ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން 10 ތަނެއް ބަލާ ފާސްކޮށް، 5 ތަނަކަށް ނޯޓިސްދީފިއެވެ.
މި އޮޕަރޭޝަނާއި ގުޅޭގޮތުން ފުލުހުންގެ ބުނީ ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސައްޚަ ވިސާއެއް ނެތި އުޅެމުން ގެންދާ ބިދޭސީން ހޯދައި އަނބުރާ އެމީހުންގެ ގައުމުތަކަށް ފޮނުވާލުމަށް ކުރިއަށް ގެންދާ ސިލްސިލާ އޮޕަރޭޝަން ތަކުގެ ތެރެއިން، ފުލުހުންނާއި، އިމިގްރޭޝަން، ކަސްޓަމްސް އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) ގުޅިގެން ހިންގި އޮޕަރޭޝަންގައި ޖުމްލަ 10 ތަނެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ.
އަދި މި އޮޕަރޭޝަންގެ ތެރެއިން 5 ތަނަކަށް ނޯޓިސް ދިނުމަށްފަހު ވަނީ ބަންދުކޮށްފައެވެ.
ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 3 ބިދޭސީއަކު ވަނީ މި އޮޕަރޭޝަންގެ ތެރޭގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށްވެސް ގެންގޮސްފައެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް ބިދޭސިން މަސައްކަތް ކުރަމުން ގެންދާ މައްސަލަތަކާއި، ކުރާ ވިޔަފާރިތައް ހުއްޓުވުމަށް ހާއްސަ އޮޮޕަރޭޝަނެއް މި މަހުގެ ކުރީކޮޅު ވަނީ ފަށާފަ އެވެ. މި އޮޕަރޭޝަނުގެ ތެރެއިން ދެ ހަފްތާއެއްގެ ތެރޭގައި 80 އަށް ވުރެ ގިނަ މަސާޖު ޕާލާތައް ވަނީ ބަންދުކޮށްފަ އެވެ. އަދި އެ ވިޔަފާރިތަކުގައި ޝާމިލުވެ، އެކަން ކުރަމުން ދިޔަ ގިނަ ބިދޭސީންތަކެއް ހައްޔަރުކޮށް އެ މީހުން ޑީޕޯޓު ކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.
ބިދޭސީންގެ މައްސަލައިގައި މިހާރު ކުރަމުން ގެންދާ މަސައްކަތްތަކާއި ގުޅޭގޮތުން ހޯމް މިނިސްޓަރ އަލީ އިހުސާން ވިދަޅުވީ މިފަދަ ގާނޫނާ ހިލާފު ވިޔަފާރިތައް ހިންގުމުގައި އިސްކޮށް އުޅެނީ ބިދޭސީން ކަމުގައި ވިޔަސް، ރަސްމީކޮށް މި ވިޔަފާރިތައް ރަޖިސްޓަރީކޮށްފައި ހުންނަނީ ދިވެއްސެއްގެ ނަމުގައި ކަމަށެވެ. މިކަމުގެ ސަބަބުން ގާނޫނީ ފިޔަވަޅު އެޅުމަށް ދަތިތަކެއް ހުރި ނަމަވެސް، އެކަމަށް ވެސް ހައްލެއް ހޯދިފައިވާކަމަށް އިހުސާން ވިދާޅުވި އެވެ.
މިފަދަ މައްސަލަތައް ތަހުގީގުކުރުމުގައި ވަގުތު ނަގަނީ އިހުސާން ވިދާޅުވި ގޮތުގައި، ގާނޫނާ ގަވާއިދާ އެއްގޮތަށް އޭގައި ހިމެނޭ ކޮންމެ މީހެއް، އެއީ ދިވެހިންކަމަށް ވިޔަސް އަދި ބިދޭސީން ނަމަވެސް އެމީހުންނަށް ލިބިދޭންޖެހޭ ހައްގުތައް ލިބިދޭކަން ކަށަވަރުކުރެވޭތީ އެވެ. ގާނޫނުގެ މައްޗަށް ބިދޭސީން ގެނެވޭނެ ފަދަ ހެއްކާއި ގަރީނާ ހޯދައި، އެމީހުންނާ ދޭތެރޭ ފިޔަވަޅު އެޅުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް އިހުސާން ވިދާޅުވި އެވެ.

