އެކަނިވެރި މައިންނާއި ބަފައިންނަށް ދެމުންދިޔަ އިނާޔަތް 1000 ރުފިޔާގެ ގޮތުގައި ކަނޑައެޅި 15 އަހަރު ދުވަސް އެގޮތުގައި އޮތްކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓު މިނިސްޓަރ ޑރ އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓުގެ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މިނިސްޓަރ އައިޝަތު ޝިހާމް ވިދާޅުވީ، ގައުމެއްގައި ގާއިމުކުރެވިފައިވާ އިޖްތިމާއި ރައްކައުތެރިކަން ލިބިދިނުމުގެ ނިޒާމެއް މުހިންމުވެގެން އަންނަނީ އެ ގައުމެއްގައި ދިރިއުޅޭ ނިކަމެތި، އަޅާލުންތެރިކަން ބޭނުންވާ ނާޒުކު ހާލަތެއްގައި ދިރިއުޅެމުންދާ ރައްޔިތުންނަށް އެބައެއްގެ ހަޔާތުގައި ދަތިތަކެއް ދިމާވެގެންދާ ވަގުތުގައި ދުވަސްކޮޅަކަށް ނަމަވެސް ފަސޭހަކަމުގެ ތެރެއަށް ގެންގޮސްދިނުމަށްކަމަށެވެ.
މިނިސްޓަރ ވިދާޅުވީ މި ނިޒާމަކީ އެމީހަކަށް ނުވަތަ ބަޔަކަށް އަމިއްލައަށް އަރައިނުގަނެވޭ ފަދަ ދަތިކަމެއް ދިމާވުމުން ގޮތްތަކެއް ހޯދައިދިނުމަށްޓަކައި ބިނާކުރެވިފައިވާ ނިޒާމެއްކަމަށެވެ. އަދި ވިދަޅުވީ މިފަދަ ނިޒާމެއް އެކަށައެޅިފައިވަނީ ކޮންމެ ރައްޔިތަކަށްވެސް އެފަދަ ހާލަތެއް މެދުވެރިވެދާނެކަމަށް ބަލައިގެންކަމަށާއި އެފަދަ ހާލަތެއް މެދުވެރިވެ އިތުރަށް ނިކަމެތިވެގެންދިއުމަށް ޖާގަ ދިނުމުގެ ބަދަލުގައި އެހީތެރިކަން ދެވިއްޖެ ހާލަތެއްގައި އެކަމުގެ ސަބަބުން މުޅި މުޖުތަމައަށްވެސް ރައްކައުތެރިކަން ލިބިދެވޭކަމަށެވެ.
މީގެއިތުރުން އައިޝަތު ޝިހާމް ވިދާޅުވީ ނުކޮށްދެވިއްޖެ ހާލަތެއްގައި އެކަމުގެ އަސަރުތައް މުޅި މުޖުތަމައަށްވެސް ކުރާކަމަށާއި ކުދިންތަކެއްގެ ތައުލީމީ ފުރުސަތު ގެއްލިގެންދިއުން ފަދަ ހާލަތެއް މެދުވެރިވުމުގެ ސަބަބުން ތައުލީމު ހާސިލު ނުކުރެވި ދިއުމުގެ ސަބަބުން އެކަމުގެ އަސަރު މުޖުތަމައުގެ ތެރެއިން ފެނިގެންދާކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، މިފަދަ ކަންކަމަކީ ތަހުޒީބު މުޖުތަމައެއްގެ ގޮތުގައި ސަމާލުކަން ދޭންޖެހޭ ކަންކަމުގެ ގޮތުގައި ދެކިވަޑައިގަންނަވާކަމަށެވެ. ރާއްޖޭގައި އޮތް އިޖްތިމާއީ ނިޒާމުގެ ގާނޫނު ފަރުމާކޮށްފައިވަނީ 2014 ވަނަ އަހަރުގެ ތެރޭގައިކަމަށް އަލިއަޅުއްވައި މިނިސްޓަރ ވިދާޅުވީ، އެކަނިވެރި މައިންނާއި ބަފައިންނަށް ލިބޭ އިނާޔަތް އެއްހާސް ރުފިޔާގައި ކަނޑައެޅިފައި އޮވެ 15 އަހަރު ދުވަސް ހޭދަވެގެންދިޔަކަމަށެވެ. ނަމަވެސް މި ސަރުކާރުންވަނީ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތާއި ކުރިމަތިލާންޖެހޭ ދަތިތަކަށް ރިއާޔަތްކޮށް އެ އަދަދު އިތުރުކޮށްފައިިކަން ފާހަގަކުރެއްވިއެވެ.

