ހުޅުމާލެ ފިޔަވަހި 3ގެ ބިން ހިއްކުމުގެ މަޝްރޫއު ނިމުމަކާއި ގާތްވެ، 94 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްއިން ބުނެފިއެވެ.
ހުޅުމާލެ ފިޔަވަހި 3 ބިން ހިއްކުމުގެ މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތު ދެމުން އެމްއޭސީއެލްއިން ބުނީ، އެ މަޝްރޫއުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ، އެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ތާވަލާއި އެއްގޮތަށް ކަމަށާއި، ރަނގަޅު ދުވެލީގައި، އެ މަޝްރޫއުގެ މަސައްކަތްތައް ކުރިއަށް ދާ ކަމަށެވެ.
މީގެއިތުރުން، މިހާތަނަށް 59 ހެކްޓަރުގެ ބިން ހިއްކިފައިވާއިރު، މި މަޝްރޫއު ނިމުމަކާއި ގާތްވެ، 94 އިންސައްތަ ބިން ހިއްކިފައިވާ ކަމަށް އެމްއޭސީއެލްއިން ބުނިއެވެ. މިއީ، ހުއްޓުމެއްނެތި، އެ މަޝްރޫއުގެ މަސައްކަތްތައް ކުރިއަށް ދާކަމާއި، އޮޕަރޭޝަނަލް ސަމަކާރަ ރަނގަޅުކަން ދައްކުވައިދޭ ކަމެއް ކަމަށް އެމްއޭސީއެލްއިން ބުނިއެވެ.
އެމްއޭސީއެލްއިން ބުނީ، ހުޅުމާލެ ފޭސް 3 ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދިޔުމަށްޓަކައި ބޭނުންކުރަނީ، ދެ ޑްރެޖަރެއް ކަމަށާއި، އެއީ، ޕްރިންސް ޑެރ ނެޑެރލަންޑެން އަދި އޮރަނެޖޭ ނަމަކަށް ކިޔާ ޑްރެޖަރުތަކެއް ކަމަށެވެ. އަދި، މި ދެ ޑްރެޖަރަކީ، 22،000 ކިއުބިކް މީޓަރުގެ ކެޕޭސިޓީހުރި ޑްރެޖަރެއް ކަމަށް އެމްއޭސީއެލްއިން ބުނިއެވެ.
ސަރުކާރުގެ އެންމެ ބޮޑު ސިޔާސަތަކީ، ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމެވެ.
އެގޮތުން ބަޖެޓުގައި އެކަމަށް ހާއްސަ އިސްކަމެއް ދީ އަންނަ އަހަރު ވެސް ގިނަ ޕްރޮޖެކްޓުތަކާއި މަސައްކަތްތައް ކުރިޔަށް ދާނެކަމަށް ވަނީ ބުނެފަ އެވެ.
ބޯހިޔާވަހިކަމުގެ ”ޓޯޓަލް ސޮލިއުޝަން“ ގެ ގޮތުގައި ސަރުކާރުން ފާހަގަކުރާ ރަސްމާލެ މަޝްރޫއާއި އެކު މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
ހުޅުމާލޭގައި ބިން ހިއްކައިފައިވާ ސަރަހައްދުން، ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ 698 ގޯތީގެ ގުރުއަތުލުން ނިންމާލާފަ އެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން 698 ގޯތި ދޫކޮށްފައިވެއެވެ. އެގޮތުން 3ވަނަ ފިޔަވަހިން 7 ސައިޒެއްގެ 698 ގޯތީގެ ގުރުއަތުލުން ވަނީ ކުރިއަށް ގެންގޮސްފައެވެ.
ތިންވަނަ ފިޔަވަހިން ދޫކުރާ ގޯތީގެ އަދަދާއި ބޮޑުމިނަށް ބަލާއިރު:
- 1650 އަކަފޫޓުގެ 181 ގޯތި
- 2050 އަކަފޫޓުގެ 242 ގޯތި
- 2450 އަކަފޫޓުގެ 132 ގޯތި
- 2850 އަކަފޫޓުގެ 62 ގޯތި
- 3250 އަކަފޫޓުގެ 41 ގޯތި
- 3650 އަކަފޫޓުގެ 16 ގޯތި
- 4000 އަކަފޫޓުގެ 24 ގޯތި
ހުޅުމާލެ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތަކީ، ބޯހިޔާވެހި ކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި، ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން، ހަލުވިކަމާއިއެކު ނިންމުމަށް މަސައްކަތް ކުރަމުންދާ، މުހިއްމު މަޝްރޫއެކެވެ.

