ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދީބާޖާ މައްސަލަ: ސުޕްރީމް ކޯޓުގައި މުރާޖައާ ކުރަން އޭޖީ އަށް ދަންނަވަން ކޮމިޓީން ފާސްކޮށްފި

ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު
ޝެއާރކޮށްލާ ކަހަލަދޯ؟

ދީބާޖާ އިންވެސްޓްމަންޓަށް 174 މިލިއަން ރުފިޔާ ދިނުމަށް ސެޓްލްމަންޓް ކޮމިޓީގެ ލަފައާ އެކު ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ނިންމެވި ނިންމެވުން މިވަގުތަށް މަޑުޖައްސައިލުމަށް ފަހު، އެ މައްސަލަ ސުޕްރީމް ކޯޓުގައި އިތުރު މުރާޖައާއަކަށް ދިއުމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތަށް ދެންނެވުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިރޭ ފާސްކޮށްފިއެވެ.

ދީބާޖާގެ މައްސަލައިގައި ހޯމަ ދުވަހު ބޭއްވި ޝަރީޢަތުގައި ދައުލަތުން ބުނީ ދީބާޖާއި ދައުލަތާއި ދެމެދު ކުރެވުނު މަޝްވަރާތަކަށް ފަހު174 މިލިޔަން ރުފިޔާ ދިބާޖާއަށް ދޭން ސަރުކާރުން ނިންމާފައިވާކަން ރައީސުލްޖުމްހޫރީއްޔާގެ ފަރާތުން އެޓާނީޖެނެރަލްއަށް އަންގާފައިވާ ކަމަށެވެ. އެހެން ކަމުން ސަރުކާރުގެ ނިންމުމާއި އެއްގޮތަށް އަދި ދައުލަތާއި ދިބާޖާއާއި ދެމެދު ކުރެވުނު މަޝްވަރާތަކުގައި އެއްބަސްވެވިފައިވާ ގޮތަށް ދީބާޖާ އަށް ފައިސާ ދިނުމަށް ނިންމާފައިވާ ކަމަށް ދައުލަތުން ވަނީ ޝަރީޢަތުގައި ބުނެފައެވެ.

މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ބަންޑާރަ ނައިބު އިބްރާޙިމް ރިފްއަތު ހާޟިރުކޮށް މެންބަރުން ވަނީ ގިނަ ސުވާލުތަކެއް އަމާޒުކޮށްފައެވެ. އަދި އެ މައްސަލައިގައި ސެޓްލްމެންޓް ކޮމިޓީއަށް ރިޝްވަތު ހުށަހެޅުއްވި ކަމުގެ ތުހުމަތުވެސް ވަނީކޮށްފައެެވެ. ރިޝްވަތު ހުށަހެޅިކަމަށް މެންބަރަކު ވިދާޅުވުމުން ބަންޑާރަނައިބު ވަނީ އެކަން ދޮގުކުރައްވާފައެވެ.
މި މައްސަލައިގައި ބުދަ ދުވަހުގެ ރޭގައި ބެއްވި ކޮމިޓީ ބައްދަލުވުމުގައި، ތިމަރަފުށީ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުﷲ ރިޔާޒް ހުށަހެޅުއްވީ ދީބާޖާ އަށް ބަދަލު ދިނުމުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ފޮނުވުމަށެވެ.

އެހެންވެ، ދީބާޖާ އަށް ބަދަލު ދިނުމުގެ މައްސަލަ ސުޕްރީމް ކޯޓު ގައި މުރާޖައާ ކުރުމަށް ބަންޑާރަ ނައިބު ރިފްއަތުގެ އަރިހުގައި އެދުމުގެ އިތުރުން އެ މައްސަލަ ބެލުމަށް އޭސީސީ އާއި އޮޑިޓާ ޖެނެރަލްގެ އޮފީހަށް ފޮނުވަން ވެސް ކޮމިޓީގައި ބައިވެރިވި މެމްބަރުންގެ އަޣުލަބިއްޔަތުން މިރޭ ފާސްކުރި އެވެ.

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ދީބާޖާ އިންވެސްޓްމެންޓް ކުންފުންޏަށް ނ، ރ، ބ އަދި ޅ އަތޮޅުގެ ދަތުރުފަތުރު ހިދުމަތް ދިނުމުގެ އެންމެހާ ކަންކަން އެއްބަސްވުމެއްގެ ދަށުން ހަވާލުކުރި އެވެ. އެހެން ނަމަވެސް އެއްބަސްވުމުގެ ދަށުން އޭރުގެ ޓްރާންސްޕޯޓް މިނިސްޓްރީން ފުރިހަމަކޮށް ދޭން ޖެހޭ ކަންކަން ފުރިހަމަ ނުކޮށް ބާތިލުކޮށްފައިވަނީ، ރައީސް ނަޝީދުގެ ވެރިކަން ބަދަލުވެ ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގަ އެވެ.

އޭރު އެ އެއްބަސްވުން ބާތިލު ކުރަން ޖެހުނު ސަބަބެއްކަމަށް ސަރުކާރުން ބުނެފައިވަނީ، ދީބާޖާއިން އެއްބަސްވުމާއި ހިލާފުވުމެވެ. އެއްބަސްވުމުގައި ވާގޮތުން ދީބާޖާއަށް ރިސޯޓު ތަރައްގީ ކުރުމަށާއި ފެރީ ޓާމިނަލްތައް ހެދުމަށް ބިން ދޫކުރަން އޮތީ ލާޒިމުކޮށްފައެވެ. އެހެން ނަމަވެސް، އެ ބިންތައް ދީބާޖާއަށް ދޫކޮށްފައި ނުވެއެވެ.

އެއްބަސްވުން ބާތިލް ކުރުމުގެ ސަބަބުން ގެއްލުމުގެ ބަދަލު ހޯދަން ދީބާޖާ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ނިންމިގެން ދިޔައީ ދީބާޖާއާއި އެއްކޮޅަށެވެ. ބިންތައް ހަވާލުނުކޮށް އޮތުމަކީ ދައުލަތުން އެއްބަސްވުމާ ހިލާފުވުން ކަމުގައި ކަނޑައަޅާ ގެއްލުމުގެ ބަދަލު ދީބާޖާ ކުންފުންޏަށް ދޭން ސިވިލް ކޯޓުން 348.10 މިލިއަން ރުފިޔާ ދެއްކުމަށް ހުކުމް ކުރިއެވެ. އޭގެފަހުން އެ ހުކުމް ބާތިލުކުރީ ހައިކޯޓުންނެވެ.

މައްސަލާގައި ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ އިސްތިއުނާފަށް ކަނޑައަޅާފައިވާ މުއްދަތަށްވުރެ ފަހުން ކަމަށް ބުނެ ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓަށް ދީބާޖާއިން ގެންދިޔައެވެ. އެ ނުކުތާގެ މައްޗަށް ބިނާކޮށް، ސްޕްރީމް ކޯޓުން ވަނީ ދީބާޖާއަށް ލިބުނު ގެއްލުމުގެ ގޮތުގައި 348.10 މިލިއަން ރުފިޔާ ދޭން ދައުލަތުގެ މައްޗަށް ހުކުމް ކުރިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: