އިސްރަށްވެހިންނަށް ޚާއްސަކޮށްގެން ބާއްވާ ކާބޯތަކެތީގެ މައުރަޒު ’ރަހަފަތް‘ ގައި ބައިވެރިވުމުގެ ފުރުސަތު އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ. މި މައުރަޒަކީ އެ ވުޒާރާއާއި ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ ގުޅިގެން ކުރިއަށްގެންދާ ޚާއްޞަ ހަރަކާތެކެވެ.
މި މައުރަޒު ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ އިސްރަށްވެހިންގެ މެދުގައި އޮތް ކާބޯތަކެތި ތައްޔާރުކުރުމުގެ މުއްސަނދި ސަޤާފަތާއި، ދިވެހިވަންތަ އަޞްލު ރަހަތައް ދިރުވައި އާލާކުރުމެވެ. މީގެ އިތުރުން، ދިވެހި ސަޤާފީ ކާބޯތަކެއްޗާއި ރަހަތައް އުފެދިގެން އައި ގޮތްތަކާއި، އެ ތަކެތި ތައްޔާރުކުރުމުގައި ހުންނަ ފަންނީ އުކުޅުތައް ޒުވާން ޖީލަށް ބުނެދީ، އެކަމަށް ޝައުޤުވެރިކަން އުފެއްދުމަކީވެސް މި މައުރަޒުގެ ބޭނުމެއް ކަމަށް ވުޒާރާއިން ވިދާޅުވެއެވެ.
އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ފާހަގަކުރެއްވި ގޮތުގައި، މި ހަރަކާތުގެ ސަބަބުން އިސްރަށްވެހިންނާއި ޒުވާނުންނާ ދެމެދު އޮންނަ އިޖުތިމާޢީ ގުޅުން ބަދަހިވެ، ދިވެހިންގެ އަމިއްލަވަންތަ ކެއިންބުއިމުގެ ތަރިކަ ރައްކާތެރިކުރުމަށް މަގުފަހިވެގެންދާނެއެވެ. މިއީ އިސްރަށްވެހިން މުޖުތަމަޢުގެ އެކި ކަންކަމުގައި ޝާމިލުވެ، ހަރަކާތްތެރިވެ އުޅޭ މިންވަރު އިތުރުކުރުމަށް ލިބޭ މުހިންމު ފުރުޞަތެކެވެ.
މި މައުރަޒުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، އައިޑީކާޑު ހިއްޕަވައިގެން މާލެ ނުވަތަ ހުޅުމާލޭގައި ހުންނަ އިސްރަށްވެހިންގެ ނާދީއަށް ޒިޔާރަތްކުރައްވައިގެން ނަންނޯޓު ކުރެވޭނެއެވެ. މީގެ އިތުރުން 3027586 ނުވަތަ 3027587 ނަމަބަރު ފޯނަށް ގުޅުއްވައިގެން ވެސް ރަޖިސްޓްރީ ކުރެއްވުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.
މައުރަޒުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ 18 ޖެނުއަރީ 2026 އިން ފެށިގެން 21 ޖެނުއަރީ 2026 ގެ ނިޔަލަށެވެ. ރަޖިސްޓްރީ ކުރައްވާއިރު، މައުރަޒަށް ތައްޔާރުކުރައްވާ ބާވަތްތަކުގެ ލިސްޓާއި އޭގެ އަދަދު ހިއްސާކުރައްވަން ޖެހޭނެ ކަމަށް ވުޒާރާއިން މައުލޫމާތުދެއެވެ.
މިފަދަ ހަރަކާތްތަކަކީ ދިވެހިންގެ މުއްސަނދި ސަގާފަތާއި އާދަކާދަތަކަށް ޒުވާނުން އަހުލުވެރިކުރުވައި، ޖީލުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

