ޖަރުމަނުވިލާތާއި އިންޑިއާގެ ދެމެދު އަސްކަރީ ގުޅުންތައް ވަރުގަދަމަމުންދިއުމާއިއެކު ބައިނަލްއަގުވާމީ މީޑިއާތަކުގެ ނަޒަރު އެ މަސައްކަތްތަކަށް ހުއްޓިއްޖެއެވެ.
ދުނިޔޭގެ މަޝްރަހު ހޫނުވެ އެކި ގައުމުތަކުގެ ދެމެދު ބޮޑެތި ހަމަނުޖެހުންތައް ހިނގައި ހަނގުރާމަތައް ކުރަމުންދާއިރު މިފަދަ ހާލަތްތައް މެދުވެރިވެދާނެކަމަށް ބަލައި ގިނަ ގައުމުތަކަކުން ދަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރަމުންނެވެ. މީގެ ތެރޭގައި ދުނިޔޭގެ ބޮޑެތި ބާރުތަކާއި ކުދި ގައުމުތައްވެސް ހިމެނޭއިރު ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމުގައި މުހިންމު ދައުރެއް އަދާކުރާ އަވަށްޓެރި އިންޑިއާ އަދި އަސްކަރީގޮތުން ދުނިޔޭގެ އެންމެ ވަރުގަދަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ޖަރުމަނުވިލާތުން ވަނީ ގިނަ އަދަދެއްގެ ސަބްމެރީންތަކަކާއި ގުޅުންހުރި މުއާމަލާތެއް ކުރެވިފައިވާކަން ހާމަކޮށްފައެވެ.
އިންޑިއާ ކަނޑުގެ ސަރަހައްދު ބެލެހްޓުމުގެ ޒިންމާ އަދާކުރުމަށްޓަކައި މިހާރު ހޯދުމަށް ކަނޑައެޅިފައި ވަނީ ޒަމާނީ ވަސީލަތްތަކާއިއެކު ފަރުމާކުރެވިފައިވާ ހަ ޑީސެލް އިލެކްޓްރިކް ސަބްމެރީންކަން ނޫސްތަކުން ރިޕޯޓުކުރެއެވެ.
ޖަރުމަނުވިލާތުގެ ހަބަރުތަކުން ބުނާގޮތުން ވިއްކުމަށް ކަނޑައެޅިފައިވަނީ ހަ ”ޓައިޕް 214“ ސަބްމެރީނެވެ. މި ތަކެތީގެ ޖުމުލަ އަގު 8 ބިލިއަން ޑޮލަރަށް އަރައެވެ.
އަސްކަރީ ގާބިލުކަން ވަރުގަދަ ކުރަމުގެ މަސައްކަތް އިންޑިއާއިން ކުރިއަށް ގެންދާއިރު މިފަހުން ކަނޑުމަތިން ކުރާ އިގްތިސާދީ މަސައްކަތްތަކަށް އެކި ހަނގުރާމަތަކުގެ އަސަރުތައް ފޯރައި ވިޔަފާރީގެ ގެއްލުންތައް ދުނިޔޭގެ އެކި ސަރަހައްދުތަކުގައި އެކި ގައުމުތަކަށް ލިބިފައިވެއެވެ. އަދި ބައެއް މަގުތައް ބޭނުންކުރުމުގެ ރައްކައުތެރިކަމާއިއެމު ސުވާލު އުފެދި އެ މަގުތައް މެދުވެރިކޮށް ކުރަމުންދާ އިގްތިސާދީ މުއާމަލާތްތަކުގެ ދެމެހެއްޓެނިވިކަމާއިއެކު ސުވާލު އުފެދިގެންދިޔައެވެ. އެހެންކަމުން މި މުއާމަލާތްތައް ކުރިއަށް ގެންދިއުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިނަމަ އަމަލީ ބައެއް މަރުހަލާތައް އިންޑިއާގައިވެސް ފެނިގެންދާނެކަމުގެ އުންމީދު ލިބިފައިވާކަން ނޫސްތަކުން ބުނެއެވެ.
އިންޑިއާއިން ގަތުމަށް ކަނޑައެޅިފައިވާ ޓައިޕް 214 ސަބްމެރީންތަކަކީ ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ދިފާއީ މަސައްކަތްތަކަށް ބޭނުންކުރަމުންދާ ބާވަތެއްގެ އުޅަނދެެކެވެ. މިގޮތުން ގްރީސްއާއި ތުރުކީ ކޮރެއާ އަދި ޕޯޗުގަލްގައިވެސް މިފަދަ އުޅަނދުތަކުގެ ބޭނުންކުރެއެވެ. މިއީ ބަރު ހަތިޔާރު ހަރުކޮށްފައިހުންނަ 400 މީޓަރު ފުނަށް ފީނުމުގެ ގާބިލުކަން ހުންނަ ވަސީލަތެކެވެ.
ނޫސްތަކުން ބުނާގޮތުން ޖަރުމަނުވިލާތުގެ ޗާންސެލަރު ފްރީޑްރިޗް މާރޒް އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިކަމުގެ ރަސްމީ މުއާމަލާތްތައް ކުރެވި ލިޔެކިއުމަށް ތިރިކުރެވިގެންދިއުމަށް އުންމީދުކުރެވެއެވެ. މިކަމުގައި އަމަލީ ސިފަ ޖެހުމާއިއެކު އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމުގައި ބޮޑެތި ކުރިއެރުންތައް ލިބިގެންދާނެކަމަށް މިފަދަ މަސައްކަތްތައް ގާތުން ބަލަމުންދާ ފަރާތްތަކުން ދެކެއެވެ.

