ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިންނަވަރު ކުއްޖާ ކުޑަ ގޮޅީގައި އޮންނަ މަންޒަރު ދެކޭކަށް ބޭނުމެއް ނޫން!

ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅުން: ވެރިކަމަށް ފަހު ޖަލަށް ދިއުން ނިމުން އަންނަން ޖެހޭ ކަމެއް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސްކަމަށް ކުރިމަތިލާ ރައީސްކަން ލިބި ވެރިކަން ކުރަން ލިބޭ މަދު ދުވަސްކޮޅު ކޮންމެ ވެރިއަކުވެސް ވަރަށް ބޮޑެތި ހުވަފެން ދައްކާ ވެރިކަމާއިގެން އުޅެން ފަށައެވެ. ވަކި ހިސާބަކުން މަޤްސަދު ހަނދާން ނެތި މިސްރާބު ބަދަލުވެ ދެއްކި މިސްރާބް ނޫން އެހެން މިސްރާބަކަށް ދަތުރުކުރަން ފަށައެވެ. ތާރީހުގައި ގިނަ ދިވެހި ވެރިކަންތަކުން ވެސް ފެނިފައިވަނީ މިމިސްރާބަށް ވެރިން ދަތުރުކޮށްފައިވާ މަންޒަރެވެ. ދުނިޔޭގެ ތާރީހުވެސް ދައްކަނީ މިމަންޒަރެވެ. ހައްލަކީ ވެރިކަން ކޮށްފައި ޖަލަށް ދިއުމެއް ނޫނެވެ. ޖަލަށް ނުގެންދެވޭނެ ގޮތަކަށް އަދުލް އިންސާފަށް ވެރިކަން ކުރުމެވެ. ވެރިކަމުން ފައިބާން ޖެހެނީ ރަނގަޅު ގޮތުގައި ވެރިކަން ނުކުރެވޭތީއެވެ. މިއީ ބަދަލު ނުކުރެވޭނެ ހަގީގަތެކެވެ.

ރާއްޖޭގައި ވެރިކަން ކުރެއްވި ގިނަ ވެރިން ޖަލުގެ ގޮޅިއަށް ދާން ޖެހުނު ގޮތާއި މިސްރާބް ބަދަލުވި ގޮތުގެ ވާހަކަ ނުދައްކާ މިއަދު ދޫކޮށްލެވޭކަށް ނެތެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ރާއްޖޭގައި އެންމެ ފަހުން ފަސް އަހަރުގެ ވެރިކަމެއް ކުރެއްވި އަބްދުﷲ ޔާމީން ވެސް ފަސް އަހަރަށް ޖަލުގެ ކުޑަ ގޮޅިއަށް ދާން ޖެހުނީތީއެވެ.

ޖަލު ގޮޅިއަށް ދާން ޖެހުނު ވެރިންގެ ވާހަކަ އަޅުގަނޑު ފަށާނީ ރާއްޖޭގެ ފުރަތަމަ ޖުމްހޫރީއްޔާ ރައީސް މުހައްމަދު އަމީން އާއި ހިސާބުންނެވެ. އަމީން ދީދީ އަކީ ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސެވެ. އަމީން ދީދީގެ ވެރިކަން ވެސް ނިމިފައި ވަނީ ދޫނިދޫ ޖަލަށް ލައި އަވަހާރަކޮށްލުމާއި ހަމައިންނެވެ. އަދި ވެރިކަން ލިބޭނެކަމުގެ ފޮނި ހުވަފެން ދައްކައިގެން ދޫނިދޫއިން މާލެ ގެނެސް އިހާނަތިކޮށް އަމީން ދީދީގެ ދުވަސް ދުއްވާލީ “ހަވަރަށް” ދީގެންނެވެ.

