ސައިކްލޯން ޑިތްވާގެ ނަންދެވިފައިވާ ތޫފާނުގެ ސަބަބުން ސްރީލަންކާގެ މުހިންމު މަގުތައް ބަންދުވެފައި އޮތުމުން ހައްލުތަކެއް ގެނައުމަށްޓަކައި އިންޑިއާގެ އަސްކަރިއްޔާއިން މަސައްކަތްތައް ފަށައިފިއެވެ.
މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ސައިކްލޯން ޑިޓްވާގެ ސަބަބުން ސްރީލަންކާއަށް ބޯކޮށް ވިއްސާރަކޮށް ބޮޑެތި ގެއްލުންތައް ކުރިމަތިވެފައިވާއިރު މަގުތައް ބަންދުވެފައި އޮތުމުގެ ސަބަބުން އެއް ސަރަހައްދުން އަނެއް ސަރަހައްދަށް ދަތުރުކުރުމުގައި ރައްޔިތުންނަށް ވަނީ ގޮންޖެހުންތައް ކުރިމަތިވެފައެވެ.
އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އިންޑިއާގެ އަސްކަރިއްޔާގެ އިންޖިނިއަރިންގަށް ހާއްސަ ޓާސްކްފޯސްއަކުން ވަނީ މައި ދެ ސަރަހައްދުކަމަށްވާ ކެންޑީ އަދި ބަޑުއްލާ ދެމެދު ދަތުރަށް ފަހިކުރުމުގެ ގޮތުން މަގު އަލުން ހުޅުވާލުމަށް މަސައްކަތްތައް ފަށާފައެވެ. އިންޑިއާ އަސްކަރިއްޔާއިން ފޮނުވާފައިވާ ޓާސްކްފޯސްއިން ވަނީ ބައެއް މަގުތައް ބަންދުވެފައި އޮތުމުން ވަގުތީ ގޮތުން ބޭނުންކުރާ ބުރިޖު ފަދަ ވަސީލަތްތައް ތައްޔާރުކޮށް ދުރު މަގުތަކުން ދަތުރުކުރަން ޖެހުމުގެ ސަބަބުން ބޭކާރުވެގެންދާ ވަގުތު ސަލާމަތްކޮށް އެންމެ އަސަރު ފޯރާފައިވާ ސަރަހައްދުތަކަށް ޒަރޫރީ ބޭނުންތައް ފުއްދުމުގެ މަގު ފަހިކޮށްދީފައެވެ.
އިންޑިއާގެ އަސްކަރިއްޔާއިން މައުލޫމާތު ދޭގޮތުން އެ ފަރާތުން ދަނީ އެއްކޮށް މަގުތައް ބޭނުންކުރެވޭ ހާލަތަށް ގެނައުމަށް އަމާޒުކޮށް މަސައްކަތް ކުރަމުންނެވެ.
އިންޑިއާއިން ވަނީ ސްރީލަންކާއަށް ކުރިމަތިވި ހާލަތުން އަރައިގަތުމަށްޓަކައި އެހީތެރިކަން ދިނުމުގެ ގޮތުން ސާގަރް ބަންދޫގެ ނަމުގައި އޮޕަރޭޝަނެއް ފަށާފައެވެ. އެ ގައުމުން ސްރީލަންކާއަށް އިންސާނީ އެހީތެރިކަން ދެމުންދަނީ މި ހާއްސަ އޮޕަރޭޝަންގެ މަސައްކަތްތަކުގެ ގޮތުގައެވެ.
މި އޮޕަރޭޝަންގެ ދަށުން އިންޑިއާއިން ވަނީ ހަލާކުވެފައިވާ ވަސީލަތްތައް މަރާމާތުކުރުމަށް އިންޖިނީރުން ފޮނުވާފައިކަމަށްވާއިރު މުދަލުގެ ގޮތުންވެސް އެހީ ދީފައިވެއެވެ. މަސައްކަތްތައް ކުރިއަށްދާ ގޮތް ބެއްލެވުމުގެ ގޮތުން އިންޑިއާގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފްވެސް ވަނީ ސްރީލަންކާއަށް ޒިޔާރަތްކުރައްވާފައެވެ.

