2024ގެ ޑިސެމްބަރުގައި ހުރި އަގުތަކަށް ބަލާއިރު 2025ގައި އެންމެ ބޮޑަށް އަގު އުފުލުނީ ހަކުރާއި މާމުއި އަދި ޗޮކުލެޓު ފަދަ މުދަލުންނާއި ތެލާއި ސަރުބީގެ ގޮތުގައި ގިންތިކުރެވިފައިވާ ބާވަތްތަކުންކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ބުނެފިއެވެ.
2025 ވަނަ އަހަރު ނިމުނުއިރު ރާއްޖޭގައި ޒަރޫރީ ކަންކަމުގައި ބޭނުންކުރާ މުދަލުގެ އަގުތަކަށް އައިސްފައިވާ ބަދަލުތަކުގެ މައުލޫމާތު ސްޓެޓިސްޓިކްސް ބިއުރޯއިންވަނީ އާންމުކޮށްފައެވެ. އެ ވުޒާރާއިން ބުނާގޮތުން 2025ގެ ނޮވެމްބަރު މަހާއި އަޅާބަލާއިރު ޑިސެމްބަރުގެ ތެރޭގައި ޖުމުލަ ގޮތެއްގައި ކާބޯތަކެތީގެ ގޮތުގައި ގިންތިކުރެވިފައިވާ މުދަލުގެ ބާވަތްތަކުގެ އަގު 0.68 އިންސައްތައިން އުފުލިގެންގޮސްފައިވާކަމަށެވެ.
މި ބާވަތްތަކުގެ ތެރޭގައި އެންމެ ބޮޑަށް އަގު އުުފުލިގެންދިޔައީ ތަރުކާރިންކަމަށް ބުނެފައިވެއެވެ. އެ ބާވަތުން 5 އިންސައްތައަށްވުރެ ބޮޑު އިތުރުވުމެއް އައިސްފައިވާކަމަށް މައުލޫމާތު ދީފައިވެއެވެ. ކިރާއި ބިހުގެ އަގު 1.12 އިންސައްތައިން އިތުރުވެފައިވާއިރު ހަކުރާއި މާމުއި އަދި ޗޮކްލެޓު ފަދަ މުދަލުގެ އަގުވެސް ބޮޑުވެފައިވާކަން ވުޒާރާގެ މައުލޫމާތުން ފެނިގެންދެއެވެ. ނަމަވެސް މަހުގެ ބާވަތްތަކުގެ އަގު 1.46 އިންސައްތައިން ދަށްވެގެންދިޔަކަމަށާއި އަހަރުން އަހަރަށް ބަލާއިރުވެސް 2024 ވަނަ އަހަރަށްވުރެ 2025ގައި ކާބޯތަކެތީގެ އަގު ބޮޑުވެފައިވާކަން ފެނިގެންދާކަމަށް ބުނެފައިވެއެވެ.
ނަމަވެސް 2024 ވަނަ އަހަރު ނިމުނުއިރު ހުރި މިންވަރުތަކަށް ބަލާއިރު އެންމެ ބޮޑަށް 2025 ނިމުނުއިރު އަގު އުފުލިފައިވަނީ ހަކުރާއި އެފަދަ ބާވަތްތަކުންކަމަށް ފާހަގަކޮށްފައިވެއެވެ. މި ބާވަތްތަކުގެ އަގުވަނީ 4.67 އިންސައްތައިން އިތުރުވެފައިކަމަށްވާއިރު ދެވަނައަށް އެންމެ ބޮޑު އުފުލުމެއް ފާހަގަކުރެވިފައިވަނީ ތެލާއި ސަރުބީގެ ގޮތުގައި ގިންތިކުރެވިފައިވާ މުދަލުންކަމަށް ބުނެފައިވެއެވެ. ނަމަވެސް 2024ގެ ޑިސެމްބަރުގައި ހުރި މިންވަރަށްވުރެ 2025ގެ އެ މުއްދަތުގައި ތަރުކާރީގެ އަގު 9.22 އިންސައްތައިން ދަށްކަމަށް ބުނެފައިވެއެވެ.