އަމީން ދީދީގެ ވެރިކަން ހަގީގަތުގައި ނިމިފައިވަނީ ޖަލަށް ލުމާއި އަނިޔާވެރި ކަމާއި އެކު ޝަހީދުކޮށްލުމުންނޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ. ހަވަރު ނުކުމެ އަވަހާރަ ކޮށްލީ ވެރިކަމުން ދުރުކުރުމަށްފަހުގައެވެ. މިއީ ތަރީހީ ގިނަ ލިޔުންތަކުން ފެންނަން ހުރި ލިޔުންތައް ބުނެދޭ ގޮތެވެ. ރައީސް އަމީން ވެރިކަމުން ދުރުކުރުމަށް ފަހު ހިނގާ ދިޔަ ސިޔާސީ ކުޅިގަނޑުގެ ވާހަކަ އަޅުގަނޑުގެ މި އަހަރެންގެ ހިޔާލުގައި ނުހިމަނާ ދޫކޮށްލާނަމެވެ. ނަމަވެސް އަމީންގެ ވެރިކަން ނިމުމަކަށް ގެނެސް ދިވެހިން އިހްތިޔާރު ކުރީ ރަސްކަމެކެވެ. އޭގެ ފަހުން އަނެއްކާ ވެސް ޖުމްހީޔަތެއް ބޭނުންވެ ވެރިކަމަށް ރައީސް އިބްރާހިމް ނާސިރު އައްޔަން ކުރެވުނެވެ.

ދިވެހި ޖުމްހޫރީއްޔާގެ ފުރަތަމަ ރައީސް، ރައީސް މުހައްމަދު އަމީން ދީދީ: ހަވަރަށް ދީ ވަނީ މަރާލާފަ: ފައިލް ފޮޓޯ

ރަސްކަމަށްފަހު ޖުމްހޫރިއްޔާއަކަށް ބަދަލުވުމުން އިބްރާހިމް ނާސިރު ވެރިކަމަށް އައީ މަޖިލީހުގެ ރުހުމާއި އެކުގައެވެ. ރައީސްކަމުގައި ހޭދަ ކުރި ދުވަސްވަރު ހެދުނު ގޯސްތަކެއްގެ ސަބަބުން ރައްޔިތުން މަގުމައްޗަށް ނުކުމެ އެވެރިކަންވެސް ނިންމީއެވެ. ވެރިކަމުގެ ތެރޭގައި ކޮރަޕްޝަނާއި ފަސާދަ ގިނަވެ އެންމެ ފަހުން ނާސިރު ޖަލުގެ ކުޑަގޮޅި ފެންނަން ދެން މަޑު ނުކޮށް ރާއްޖެއިން ފިއްލަވައިގެން ސިންގަޕޫރަށް ވަޑައިގަތީޔޭ ބުނެއުޅެއެވެ.

ނާސިރު އަވަހާރަވީ ރާއްޖެއިން ބޭރުގައި ދިރިއުޅުއްވަމުން ވަޑައިގަންނަވަނިކޮށް ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައެވެ. ޖަލަށް ނުލީނަމަވެސް ރައީސް ނާސިރާއާއި ދެކޮޅަށް ކޯޓުގައި މައްސަލަތައް ވަނީ ފުނިޖެހިފައިއެވެ. އަދި ރައީސް ނަސީރު ޖަލަށް ލުމަށް 25 އަހަރުގެ ހުކުމެއް ކުރި ނަމަވެސް ފަހުން ރައީސް މައުމޫން ވަނީ މާޢާފް ދެއްވާފައެވެ. ރައީސް މައުމޫނު ވެރިކަމަށް ވަޑައިގަތީ މި މައްސަލަގަނޑުގެ ތެރޭގައި ކުރެވުނު މުޒާހަރާތަކަށް ފަހުގައެވެ.

