ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމުން، އައު ސަރުކާރު އުފެދި މަޖިލީހުގެ ތެރެއިން އެ މުއްދަތުގެ ތެރޭގައި ދިމާވާ ގޮންޖެހުންތައް ވެސް ހައްލުކުރެވޭނެކަމަށް ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ.
ހަރަދު ކުޑަކުރުމުގެ ގޮތުން، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ގެންނަ އިސްލާހާއި ގުޅޭ ބިލުގެ މަސައްކަތް އިއްޔެ ރައްޔިތުންގެ މަޖިލީހުގައި ފެށީ ދައުރުން ބޭރުން ބޭއްވި ޖަލްސާގަ އެވެ. މި ބިލުގެ މަސައްކަތް ކޮމިޓީ މަރުހަލާއަށް ފޮނުވާފައިވާއިރު ފެބްރުއަރީ މަހު 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ފެށުމުގެ ކުރިން ކޮމިޓީން ބިލުގެ މަސައްކަތުގެ ބޮޑުބައެއް ނިންމާނެކަމަށް ބެލެވެ އެވެ.
މި އިސްލާހަށް އިދިކޮޅުގެ މެމްބަރުން ދެކޮޅު ހަދައި ބުނެފައި ވަނީ، ދައުރުން ބޭރުން ޖަލްސާއެއް ބާއްވައި އަވަސް އަރުވާލައިގެން އިސްލާހު ހުށަހަޅަނީ ވެރިކަމުގެ ދައުރު 10 އަހަރަށް ދަންމާލުމަށް ކަމަށެވެ. އަދި ސަރުކާރުގެ ނިޔަތާއި މެދު ސުވާލު އުފައްދައި ވަނީ، ހަރަދު ކުޑަކުރުމުގެ ވާހަކައަކީ އަސްލެއް ނެތްކަމެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.
އިސްލާހާއި ގުޅޭގޮތުން ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ނިހާދު ވިދާޅުވީ، ރާއްޖޭގައި މިހާރު އިންތިހާބުތައް ބާއްވަމުން އަންނަ ގޮތުން ސަރުކާރުތަކަށް ރައްޔިތުންނަށް ހިދުމަތް ކުރުމުގައި އެކި ދަތިތައް ދިމާވާކަމަށެވެ. ނިހާދު ވިދާޅުވިގޮތުގައި، 2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ކޮންމެ ފަސް އަހަރަކުން ވެރިކަން ބަދަލުވަމުން އަންނައިރު، އާ ސަރުކާރެއް ހަވާލުވާއިރު އޮންނަނީ ކުރީގެ ސަރުކާރުގެ މެޖޯރިޓީ އޮންނަ މަޖިލީހެކެވެ.
އޭގެ ސަބަބުން އަލަށް އުފެދޭ ސަރުކާރާއި ދެކޮޅު މެޖޯރިޓީއެއް އޮތް މަޖިލީހެއް އޮތުމުން ޖެއްސުން ކުރުމަށް ފުރަތަމަ އަހަރުގެ ބަޖެޓު ހުށަހެޅުންތަކަށް ދަތިކުރުވާކަމަށް ނިހާދު ވިދާޅުވި އެވެ. މިކަމުގެ ސަބަބުން ކޮންމެ ސަރުކާރެއްގެ ދައުރުން ވެސް އެއް އަހަރު ގެއްލިގެ، އޭގެ ގެއްލުން ސީދާ ރައްޔިތުންނަށް ކުރާކަމަށް ނިހާދު ވިދާޅުވި އެވެ.
ނިހާދު އިތުރަށް ވިދާޅުވިގޮތުގައި، ވެރިކަމުގެ ފުރަތަމަ އަހަރު ބަޖެޓުގެ ތާށިކަމާ ކުރިމަތިލާންޖެހޭއިރު، ދެވަނަ އަހަރު ހޭދަވަނީ ކުރީގެ ދައުރުތަކުން ވާރުތަވެފައި ހުންނަ ދަރަނިތައް ދެއްކުމަށާއި މަޝްރޫއުތައް ރީސްޓްރަކްޗާ ކުރުމަށެވެ. އެހެންކަމުން، ސަރުކާރެއްގެ މެނިފެސްޓޯގައި ހުންނަ ބޮޑެތި މަޝްރޫއުތައް ހަގީގީ މާނައިގައި ފެށިގެންދަނީ ތިންވަނަ އަހަރުކަމަށް އޭނާ ވިދާޅުވިއެވެ.
މި މައްސަލައަށް އޮތް ހައްލަކީ ދެ އިންތިޚާބު އެއްކޮށްލުންކަމަށް ފާހަގަކުރައްވައި ނިހާދު ވިދާޅުވީ، އޭރުން ހޮވޭ ސަރުކާރަކަށް އެ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ބަޖެޓު ފާސްކޮށް، ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމުގެ ފުރުސަތު ފުރަތަމަ ދުވަހުން ފެށިގެން ލިބިގެންދާނެ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން މި ވިސްނުމަށް ދެކޮޅު ހަދަނީ ސިޔާސީ ބޭނުމެއްގައިކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން، ގާނޫނުއަސާސީއަށް ބަދަލު ގެނައުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް އޮތްއިރު، މި ބަދަލު ގެނައުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭކަމަށް އަމިއްލަ ހިޔާލުގައި ގަބޫލު ނުކުރާކަމަށް ނިހާދު ވިދާޅުވިއެވެ. އެއީ ދެ އިންތިހާބު އެއްކޮށްލުމަކީ، ރައްތިތުންނަށް ފައިދާހުރި ބަދަލަކަށްވާތީކަމަށް ނިހާދު ވިދާޅުވި އެވެ.

