މާލެ ސިޓީގެ މޭޔަރަކަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ކުރީގެ ޑިފެންސް މިނިސްޓަރު މޭޖާ ޖެނެރަލް (ރިޓަޔާޑް) މޫސާ އަލީ ޖަލީލަކީ މާލޭގެ އެއްވެސް ރައްޔިތަކު ތަފާތު ނުކުރައްވަނެ ފަދަ ބޭފުޅެއް ކަމަށް އިންތިހާބުގެ ކެމްޕޭން މެނޭޖަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު، އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.
މޫސާ އަލީ ޖަލީލްގެ ކެމްޕެއިން އޮފީސް ހުޅުވަން ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކައިގައި ފަލާހް ވިދާޅުވީ، މީގެ ކުރީގައި ދެ ފަހަރެއްގެ މަތިން މާލޭގެ މޭޔަރުކަން އެމްޑީޕީއާއި ހަވާލުކުރި ނަމަވެސް، މާލެ ސިޓީގެ ރައްޔިތުންނަށް އެދެވޭ ނަތީޖާއެއް ދައްކާ ދެވިފައި ނުވާ ކަމަށެވެ.
އެގޮތުން ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު މޭޔަރުކަމަށް ގެނައީ އެމްޑީޕީއަށް ނިސްބަތްވި މޭޔަރުން ކަންތައްތައް ކުރެއްވި ގޮތުންކަން ފާޙަގަކޮށް ފަލާހު ވިދާޅުވީ، އެމަނިކުފާނުގެ މޭޔަރުކަމުގައި ތަފާތު އަދި ރައްޔިތުން އެދިލައްވާ ފަދަ ބަަދަލުތަކެއް މާލެއަށް ގެނެސްދެއްވާފައިވާކަމަށެވެ. އެއީ ރައްޔިތުން އުއްމީދު ކުރެއްވި ވަރަށްވުރެވެސް ހެޔޮ، ރަނގަޅު ކަންތައްތަކެއްކަމަށްވެސް ވިދާޅުވިއެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް މުއިއްޒުއަށް ކާމިޔާބުވީވެސް އެކަމުގެ ނަތީޖާއެއްގެ ގޮތުންކަމަށް ފަލާޙު ވިދާޅުވިއެވެ.
މޫސާ އަލީ ޖަލީލަކީ ރާއްޖެ ދެކެމުންދާ އުފާވެރި މިނިވަންކަން ގެނެސްދީ، ގައުމު ސަލާމަތްކޮށްދިން ބަތަލުންގެ ތެރޭގައި ގުނާލެވޭ އެއް ބޭފުޅާކަން ފާހަގަކުރައްވާ ފަލާހު ވިދާޅުވީ، އެއީ އިހުލާސްތެރި، ތެދުވެރި އަދި އަމާނާތްތެރި ބޭފުޅެއްކަމަށެވެ.
އެހެން ކެނޑިޑޭޓުންނަށް ބަލާއިރު، އެއްވެސް ބަޔަކު ދެބަހެއް ނުވެ ވޯޓު ފޮއްޓަށް ރަނގަޅު ފާހަގަ ޖަހާފައި ލައްވާނީ މޫސަ އަލީ ޖަލީލްގެ ނަންފުޅުކަމަށްވެސް ފަލާހު ވިދާޅުވިއެވެ.
މޫސާ އަލީ ޖަލީލަކީ ވަރަށް ހިންގުންތެރި، ވަރަށް ވިސްނުންތެރި، ވަރަށް ކުޅަދާނެ ބޭފުޅެއް، ވަރަށް ތެދުވެރި ބޭފުޅެއް، ވަރަށް އިހުލާސްތެރި ބޭފުޅެއް، ކޮންމެ ކަމެއް ކުރުމުގައިވެސް ރައްޔިތުންނާއި ގައުމަށް އެންމެ ލާބަ އާއި މަންފާ ހުރިގޮތުގައި މަސައްކަތް ކުރާނެ ބޭފުޅަކާއި މެދު އަޅުގަނޑުމެން އެއްވެސް ވަރަކަށް ޝައްކެއް ނުކުރަން.
ފަލާހް ވިދާޅުވިއެވެ.

