ރައީސް ޑރ. މުހައްމަދު މުއިއްޒު ”މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިންގ އެޖެންސީ“ އުފައްދަވައިފިއެވެ.
މިއީ ނުޅުންތެރިންގެ ޤާބިލުކަން އިތުރުކޮށްދޭ ބޭސްތައް ބޭނުންކުރުން ހުއްޓުވުމަށް ހާއްސަކޮށްގެން އުފެއްދެވި ޙާއްސަ އިދާރާއެކެވެ.
ރާއްޖޭގެ ކުޅިވަރު ގާނޫނުގެ ދަށުން އުފެއްދި މި އެޖެންސީ ހިންގާނީ ކުޅިވަރާއި ހަަށިހެޔޮކަމާ ބެހޭ ވުޒާރާގެ ދަށުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައި، މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިންގ އެޖެންސީ ހިނގަމުންދާނީ ޤާނޫނު ނަންބަރު 30/2015 ގެ 38ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ފަދައިން، ކުޅިވަރުގެ މައިދާނުގައި ޑޯޕިންގ ކޮންޓްރޯލްކުރުމުގެ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި ކަނޑައެޅޭ މުސްތަޤިއްލު ބޯޑެއްގެ ދަށުންކަމުގައި ރައީސް އޮފީހުން ވިދާޅުވިއެވެ.
މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިންގ އެޖެންސީއަކީ، 19 މޭ 2025 ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީޤުކުރެއްވި ޤާނޫނު ނަންބަރު 30/2015 (ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލުގެ ދަށުން، ކުޅިވަރުގެ ދާއިރާގައި އެންމެންނަށް ހަމަހަމަކަން އޮންނާނެކަން ކަށަވަރު ކޮށްދޭނެ އެޖެންސީއެވެ.

