ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން، އާއިލީ ބޯހިޔާވަހިކަން ޕްރޮގްރާމްގެ އުސޫލުތަކާ އެއްގޮތަށް ބިމާއި ފުލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު މާދަމާ ހުޅުވާލަން ނިންމައިފިއެވެ.
”ބޯހިޔާވަހިކަން އެންމެނަށް“ ސަރުކާރުގެ ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމް އިއުލާނު ކުރީ މިދިޔަ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ. މި ސްކީމުގައި ގޯތި އަދި ފްލެޓް ދޫކުރުމުގެ އުސޫލުވެސް ވަނީ އާއްމުކޮށްފައެވެ.
ސަރުކާރުން އިއުލާނު ކުރީ ގްރޭޓަރ މާލެ ސަރަހައްދުންނާއި ރަސްމާލެ ހިމެނޭހެން 15،000 ގޯތި ދޫކުރުމަށާއި މާލެ ސަރަޙައްދުން 7،900 ފްލެޓް ދޫކުރުމަށެވެ.
ކުރިން ފޯމު ހުށައެޅުމަށް ހުޅުވާލަން ނިންމީ ޖެނުއަރީ މަހުގެ 4 ވަނަ ދުވަހުން ފެށިގެންނެވެ. ނަމަވެސް ފަހުން އެ މުއްދަތު ޖެނުއަރީ 15 ވަނަ ދުވަހަށް ފަސްކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ރައްޔިތުންގެ ބައްދަލުވުންތަކުގައި ރައްޔިތުން ހުށަހެޅި ކަންބޮޑުވުންތަކާ ގުޅިގެން އުސޫލަށް ބައެއް އިސްލާހުތައް ގެނައުމަށެވެ.
ފްލެޓް ދޫކުރުމަށް ހަމަޖެހިފައި ވަނީ މާލޭގެ ރަށްވެހިންނަށް 4،000 ފުލެޓާއި، މާލޭގައި ދިރިއުޅޭ އެހެނިހެން ރަށްރަށުގެ ރަށްވެހިންނަށް 1،500 ފުލެޓު އަދި ހާއްސަ އިސްކަންދޭ ކެޓަގަރީތަކުން 2،400 ފުލެޓެވެ.
ގޯތި ދޫކުރުމުގައި ހިމެނެނީ މާލޭގެ ރަށްވެހިންނަށް ހާއްސަކޮށްފައިވާ 10،000 ގޯތި، މާލޭގައި ދިރިއުޅޭ އެހެނިހެން ރަށްތަކުގެ ރައްޔިތުންނަށް ހާއްސަ 3،000 ގޯތި އަދި މައިމުޅަވެފައިވާ މީހުންގެ ކެޓަގަރީން 500 ގޯއްޗާއި، މާލޭގެ ހަނި ގޯޅިތަކުގައި ހުރުމުގެ ސަބަބުން އެ ބިމެއް ތަރައްގީ ކުރުމަށް ދަތިވާ ގޯތިތަކާއި، ލާޖައްސައިގެން ގޯތި ބަދަލު ކުރާ ފަރާތްތަކަށް ހާއްސަކޮށްފައިވާ 1،500 ގޯއްޗެވެ.
ކޮންމެ މީހަކަށްވެސް ފޯމު ހުށައެޅޭނީ ގޯތި ނުވަތަ ފްލެޓް، މިއިން ކޮންމެވެސް އެއް ސްކީމަކަށެވެ. އަދި އެ ސްކީމުގެވެސް އެއް ކެޓަގަރީއިންނެވެ. މިފަހަރު ފްލެޓަށް އެދި ހުޅުވާލުމުގައިވެސް މާލޭގެ ރަށްވެހިންނާއި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންގެ ކެޓަގަރީގެ އިތުރުން ހާއްސަ ކެޓަގަރީތައް ހިމެނެއެވެ. ހާއްސަ އިސްކަންދޭ ކެޓަގަރީގައި ހިމެނޭ 2،400 ފްލެޓް، އިތުރު 15 ކެޓަގަރީއަކަށް ވަނީ ބަހާލާފައެވެ.