ދިވެހި ޖުމްހޫރީއްޔާގެ ދެ ވަނަ ރައީސް ރައީސް އިބްރާހިމް ނާސިރު، އަވަހާރަވީ ސިންގޫރުގަ، 25 އަހަރުގެ ޖުލު ހުކުމެއް ކުރެއްވި: ފައިލް ފޮޓޯ

ރައީސް މައުމޫނުގެ ވެރިކަމަށް ވަޑައިގަތުމަށްފަހު ދިގު 30 އަހަރު ވެރިކަން ކުރެއްވިއެވެ. އެވެރިކަމާއި ދެކޮޅަށް އެތައް މަސައްކަތެއް ގިނަ ބަޔަކު ކުރުމަށްފަހު ރާއްޖޭގައި އެންމެ ފުރަތަމަ ބޭއްވުނު ޑިމޮކްރެޓިކް އިންތިޚާބުން ރައީސް މައުމޫނު ވެރިކަމުން ދުރުކުރިއިރު އޭރު ކުރެވުނު މުޒާހަރާތަކާއި ބޭއްވުނު ޖަލްސާތަކުގައި ރައީސް މައުމޫނު ޖަލަށް ލާން ޖެހޭނެ އެތައް ސަބަބެއް ދިޔައީ ސިޔާސީ ބޭފުޅުން ދައްކަވަމުންނެވެ.

އޭގެ ތެރޭގައި ޖަލުގައި ބަޑިޖެހި މައްސަލަ އާއި ކޮރަޕްޝަނާއި ފަސާދައިގެ އެތައް ބައިވަރު މައްސަލަތައް ހިމެނެއެވެ. އެގޮތުން ދިގު 30 އަހަރުގެ ކޮރަޕްޝަން ބެލުމަށް އަލަށް އިންތިހާބު ކުރި ރައީސް ރިޔާސީ ކޮމިޝަނެއް ވެސް އުފެއްދެވިއެވެ. އަދި ރައީސް މައުމޫނު ވެރިކަމަށް ފަހު އެމައްސަލަ ބެލުމަށް އެތައް މަސައްކަތެއް ކުރިއެވެ. ފުލުސް އޮފީހަށް ރައީސް މައުމޫނު ހާޒިރު ކުރެއްވުމުން “ހަނު” ހުންނެވުމުގެ ސަބަބުން މައްސަލަވެސް މަޑު ޖެހުނީއެވެ. ރައީސް މައުމޫނުގެ ޒަމާންވީ ވެރިކަން ނިމުމަށްފަހު ވެރިކަމުގެ ހުވާކުރެއްވީ ރައީސް މައުމޫނުގެ މައްސަލާގައި އެންމެ ބޮޑަށް އަޑު އުފުއްލެވި ނަޝީދު އެވެ. ގިނަ ބަޔަކު ނަޝީދު ވެރިކަމަށް ގެންނަން ވޯޓުލީ ނަޝީދަށް ދިން ވޯޓެއްގެ ގޮތުގައެއް ނޫނެވެ. ރައީސް މައުމޫނާއި ދެކޮޅަށް ދިން ވޯޓެެއްގެ ގޮތުގައެވެ.

ދެ ވަނަ ޖުމްހޫރީއްޔާ ދެ ވަނަ ރައީސް ރައީސް މައުނޫން އަބްދުލް ގައްޔޫމް، ކޮށްކޯފުޅުގެ ވެރިކަމުގައި ޖަލަސް ލެވުނު : ފައިލް ފޮޓޯ

ރައީސްކަމަށް ނަޝީދު ހުވާކުރުމާއި އެކު ގިނަ ބަޔަކު އިންތިޒާރު ކުރަމުން ދިޔައީ ކުރީގެ ރައީސް މައުމޫނަށް އަދަބު ދީ ޖަލަށް ލާނެ ދުވަހަކަށެވެ. އެއީ ނަޝީދުގެ ވައުދެއްކަމަށް ގިނަ ބަޔަކު ޤަބޫލުވެސް ކުރިއެވެ. ކަންވީވެސް އެހެންނެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި ރައީސް މައުމޫނު ހައްޔަރު ކުރައްވަން ކުރެވޭނެ ހުރިހާ ކަމެއް ކުރުމަށްފަހު އަމާންދީ “ކާމިޔާބުގައި ހިތްތިރިކޮށް ކުރީގެ ވެރިންނަށް އިހުތިރާމު ދޭނެ” ކަމަށް ވިދާޅުވީއެވެ. އެއަށް ފަހު ވެރިކަމައިގެން އުޅެން ފެއްޓެވިއެވެ.

