ބޭންކް އޮފް މޯލްޑިވްސް އާއި އޭޝިއަން އިންސްޓިއުޓް އޮފް ޗަރޓަރޑް ބޭންކަރސް (އޭއައިސީބީ) އާ ގުޅިގެން ރާއްޖޭގެ ބޭންކިން ޕްރޮފެޝަން އިތުރަށް ތަރައްގީކޮށް ކުރިއެރުވުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ބީއެމްއެލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ މުހައްމަދު ޝަރީފެވެ. އޭއައިސީބީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެކްޒެކްޓިވް އެޑްވާޑް ލިންގ އެވެ. މި އެއްބަސްވުމުގެ ދަށުން ޗަރޓަރޑް ބޭންކިންގެ ދާއިރާއިން ދިވެހިން ތަމްރީނު ކުރުމުގެ ފުރުސަތުތައް ހުޅުވާނެއެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ އޮފިޝަލް ވިދާޅުވީ “ އޭއައިސީބީ އާއި ގުޅިގެން ރާއްޖޭގެ ބޭންކިން ޕްރޮފެޝަން އިތުރަށް ތަރައްގީކުރުމަށް މި އެއްބަސްވުމާއެކު މުހިންމު މަސައްކަތްތަކެއް ފެށޭނެ ކަމަށެވެ. މިގޮތުން ޗަރޓަރޑް ބޭންކިންގެ ޕްރޮގްރާމްތަކާއި ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ޕްރޮގްރާމްތައް ރާއްޖޭގައި ހިންގާނެ ކަމަށް ވިދާޅުވިއެވެ. ގައުމީ ބޭންކުގެ ހައިސިއްޔަތުން މި ދާއިރާއަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްގީކޮށް ކުރިއެރުވުމަކީ ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށެވެ.
ބޭންކިންގ ދާއިރާގެ ތައުލީމާއި ތަމްރީނު ފޯރުކޮށްދޭ ފަރާތެއްގެ ގޮތުން ބީއެމްއެލް އެކަޑަމީން އަންނަނީ މި ދާއިރާއިން މީހުން ބިނާކުރުމުގެ ގޮތުން އެކި ޕްރޮފެޝަނަލް ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން އިންޓަރންޝިޕްގެ ފުރުސަތުވެސް ދެމުންނެވެ.

