ޕީއެންސީއިން ބާއްވާ ޖަލްސާތަކުގައި އާދަޔާ ޙިލާފަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވަމުންދާ ކަމަށް އެ ޕާޓީގެ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާޙު ވިދާޅުވެއްޖެއެވެ.
ފަލާޙު މިހެން ވިދާޅުވީ ކައުންސިލް އިންތިހާބުގެ ކެމްޕެއިންއަށް ޕީއެންސީން ވިލިމާލޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ފަލާޙު ވިދާޅުވި ގޮތުގައި މީގެ ދެރޭ ކުރިން މާލެ ސިޓީ މޭޔަރުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައިވެސް ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ބައިވެރިވެފައެވެ. މި ފުރުސަތުގައި އޭނާ ވަނީ ޕާޓީގެ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ނަންފުޅުގައި ޕީއެންސީއަށް ތާއީދުކުރާ ހުރިހާ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.
ޕާޓީގެ ކުރިއެރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފަލާޙު ވިދާޅުވީ، 2023 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ވެރިކަމަށް ކުރިމަތިލައްވައި ހުވާކުރެއްވިއިރު ޕީއެންސީގައި ތިބީ އެންމެ 3000 މެމްބަރުން ކަމަށެވެ. ނަމަވެސް މިއަދު އެ އަދަދު 75,000 އަށް އަރާފައިވާ ކަމަށާއި، މިއީ ރައްޔިތުން ރައީސްގެ ސިޔާސަތުތަކަށް ކުރާ ފުރިހަމަ ތާއީދު ހާމަވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޤައުމުގެ އިޖުތިމާއީ ފޭރާމާއި ނުބައި ކަންތައްތަކުން ޤައުމު ސަލާމަތްކުރުމަށް ރައީސް ކުރައްވާ މަސައްކަތްޕުޅު ރައްޔިތުން ބަލައިގެންފައިވާ ކަމަށްވެސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އިލެކްޝަންސް ކޮމިޝަނުގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ރިއާޔަތްކުރައްވައި ފަލާޙު ވިދާޅުވީ، ޕީއެންސީއަކީ މިވަގުތު ރާއްޖޭގައި އެންމެ މެމްބަރުން ގިނަ ޕާޓީ ކަމަށެވެ. މީގެ މަސްދުވަސް ކުރިންވެސް 7,000 މެމްބަރުން އަލަށް ގުޅިފައިވާކަން ފާހަގަކުރައްވައި، އިދިކޮޅު ބައެއް ޕާޓީތަކަށް 3,000 މެމްބަރުންވެސް ހަމަނުވެގެން އުޅޭ މަންޒަރު ފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
ފަލާޙު ވިދާޅުވީ ޕީއެންސީއަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ޒުވާން އަދި އެންމެ ގިނަ މެމްބަރުން ތިބި ޕާޓީ ކަމަށެވެ. މިއީ ރާއްޖޭގެ ސިޔާސީ ތާރީޚުގައިވެސް އެއްވެސް ޕާޓީއަކަށް މިހާ ކުރު މުއްދަތެއްގެ ތެރޭގައި ހާސިލްކުރެވިފައިވާ ކާމިޔާބީއެއް ނޫން ކަމަށާއި، މިއީ އިދިކޮޅު ފަރާތްތަކަށް ގަބޫލުކުރަން އުނދަގޫވި ނަމަވެސް މިއަދު ގަބޫލުކުރަންޖެހޭ ހަގީގަތެއް ކަމަށް ވިދާޅުވެ އޭނާގެ ވާހަކަ ނިންމާލެއްވިއެވެ.

