ރަމަޟާން މަހަށް ތައްޔާރުވުމަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މާރުކޭޓެއް ހެދުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.
އެޗްޑީސީން ވަގުތީ މާރުކޭޓު ހަދަނީ ދެވަނަ ފިޔަވަހީގައި ވިނަރެސް 8 ވަނަ ފްލެޓާއި ވަގުތީ މިސްކިތާ ދެމެދު އޮންނަ ހުސް ސަރަޙައްދުގައެވެ.
މި މަސައްކަތަކީ ހުޅުމާލެ ދެވަނަ ފިޔަވަހިން، ފަސޭހަ ކަމާއިއެކު މޭވާއާއި ތަރުކާރީގެ ބާވަތްތައް ގަނެވޭނެ މަގު ފަހިކޮށްދިނުމަށް ކުރިއަށް ގެންދާ މަސައްކަތެއްކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
މި ވަގުތީ މާރުކޭޓުގައި 24 ގޮޅި ހެދުމަށް ވަނީ ހަމަޖެހިފައެވެ.
މާރުކޭޓުގެ ވަގުތީ އިމާރާތުގެ މަސައްކަތް އެޗްޑީސީން މިހާރު ކުރަމުން އަންނައިރު، ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެކަމަށް އެޗްޑީސީން ބުނެއެވެ.
މި މާރުކޭޓުގެ ގޮޅިތައް ދޫކުރުމުގެ މަސައްކަތް ކުރާނީ އެޗްޑީސީންނެވެ. އަދި އަމަލީ މަސައްކަތް ނިމުނުހާ އަވަހަކަށް އާއްމު އުސޫލުން ގޮޅިތައް ދޫކުރުމުގެ މަސައްކަތް އެޗްޑީސީން ފަށާނެއެވެ.