ވެރިކަމުގެ ތަހުތުގައި އިންނަވައިގެން ނަޝީދުގެ ސަރުކާރުން ހިންގަމުން ދިޔަ ދީނާ ހިލާފު ކަންކަމާއި ކޮރަޕްޝަނާއި ފަސާދައިގެ ސަބަބުން ފަހަރަކު ބަޔަކު ނަޝީދާއި ދެކޮޅުވާން ފެށިއެވެ. އަދި އެބައި ގިނަވެ ޕްރެޝަރު ބޮޑުވެ އަމިއްލަފުޅަށް އިސްތިއުފާ ދޭއްވަން މަޖުބޫރުވީއެވެ. އެހިސާބުން ނަޝީދުގެ ސަޕޯޓަރުން ބުނަމުންދިޔައީ “މިއީ މައުމޫނު ހައްޔަރު ނުކުރުމުގެ ނަތީޖާ” ކަމަށެވެ. ކޮންމެއަކަސް އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމުން ޤާނޫނުގައި ބުނާގޮތުގެ މަތިން އޭރުގެ ނައިބު ރައީސް ޑރ. މުހައްމަދު ވަހީދަށް ވެރިކަން ފުރޮޅިގެން ދިޔައީއެވެ.

ނައިބު ރައީސްކަމުން ރައީސްކަމަށް ޑރ. ވަހީދު ވަޑައިގަތުމާއި އެކު ބޮޑެތި ގޮންޖެހުންތައް ކުރިމަތިވިއެވެ. އެއްބަޔަކަށް އެއީ “ބާޢީ” އަކަށްވީއިރު އަނެއް ބަޔަކަށް އެއީ “ހީރޯ” އެކެވެ. ރައީސް ވަހީދުގެ ވެރިކަމުގައި އޭގެ ކުރިން ހުރި ރައީސް، ނަޝީދުގެ މައްސަލަތައް ކޯޓަށް ވެއްދިއެވެ. އަދި ނަޝީދު ހައްޔަރު ކުރުމަށް އެތައް މަސައްކަތެއް ކުރެވުނެވެ. ހައްޔަރު ކުރެވިއްޖެނަމަ އެއީ ކުރިއަށް އޮތް 5 އަހަރު ޔަގީންވާނެ ކަމެއްކަމަށް ގިނަ ބަޔަކު ދެކެމުން ދިއުމުގެ ނަތީޖާ އަކަށްވީ އެމަސައްކަތުގެ ގިޔަރު ބާރުކޮށްލުމެވެ.

ރައީސް ނަޝީދު އަދި ރައީސް މައުނޫން އަބްދުލް ގައްޔޫމް : ފައިލް ފޮޓޯ

އެހެންނަމަވެސް ވަކި ހިސާބަކުން އެ މައްސަލަ ހިންދާލާ ނަޝީދާއި އެކު އިންތިހާބަށް ކުރިމަތިލިއެވެ. އޭރުވެސް ނަޝީދަށް ތާއިދު ކުރާ ފަރާތްތަކުން ގޮވަމުން ދިޔައީ ނަޝީދު ވެރިކަމަށް ވަޑައިގެން ބަޤާވާތް ކުރެއްވި ރައީސް ޑރ ވަހީދު ޖަލަށް ލައްވާނެ ކަމަށެވެ. މިހާ ހިސާބުން އިންތިހާބުގެ ބޮޑު މައުލޫއަކީ ނަޝީދު ވެރިކަމަށް ވަޑައިގެންފިނަމަ ނަޝީދުއާއި އިދިކޮޅު އެންމެން ޖަލަށްލާނެ ކަމަށާއި ނަޝީދުގެ ނޫން މީހަކު ވެރިކަމަށް ވަޑައިގެންފިނަމަ ނަޝީދު ކުޑަގޮޅިއަށް ލައްވާނެ ކަމަށެވެ.

