އިންޑިއާގެ އިގްތިސާދާއި މާލީ ހާލަތު ރަނގަޅުވަމުންދާކަން އެ ގައުމުގެ އެންމެ މަގުބޫލު އަދި ސައިކަލު އުފެއްދުމުގެ މަސައްކަތްތައް ކުރާ ދުނިޔޭގެ އެންމެ ބޮޑު ކުންފުނީގެ ތަފާސްހިސާބުތަކުންވެސް ފެނިގެންދާކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެފިއެވެ.
އިގްތިސާދީ މަސްރަހުގެ ކަންކަން ބަލާ ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުން ސައިކަލު އުފެއްދުމުގެ މަސައްކަތްތަކުގައި ދުނިޔޭގެ އެންމެ ބޮޑު ކުންފުނިކަމަށްވާ ހީރޯ މޮޓޯ ކޯރޕްސްއުން އެންމެ ފަހުން އާންމުކޮށްފައިވާ އެ ކުންފުނީގެ މާލީ ހާލަތު އަންގުވައިދޭ ހިސާބުތަކުން އިންޑިއާގެ އިގްތިސާދީ ހާލަތު އަދި މާލީ ދުޅަހެޔޮކަމުގެ އަންދާޒާއެއް ކުރެވޭކަމަށެވެ.
ފަހަކަށް އައިސް އިންޑިއާގެ އިގްތިސާދު ފުޅާވެ ކުރިއަރަމުންދާކަމުގެ ވާހަކަތަކުގެ އަޑު ގަދަވެފައިވާއިރު މުދަލަށް އޮތް ޑިމާންޑަށް ބޮޑެތި ބަދަލުތައް އައިސް އަގު ބޮޑު ކާރުތަކާއި ގެތަކުގެ ޑިމާންޑު އިތުރުވެގެންދިޔަކަމަށެވެ. މިއީ ބޮޑެތި ސިޓީތަކުގެ މުޖުތަމައިން ފެނިގެންދިޔަ އަސަރުތަކެއް ނަމަވެސް އަގުލަބިއްޔަތު ރައްޔިތުން ދިރިއުޅެމުންދާ ރަށްފުށު ސަރަހައްދުތަކުގައި ދެ ފުރޮޅުލީ އުޅަނދުތަކަށް އޮތް ޑީމާންޑު ގެއްލިގެންދިޔަކަންވެސް ފާހަގަކޮށްފައިވެއެވެ. ސަބަބަކީ މާލީ ބާރުވެރިކަން ހީނަރުވެގެންދިއުމެވެ.
އެހެންކަމުން ގައުމުގެ ޖުމުލަ މާލީ ދުޅަހެޔޮކަމާއިމެދު ބައެއް ފަރާތްތަކުން ސުވާލު އުފެއްދިއިރު ހީރޯ މޯޓޯ ކޯރޕްސްއާއި ދާދި އެއް ހަމައެއްގައި ފިޔަޖަހަމުންދާ ކުންފުންޏެއްކަމަށްވާ ޓީވީއެސްއިންވެސް ބޮޑެތި ކުރިއެރުންތަކެއް ރިޕޯޓުކޮށްފައިވުމުނާއި އިންކަމް ޓެކްސް ފަދަ ލުއިތަކެއް ލިބިފައިވަނީ 2025 ވަނަ އަހަރުގެ ކުރީ ކޮޅުގައިކަމަށްވުމުން އަހަރުގެ ފަހު ކުއާޓާރގައި މާލީ ކުރިއެރުންތަކެއް ލިބިފައިވުމަކީ ރަށްފުށު ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން މާލީގޮތުން ބާރުވެރިވަމުން އަންނަކަމުގެ ހެއްކެއް ކަމަށެވެ.
މިއީ 2025 ވަނަ އަހަރުގެ ތެރޭގައި ދުނިޔޭގެ ހަތަރުވަނަ އަށް އެންމެ ބޮޑު އިގްތިސާދުގެ ގޮތުގައި އޮތް ޖަޕާނުގެ މައްޗަށް ކުރި ހޯދައި އެ މަގާމު ހާސިލުކުރި 4 ޓްރިލިއަން ޑޮލަރަށްވުރެ އިތުރަށް އަގުކުރެވޭ އިގްތިސާދެއް އޮންނަ އިންޑިއާއަށް އުފާވެރި ހާލަތެކެވެ. އިންޑިއާގެ ބެންކުތަކުގެ ފަރާތުން ނޫސްތަކަށް ދޭ މައުލޫމާތުތަކަށް ބަލާއިރު ލޯނު ނަގަމުންދާ މިންވަރު އިތުރުވަމުންދިއުމާއި ކްރެޑިޓަށް އޮތް ޑިމާންޑު އިތުރުވަމުން އަންނަކަން ފާހަގަކުރެވެއެވެ. އަދި އެފަދަ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން 42 އިންސައްތަ މީހުންގެ އާމްދަނީ އިތުރުވެގެންދިޔަކަންވެސް ބެންކުތަކުގެ މައުލޫމާތުތަކުން ފެނިގެންދެއެވެ. 30 ކުންފުންޏެއްގެ ސީއީއޯ ފެންވަރުގެ މީހުންނާއިއެކު ކުރި އިންޓަރވިއުތަކުގައި ކޮންމެ 10 މީހަކުން 8 މީހަކުވަނީ މި އަހަރުގެ ތެރޭގައި އިތުރަށް ވިޔަފާރި ފުޅާކުރުމަށް ރާވަމުންދާކަން ހިއްސާކޮށްފައިކަންވެސް ނޫސްތަކުން ފާހަގަކުރެއެވެ.

