12،000 ފްލެޓުގެ މަސައްކަތް މިއަހަރު ފަށޭނެ، އިސްކަން ދެނީ 3 ކޮޓަރީގެ އެޕާޓްމަންޓްތަކަށްކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިކަމާއި ގުޅޭ މައުލޫމާތު ދެއްވަމުން މުއްތަލިބު ވިދާޅުވީ، ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވީއިރު، ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތްގޮތުން ލޯނުތައް ހޯދަން އުނދަގޫވިކަމަށާއި، އެންމެ ފުރަތަމަ މަޖުބޫރުވީ އެ މައްސަލަ ހައްލު ހޯދުމަށްކަމަށެވެ. މި މައްސަލައަށް ހައްލު ހޯދުމަށް މަރުކަޒީ ބޭންކް، އެމްއެމްއޭއާއިއެކުވެސް މަޝްވަރާކޮށްފައިވާކަމަށާއި، ރާއްޖޭގައި ހުރި ބޭންކްތަކުން ލެންޑްކުރާ ފައިސާގެ 10-15 ޕަސެންޓް، 5-6 ޕްރޮފިޓް ރޭޓެއްގައި ހައުސިންނަށް ކަނޑައަޅަން ނިންމީ އެހެންވެގެންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދަނީ ފައިސާ ރިކަވާކުރާނެ ގޮތެއްގެ ދަށުންކަމަށް ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، މިހާރު އެ އުސޫލުގެ ދަށުން 3،300 ފްލެޓް އަޅަން ބޭންކް އޮފް މޯލްޑިވްސްއާ ވަނީ ހަވާލުކޮށްފައެވެ. ބައެއް ތަންތަނުގެ މޮބިލައިޒޭޝަން މަސައްކަތް މި މަހު ނިމޭނެކަމަށް ފާހަގަކުރެއްވިއެވެ. މުޅި ޖުމްލަ މަސައްކަތް ކުރިއަށް އޮތް 2 އަހަރު ތެރޭގައި ނިމޭނެކަމަށް ވިދާޅުވިއެވެ.
މިނިސްޓަރުގެ ވާހަކައިގައި އިންޑިއާގެ ސަރުކާރުގެ އެހީގައި ގުޅިފަޅުގައި 4،000 ހައުސިން ޔުނިޓްގެ މަޝްރޫއުއެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަންވެސް ވަނީ ފާހަގަކުރައްވާފައެވެ. މިއީ ފައިސާ ހަމަޖެހިފައިވާ މަޝްރޫއުއެއްކަމަށާއި މި އަހަރުގެ މެދު ތެރޭގައި މި މަޝްރޫއު ފެށޭނެކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ހަމައެއާއިއެކި، ސައުދީގެ އެހީގައި އަޅާ 400 ފްލެޓުގެ މަސައްކަތް ކުރިއަށްދާކަމަށްވެސް ފާޙަގަކުރެއްވިއެވެ. ދެން ކުރިއަށްދަނީ ޗައިނާގެ އިންޓަރެސްޓް ފްރީ ލޯނެއްގެ ދަށުން 500 ހައުސިން ޔުނިޓް އެޅުމުގެ ތައްޔާރީތަކެވެ.
ޖުމްލަކޮށް 12،000 ފްލެޓުގެ މަސައްކަތް މިއަހަރު ފެށޭއިރު، ސަރުކާރުން އިސްކަން ދޭނީ 3 ކޮޓަރީގެ އެޕާޓްމަންޓް އެޅުމަށްކަމަށް މުއްތަލިބު ވިދާޅުވިއެވެ.
ވުޖޫދުގައި ނެތް ފްލެޓުތަކެއްގެ ވާހަކަ މި ސަރުކާރުން ދައްކާކަމަށް ނުބުނެވޭނެކަމަށް މުއްތަލިބު ފާހަގަކުރެއްވިއެވެ. އެކަމާ ގުޅިގެން ގައުމުތަކާ ވާހަކަ ދައްކައި އެކަންކަން ފެށުމުގެ ތައްޔާރީތައް ވަމުން އަންނަކަމަށް ފާހަގަކުރެއްވިއެވެ.

