ދިރާގުން ރޯދަ މަހަށް ތައްޔާރު ވުމުގެ ގޮތުން، ހާއްސަ އިނާމުތަކަކާއެކު ”ރޯދަ ރެޑީ“ ޕްރޮމޯޝަނެއް އިއުލާންކޮށްފިއެވެ.
މިކަމާއި ގުޅޭ ގޮތުން މައުލޫމާތު ދެމުން ދިރާގުން ބުނީ ދިވެހިންގެ ސަގާފަތާއި އާދަކާދަތަކާ ގުޅުވައިގެން ފަރުމާކޮށްފައިވާ މި ޕްރޮމޯޝަންގެ މައިގަނޑު މަގްސަދަކީ، ރޯދަމަހަށް ހާއްސަ ކޮށްގެން މި މައްސަރުގައި ކަސްޓަމަރުންނަށް ބޭނުންތެރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ފަހި ކޮށްދިނުންކަމަށެވެ. މި ޕްރޮމޯޝަނުގެ ދަށުން، މުޅި ރާއްޖެއަށް ހުޅުވާލައިގެން ތަފާތު ގިނަ ފުރުސަތުތަކެއް ދިރާގުން ވަނީ ތައާރަފުކޮށްފައިކަން ދިރާގުން ފާހަގަކުރެއެވެ.
މި ޕްރޮމޯޝަނުގެ ދަށުން ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު އަދި ކޮންމެ ހަފުތާއަކު އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. އެ ގޮތުން، ކޮންމެ ދުވަހަކު ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް 5،000 ރުފިޔާގެ ޝޮޕިންގ ވައުޗަރެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން މި ޕްރޮމޯޝަންގެ ތެރެއިން ޖުމްލަ 21 ނަސީބުވެރި ފަރާތަކަށް މި ވައުޗަރ ލިބިގެން ދާނެއެވެ. އަދި މި ވައުޗަރ ތަކަކީ ރާއްޖޭގެ މަގުބޫލު ފިހާރަތަކާއި އެއަރލައިންތަކުން ވިޔަފާރި ކުރެވޭނެ ވައުޗަރ ތަކެކެވެ. މީގެ އިތުރުން، ކޮންމެ ހަފުތާއަކު ހޮވޭ ނަސީބުވެރި ފަރާތަކަށް، އެއް މިނެޓުގެ ތެރޭގައި ހިލޭ ބާޒާރުކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެކަމަށް ދިރާގުން ބުނެއެވެ.
މި ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުރުސަތު 50 ރުފިޔާއިން ފެށިގެން މަތީގެ އެޑް-އޮންއެއް އެކްޓިވޭޓްކުރާ ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށާއި، އެޑް-އޮން ނުވަތަ ބޫސްޓަރެއް އެކްޓިވޭޓް ކުރާ ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ އިތުރުން ބޫސްޓަރެއް އެކްޓިވޭޓްކުރާ ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. މީގެ އިތުރުން ’ވިން 2 ސްޕީޑްބޯޓްސް‘ ޕްރޮމޯޝަނުގައި ބައިވެރިވެފައިވާ ފަރާތްތަކާއި، ދިރާގު x އައިސިކް ކާޑު ބޭނުންކުރާ ކަސްޓަމަރުންނާއި، ޕްރޮމޯޝަންގެ މުއްދަތުގައި އެއްވެސް ވެލިއު އެޑެޑް ސާވިސް (VAS) ސަބްސްކްރިޕްޝަނެއް އެކްޓިވޭޓްކުރާ ކޮންމެ ކަސްޓަމަރަކަށް ވެސް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ.
މި ޕްރޮމޯޝަނުގައި ބައިވެރިވުމަށްޓަކައި، 20 ޖެނުއަރީ އިން ފެށިގެން 9 ފެބްރުއަރީ 2026 ގެ ނިޔަލަށް ދިރާގުއެޕް މެދުވެރިކޮށް އެންރޯލް ކުރެވޭނެއެވެ. އެންރޯލް ކުރާ ހިސާބުން ޕްރޮމޯޝަން ނިމެންދެން ކޮންމެ ކަސްޓަމަރަކަށްވެސް އިނާމު ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ދިރާގުގެ މައިގަނޑު އަމާޒަކީ މަންފާކުރަނިވި ހިދުމަތްތައް މެދުވެރިކޮށް ދިވެހިންގެ ދިރިއުޅުން އިތުރަށް ފާގަތިކޮށްދިނުންކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ. މިގޮތުން ކޮންމެ އަހަރެއްގެ ރޯދަމަހާ ދިމާކޮށް، ކަސްޓަމަރުންނަށް އަގުހުރި އިނާމުތަކެއް ލިބޭނެ ތަފާރު ހާއްސަ ޕްރޮމޯޝަންތައް އެ ކުންފުނިން ދަނީ ކުރިއަށް ގެންދަމުންނެވެ.