އެހެންކަމުން މި ތިއަރީގެ ދަށުން ނަޝީދު ނޫން ހުރިހާ ބޭފުޅުން އެއްގަލަކަށް އަރާވަޑައިގަތެވެ. ރައީސް މައުމޫނުގެ ވެރިކަމުގެ ދުވަސްވަރު ރައީސް މައުމޫނާއި ދެކޮޅަށް ސިޔާސީ ވެރިން އެއްގަލަކަށް އެރީ މި ތިއަރީގެ ދަށުންނެވެ. އެއީ ރައީސް މައުމޫނު ވެރިކަމަށް ވަޑައިގެންފިނަމަ އިދިކޮޅު އެންމެ ޖަލަށް ލާނެކަމަށާއި މައުމޫނު ނޫން ބޭފުޅަކު ވެރިކަމަށް ވަޑައިގެންފިނަމަ މައުމޫނު ޖަލުގެ ކުޑަގޮޅިއަށް ދާންޖެހޭނެ ކަމަށް ބުނެވުނު ތިޔަރީގެ ދަށުންނެވެ.

ކޮންމެއަކަސް ނަޝީދު ނޫން އެހެން ބޭފުޅުން އެއްގަލަކަށް އަރައިވަޑައިގެން ޔާމީން ވެރިކަމަށް ގެނައިތާ މާގިނަ ދުވަހެއް ނުވެ ނަޝީދުގެ ދައުރުގައި ހިންގާފައިވާ ކަންކަމުގެ މައްސަލަތައް ކޯޓަށް ވައްދާ އެ މައްސަލަތައް ބަލަން ފެށިއެވެ. އަދި އެންމެ ފަސޭހައިން ނަޝީދު ޖަލަށް ލެވޭނެ ތިޔަރީގެ ދަށުން “އަބްދުﷲ ގާޒީ” ގެ މައްސަލަ ހިލުވާލައި ނަޝީދަށް ޖަލުގެ ކުޑަ ގޮޅި ކަށަވަރު ކޮށްދެއްްވިއެވެ.

ކުރީގެ ރައީސް ނަޝީދު އަދި ރައީސް އަބްދިﷲ ޔާމީޏް: ފައިލް ފޮޓޯ

ރައީސް ޔާމީންގެ ސަޕޯޓަރުންނާއި ރައީސް ޔާމީންއަށް ސަޕޯޓް ނުކުރިޔަސް ނަޝީދަށް ތާއިދު ނުކުރާ މީހުންގެ އުންމީދާއި ހުވަފެން ހަގީގަތަކަށްވީއެވެ. އެމީހުން ދެކެނީ ނަޝީދު ޖަލަށް ނުލެވިއްޖެނަމަ ނަޝީދު ގަދަވެ އަދި އެއްފަހަރު ވެރިކަމަށް އަރާނެ ކަމަށެވެ. ނަމަވެސް 2018 ވަނަ އަހަރު ރިޔާސީ އިންތިހާބް ބޯމަތިވިއިރު ނަޝީދުއަށް ކުރިމަތިވެފައިވި ހާލަތުގެ ސަބަބަުން ވެރިކަމަށް ކުރިމަތިލެއްވޭ ގޮތް ނުވިއެވެ. މިއަދު ނަޝީދު މަޖިލީޙުގެ ރައީސްގެ ގޮނޑިކޮޅުގައި އިންނެވި ނަމަވެސް ބޭނުންވިކަން ވެއްޖެއެވެ.

ހިތާ ދެކޮޅަށް ނަޝީދަށް ޖެހިވަޑައިގަތީ ހިންނަވަރު ކުއްޖާއަށް ވެރިކަން ދޭން މަސައްކަތް ކުރާށެވެ. ނަޝީދު އެކަން ކުރެއްވީ ޖަލުގެ ކުޑަ ގޮޅިން ސަލާމަތްވުމުގެ ބޭނުމުގައިކަން ހިންނަވަރު ކުއްޖާ އިންތިހާބް ކާމިޔާބް ކުރި ހިސާބުން ޔަގީން ވެގެންދިޔައެވެ.

