަފާރީގެ ދާއިރާއަށް ހާއްސަ އިސްކަމެއް ދެއްވުމުގެ މަގުސަދުގައި ކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަރު ދުވަހަކީ ރާއްޖޭގެ ކުދި ވިޔަފާރިތަކަށް ހާއްސަކޮށްގެން ގިނަ ލުއިތަކެއް ލިބިގެންދާނެ ދެ އަހަރުގެ ގޮތުގައި ރައީސް ކަނޑައަޅުއްވާފައިވާކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމެއްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ކުދި ވިޔަފާރިތަކަށް އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވަނީ މުދާ ކްލިއަރ ކުރުމުގެ މަރުހަލާގައި ބަނދަރުތަކުން ކަމަށެވެ. ގޭގައި ހުރެގެން ވިޔަފާރިކުރާ ފަރާތްތަކުންވެސް ޕޯޓުތަކުގެ މަސައްކަތްތަކަށް ބަރޯސާވާންޖެހޭއިރު، އެ ސަރަހައްދުތަކުގައި ވަސީލަތްތައް އިތުރުކުރުމާއި މުދާ ކްލިއަރ ކުރާ ގަޑިތައް އިތުރުކޮށްދިނުމަށް ގިނަ ފަރާތްތަކަކުން އެދެމުންދާކަމަށް ސައީދު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ދާއިރާގެ މަސައްކަތްތެރިންގެ އަޑު އެއްސެވުމަށްފަހު، އެ ފަރާތްތަކަށް ދިމާވާ ދަތިތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް ރައީސް އޮފީހުން މިހާރު ވަނީ ކަމާގުޅޭ ވުޒާރާތަކަށް އިރުޝާދު ދެއްވާފައެވެ. މި ބަދަލުތަކާއެކު ވިޔަފާރިވެރިންގެ ހިތްތަކަށް ބޮޑު ތަސައްލީއެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

