ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމާއި، ރިޔާސީ ދައުރާއި ގުޅުވައި އިދިކޮޅު މައި ޕާޓީ ފަތުރަމުންދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން ވިދާޅުވެއްޖެއެވެ.
ހަރަދު ކުޑަކުރުމުގެ ގޮތުން، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ގެންނަ އިސްލާހާއި ގުޅޭ ބިލުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގައި ފެށީ ދައުރުން ބޭރުން މިދިޔަ ހަފްތާގައި ބޭއްވި ޖަލްސާއެއްގަ އެވެ. މި ބިލުގެ މަސައްކަތް ކޮމިޓީ މަރުހަލާއަށް ފޮނުވާފައިވާއިރު ފެބްރުއަރީ މަހު 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ފެށުމުގެ ކުރިން ކޮމިޓީން ބިލުގެ މަސައްކަތުގެ ބޮޑުބައެއް ނިންމާނެކަމަށް ބެލެވެ އެވެ.
މި އިސްލާހަށް އިދިކޮޅުގެ މެމްބަރުން ދެކޮޅު ހަދައި ބުނެފައި ވަނީ، ދައުރުން ބޭރުން ޖަލްސާއެއް ބާއްވައި އަވަސް އަރުވާލައިގެން އިސްލާހު ހުށަހަޅަނީ ވެރިކަމުގެ ދައުރު 10 އަހަރަށް ދަންމާލުމަށް ކަމަށެވެ. އަދި ސަރުކާރުގެ ނިޔަތާއި މެދު ސުވާލު އުފައްދައި ވަނީ، ހަރަދު ކުޑަކުރުމުގެ ވާހަކައަކީ އަސްލެއް ނެތްކަމެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.
އިސްލާހާއި ގުޅޭގޮތުން ”ސަންގުޓީވީ“ ގެ ޚަބަރަށްފަހު ޕްރޮގްރާމްގައި އައިފާން ވިދާޅުވީ، އެމްޑީޕީ އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންނަށް ކަންކަމުގެ ހަގީގަތް އޮޅުވާލުމަށް ކަމަށެވެ. އަދި ސަރުކާރުން ރައްޔިތުންނަށް ކިތަންމެ ލާބައާއި މަންފާ ހުރި ކަމެއް ކުރަން ނިންމައި އެކަން ހާމަކުރި ނަމަވެސް، އެމްޑީޕީ އެކަން ރަނގަޅު ނުވާނެކަން މާޒީން ފެންނަން އެބައޮތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މިސާލެއްގެ ގޮތުން އައިފާން ދެއްކެވީ ރާއްޖޭގެ ބޭރު ފައިސާގެ މައްސަލައާއި، އިޒްރޭލު ޕާސްޕޯޓް މަނާކުރުމުގެ މައްސަލައިގައި އެމްޑީޕީ ދެއްކި ވާހަކަތަކެވެ. އައިފާން ވިދާޅުވި ގޮތުގައި އެ ކަންކަމުގައިވެސް އެމްޑީޕީން ފަރާތްތަކުން އަމަލުކުރީ ހަމަ އެ އުސޫލުންނެވެ.
ދެ އިންތިހާބު އެއްކޮށްލުމަކީ ރިޔާސީ ދައުރު ދަންމާލުމަށް ކުރާ ކަމެއްކަމަށް ބުނެ ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުން އައިފާން ވިދާޅުވީ، ގާނޫނުއަސާސީގައި އެކަންކަން ކުރަންޖެހޭ ގޮތް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. ރިޔާސީ ދައުރު ދަންމާލާނަމަ ނުވަތަ އިންތިހާބުތަކަށް ބަދަލު ގެންނަނަމަ، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ސަރުކާރުން ރައްޔިތުންގެ ހިޔާލު އެކަމުގައި ހޯދައި، އާންމު ވޯޓަކަށް ދާނެކަމަށް ވިދާޅުވި އެވެ.
އިންތިޚާބު އެއްކޮށްލުމަކީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ގަބޫލުކުރައްވާ ގޮތުގައި ދައުލަތުގެ ހަރަދުތައް ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމެއް. ރައްޔިތުންގެ ފައިސާ އިސްރާފުވުން ހުއްޓުވަން ކުރެވެން ހުރި ހުރިހާ ކަމެއް މި ސަރުކާރުން ކުރާނެ
އައިފާން ވިދާޅުވީ، 20 ވަނަ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ ހައްގުގައި ކުރަންޖެހޭ ކޮންމެ މަސައްކަތެއް ކުރުމަށް ފަސްނުޖެހޭނެ މަޖިލީހެއް ކަމަށެވެ. މަޖިލިސް ޗުއްޓީގައި އޮއްވާ ދައުރުން ބޭރުން ޖަލްސާތައް ބާއްވަނީ ވެސް ރައްޔިތުންނާ ގުޅުންހުރި މުހިއްމު ނިންމުންތައް އަވަހަށް ނިންމުމަށްކަމަށް ވިދާޅުވި އެވެ.