އެވާހަކަތައް މިވަގުތު ދައްކާކަށް ނެތީމެވެ. ދަންނަވާލަން ބޭނުން ވަނީ ރާއްޖޭގައި އެންމެ ފަހުން ވެރިކަން ކުރެއްވި އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް މިއަދު ޖެހިފައިވާ ހާލަކީ ރާއްޖޭގައި މީގެކުރިން ރައީސްކަން ކުރެއްވި ރައީސުންނަށް ޖެހުނު ހާލެވެ. ވެރިކަމަށް އަންނަނީ އެތައް ބަޔެއްގެ ރުހުމާއި އެކުގައެވެ. އެހެނަސް ވެރިކަން ލިބުމުން ވެރިކަމުގެ މަޤްސަދު ހަނދާން ނެތި އެތައް ބަޔެއްގެ ނުރުހުން އަމާޒުވެ ޖަލަށް ވަޑައިގަންނަވަން ކޮންމެ ވެރިއަކަށް މިޖެހެނީ ކީއްވެބާއެވެ؟

ރައީސް ސާލިޙް އަދި ރައީސް ނަޝީދު: ފައިލް ފޮޓޯ

ދީނާއި ޤައުމާއި ނުކުޅެ އަމާނާތްތެރި ކަމާއި އެކު ވެރިކަން ނުކުރެވެނީ ކީއްވެބާއެވެ؟ މިއީ ސިޔާސީ ވެރިން ވިސްނަން ޖެހޭ ސުވާލުތަކެވެ. ޔަގީންވާ އެއްކަމެއް އެބައޮތެވެ. ކޮންމެ ވެރިއަކުވެސް ވެރިކަމަށް ވަޑައިގެން ކުރިން ހުރި ވެރިމީހާ ކަނޑާ ވައްޓާލަށް މަސައްކަތް ފަށައެވެ. އަދި ސައިޒަށް ތިރިކޮށް “މައާފުދީ” ވެރިކަން ކޮށްފައިވާ މީހުން ބަދުނާމު ކުރުމުން އެބޭފުޅުންގެ މަޤްސަދު ހާސިލުވީއެވެ. ކުރީގެ ރައީސުން ޤައުމު ދޫކޮށް ދިއުމަކީ އެފަދައިން އަމަލު ކުރާ ސަބަބަކަށްވެސް ވެދާނެއެވެ.

“މަގުމަތިން ވެރިކަމަށް، ވެރިކަމުން ޖަލަށް، ޖަލަށް ނުދާނަމަ ޤައުމުން ބޭރަށް ގޮސް ވެރިކަމާ ނުތޮޅި ހުންނަންވީއޭ” ބުނާ ކަހަލައެވެ. އެހެނަސް “މަންޑޭލާ” ކަހަލަ ޝަހުސިއްޔަތުން މަގުމަތީވެސް އުޅެ، ޖަލަށްވެސްގޮސް، ވެރިކަމަށް ވެސް ވަޑައިގެން، ވެރިކަން ކުރައްވައި، ވެރިކަމުގެ ދައުރު ފުރިހަމަކޮށް ރީތި ގޮތުގައި ދުނިޔޭގައި އުޅެ އަވަހާރަވީ އެންމެންގެ ލޯބި ލިބިގެންނެވެ.

އެވެރިއެއްގެ ނިމުން އަންނާނީ އެވެރިއެއް ވެރިކަން ކުރި ގޮތުގެ މައްޗަށެވެ. ހައްލަކީ ވެރިކަން ކޮށްފައި ޖަލަށް ދިއުމެއް ނޫނެވެ. ޖަލަށް ނުގެންދެވޭނެ ގޮތަކަށް އަދުލް އިންސާފަށް ވެރިކަން ކުރުމެވެ. ވެރިކަމުން ފައިބާން ޖެހެނީ ރަނގަޅު ގޮތުގައި ވެރިކަން ނުކުރެވޭތީއެވެ. އަޅުގަނޑު އުންމީދަކީ މިއަދު ދިވެހިރާއްޖޭގެ ވެރިކަމުގެ ތަޙުތުގައި ހުންނެވި ހިންވަރު ކުއްޖާ ރައީސުން ޖަލުގެ ގޮޅިއަށްދާ ދިއުން ނިމުމަކަށް ގެނައުމެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: