ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅުވެއްޖެއްޔާ މިއީ ކުރަން މަޖުބޫރު ކަމެއްތަ؟ ނޫނީ މަޖުބޫރު ކުރުވަނީތަ؟

ޕްރޮގްރެސިވް ކޯލިޝަންގެ އެއްވުން - ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަގުމަތިން ކަންކަން ނިންމުމަކީ އެމްޑީޕީގެ ސިޔާސަތަކޭ ބުނެއުޅެއެވެ. މީހަކު ޖަލަށް ލިއްޔާ އެމީހަކު މިނިވަން ކުރަން، ހިތް ނުރުހޭގޮތަށް ކަމެއް ނިންމައިފިނަމަ އެކަމަކާއި އިހުތިޖާޖު ކުރުމަށް، ސަރުކާރު ޒިންމާދާރު ކުރުމަށްވެސް މަގުމައްޗަށް ނިކުންނަކީ ހަމައެކަނި އެމްޑީޕީއިންނޭ ބުނެއުޅެއެވެ. ގޮތް ދޫނުކުރުމާއި ބޮޑާ ހޭކުމާއި ހަމަނުޖެހުން ހިންގުމާއި ފުލުހުންނަށް ނުކިޔަމަންތެރިކަން ދައްކަނީ އެމްޑީޕީއިން ކަމަށް ބުނެއެވެ. 

ވާނީވެސް އެހެންނެވެ. އެމްޑީޕީ ވުޖޫދުވީއްސުރެ އިސްލާހު ކުރުމުގެ ނަމުގައި މަގުތަކަށް އެއްވާން ފެށިއެވެ. އޭރު އޮތް ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ވެރިކަން ނިމުމަކަށް ގެނައުމަށް އެމްޑީޕީން ފޫގަޅާލިއެވެ. ވެރިކަން ނިންމުމަކަށް ގެނައުމަށްފަހުގައި ނޫނީ ގެއަށްނުވަދުމަށް އަޒުމުކަނޑައަޅާ ރެއެއް ދުވަލެއް ނުބަލާ ވެހޭހާ ވާރެއަކާއި ދިއްލިހާ އަތްވެއްގައި މުޒާހަރާކޮށް މަގުތަކަށް އެއްވިއެވެ.

އެމްޑީޕީން މާލާގެ މަގުމައްޗަށް އެއްވާން ފެށުމުގެ ކުރިން އެންމެ ފުރަތަމަ އެއްވީ ޖުމްހޫރީ މައިދާނަށެވެ. އެކަން ކުރެއްވީ މިއަދު މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި އޭރު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމް އަދާުރައްވަމުން ގެންދެވި ގ، ކެނެރީގޭ މުހައްމަދު ނަޝީދުއެވެ. އެމަނިކުފާން އެންމެ ފުރަތަމަ އިހުތިޖާޖަށް ފެއްޓެވި މަސައްކަތްޕޫލު ފެއްޓެވީ ޖުމްހޫރީ މައިދާނުގެ މެދުގައި ދެފައި ވަތް ކޮށްލައިގެން އިށީނދެ ވަޑައިގެން އިންނަވައިގެންނެވެ. އޭރު އެކަންޏެވެ. ފަހުން ބައިބޯބޯވީއެވެ. އޭގެ ފަހުން ދިވެހިރާއްޖޭގެ ވެރިކަމުގެ ތަހުތަށް ވެސް ވަޑައިގެންނެވީއެވެ.  

ވެރިކަން ލިބުމުން ވެރިކަމުގައި ތިބެގެންވެސް އެމްޑީޕީން މުޒާހަރާކުރިއެވެ. އަދި މުޒާހަރާތަކުގައި ރައީސުލްޖުމްހޫރިއްޔާވެސް ބައިވެރިވެއެވެ. ވެރިކަން ލިބި ބަދަލުވިނަމަވެސް އެ ސަގާފަތަކަށް ބަދަލެއް ނާދެއެވެ.އެމްޑީޕީ އަކީ މުޒާހަރާ ކުރާ ޕާޓީއެވެ.

އޭރު އެމީހުން އެއްވާން ފެށީ އުސްފަސްގަނޑުގައެވެ. އެއީ އެމީހުން މުޒާހަރާކުރުމަށް އެއްވާ އައްޑާއެވެ. އޭގެ ފަހުން މާލޭގެ ބޮޑުތަކުރުފާނު މަގުގައި ކޮންމެ ހުކުރުދުވަހެއްގައި ބާއްވަމުން ދިޔަ ހިނގާލުންތަކާއި މޭޑޭއާއި ދެން އޮތް ޑޭއެއް ވެސް އެމީހުންބޭއްވިއެވެ. މިންޖުވާން ޖެހުނަސް އެމްޑީޕީ ހަމަ ތައްޔާރެވެ.

މޭޑޭ މުޒާހަރާ – ފޮޓޯ: މީސްމީޑިއާ

ސަފުތައް ރޫޅާލުމަށް ފުލުހުން މަސައްކަތް ކުރުމުން އޭރު އެމީހުން ހިންގި ހަނގުރާމައަކީ ދިވެހިން ހަނދާނުން ފިލައިގެންދާނެ ދުވަސްތަކެއް ނޫނެނެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ދުވަހެއްގެ ކޮޅުން ވެސް އެފަދަ މަންޒަރެއް ފަހުގެ ތާރީހެއްގައި ދިވެހިން އޭރު ދެކިފައި ނުވާތީއެވެ. ދިވެހިންނަކީ އައުކަންކަމަށް އަބަދުވެސް ލޯ ހުޅުވާ ކަންބަލާ ބަޔަކަށް ވީހިނދު މުޒާހަރާކުރުން ވީ ސަޅި ކަމަކަށެވެ.

އެ ސަޤާފަތް ދިރުވާ އާލާކުރި އެމްޑީޕީއިންނެވެ. ކުރިން ބުނިހެން މުޒާހަރާއޭ ބުނެފި ނަމަ އެކަން އެންމެ ފެންވަރުގައި ކުރެވޭނެ ބަޔަކީ އެމްޑީޕީއޭ ބުނާމީހުން މަދެއް ނޫނެވެ. މިއީ މިއަދު އިދިކޮޅުގައި ތިބެ މުޒާހަރާ ކުރަމުންދާ ޕްރޮގްރެސިވް ކޮންގްރެސްއިން އިންވެސް ބުނަމުން އައި ވާހަކައެވެ.

އެމީހުން އެންމެ ބޮޑަށް ކުއްވެރި ކުރީ ޤާނޫނީ ތަރަހައިގެ ބޭރުން އެމްޑީޕީއިން ކުރަމުންދާ މުޒާހަރާތަކެވެ. އެމްޑީޕީއާއި ދެކޮޅަށް އޭރު އެމީހުން ގެންގުޅު ހަތިޔާރުތަކުގެ ތެރެއިން އެއް ހަތިޔާރަކީ މަގުތަކެއް އެއްވާ އެއްވުންތަކެވެ. މުޒާހަރާކޮށްގެން ގައުމުގެ ހާލަތު ރަނގަޅުނުވާނެ ކަމަށާއި މަގުމަތިން ކަންކަން ހައްލު ކުރުމަށް ނޫޅުމަށް އޭރު އެމީހުން ދިޔައީ ނަސޭހަތްތެރިވަމުންނެވެ.

މޭޑޭ މުޒާހަރާ – ފޮޓޯ: ސަން

ޓެރަރިޒަމްގެ ކުށް ސާބިތުވެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ޖަލަށްލިއިރު އެއީ ސިޔާސީ ދައުވާއެއް ކަމަށާއި ޤާނާއި ޚިލާފަ އިއްވި ހުކުމެއް ކަމަށް އެމްޑީޕީން  ނިންމިއެވެ. އަދި އެމްޑީޕީގެ ޤައުމި މަޖިލީހުން ރައީސް ނަޝީދުއަކީ އެމްޑީޕީގެ ރައީސް ކަމަށްވެސް ނިންމިއެވެ. އެކަމުގެ އޭރު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެކަން ގަބޫލެއް ނުކުރިއެވެ. އަދި ރައީސް ނަޝީދަކީ ޓެރެރިސްޓެއް ކަމަށް އޭރުގެ ސަރުކާރުގައި އިސްކޮށް ތިއްބެވި ބޭފުޅުން ދިޔައީ ބުނަމުންނެވެ. 

މަގުމަތިން ނަޝީދު މިނިވަންކުރެވޭނެ ކަމަށް ހިތައި މަގުތަކަށް އެއްވެ ނަޝީދު ދޫކޮށްލުމަށް ގޮވާލިއެވެ. ނުވިތާކަށް ނަޝީދު މިނިވަންކޮށްދިނުމަށް އެދި ދުނިޔޭގެ އެކި ކަރަތަކަށް ގޮސް ނުފޫޒުގަދަ ފަރާތްތަކާއި ބައްދަލުކުރިއެވެ. އޭރު މަންޒަރު ބަލާފައި ރަކި ހިނި އަރުވަން ބަޔަކު ތިބި ކަމީ ދެބަސް ވެވެން ނެތް ހަޤީގަތެކެވެ. 

އެމްޑީޕީގެ އެއްވުމެއް ރޫޅާލަން ފުލުހުން މަސައްކަތް ކުރަނީ – ފޮޓޯ: ސަންގު ފައިލް

މާޒީއާ މިއަދުގެ ޙާލަތާއި ވަރަށްވެސް އެއްގޮތެވެ. މިއަދު ކުރީގެ ރައީސް އަބްދުﷲ ޔާމިން 5 އަހަރަށް ޖަލަށްލާފައިވާއިރު އެއީ ސިޔާސީ ދައުވާއެއް ކަމަށާއި ހުކުމް އިއްވާފައިވަނީ ޤާނޫނާއި ޚިލާފަށް ކަމަށް ޕީޕީއެމުން ނިންމިއެވެ. ރާއްޖޭގެ ޝަރުޢީ ނިޒާމު ހައިޖެކްކޮށްފައިވާ ކަމަށް އެމީހުން ތުހުމަތު ކުރިއެވެ. މިއީ ރައީސް ނަޝީދު ޓެރެރިސްޓަކަށް ހެދުމުން އެމްޑީޕީން ވެސް ކުރި ތުހުމަތެވެ. 

މަގުމަތިން ކަންކަން ނިންމުމަށް ނޫޅޭށޭ ބުނި މީހުން މިއަދު ރައީސް ޔާމިން މިނިވަންކުރުމަށް ގޮވާލާ ކޮންމެ ރެއަކު މަގުމައްޗަށް ނިކުމެ ކުރަނީ ކީއްބާއެވެ؟ އޭރު ސިޔާސީ ހަތިޔާރަކަށް ބޭނުންކުރި ލަފުޒާއެއްގޮތަކަށް އުޅެނީ ކޮންބައެއްތޯ؟ އެވެ.

ރައީސް ޔާމިން މިނިވަންކުރުމަށް ގޮވާލާ ޕްރޮގްރެސިވް ކޯލިޝަންއިން ބޭއްވި އެއްވުން – ފޮޓޯ: ވަން އޮންލައިން

ރައީސް ޔާމިން މިނިވަން ކުރުމަށް ރެއާދުވާލު މުޅި ރާއްޖޭގައި މުޒާހަރާ އިއުލާނުކޮށް ވީހާވެސް ގިނަބަޔަކު އެ މުޒާހަރާގައި ބައިވެރިވާން ޕްރޮގްރެސިވް ކޯލިޝަންއިން ގޮވާލިއެވެ. ޕީޕީއެމް އޮފީސް ދޮރުމަތީގައި ޝުޢޫރު ފާޅުކުރުމަށްފަހު ކޮންމެ ރެއަކުވެސް މާލޭގެ އެކި މަގުތަކުގައި އަޑުގަދަކުރަމުން ހިނގައެވެ. މުޒާހަރާ ރޫޅާލުމަށް ފުލުހުން މަސައްކަތް ކުރާއިރު ފުލުހުންނަށް ނުކިޔޔަމަންތެރިކަން ދައްކައެވެ. މުޒާހަރާތެރެއިން ކޮންމެ ރެއަކުވެސް ޕާޓީގެ މީހުން ހައްޔަރުކުރެއެވެ.

ކޮންމެއަކަސް މިއަދު ޕީޕީއެމް ޕީއެންސީއިން ކަންކުރަނީ އޭރު އެމީހުން އިދިކޮޅަށް ދިން ނަސޭހަތާއި އެއްގޮތަކަށްނޫނެވެ. އެމީހުންގެ ބަހާއި އަމަލު ދިމައެއް ނުވެއެވެ. މަގުތަކަށް އެއްވެ މުޒާހަރާ ކުރަނީއެވެ. ެ. 

ރައީސް ޔާމިން މިނިވަންކޮށްދިނުމަށް ގޮވާލާ، ކާރުބާރު ބޮޑު މަޖީދީ މަގު އެއްކޮޅުން އަނެއްކޮޅަށް މުޒާހަރާކުރެއެވެ. މިއަދު މަގުމަތީގައި ހިނގާ މީހުންނާއި ދުއްވާ މީހުންގެ ޙައްގު ނެތީތޯއެވެ؟ ގޭގޭގައި މިއަދު ކުޑަކުދިންނާއި ކިޔަވާ ކުދިން ނެތީތޯއެވެ؟ މިމީހުން މުޒާހަރާކޮށްގެން މިއަދު އުނދަގޫވާ ހަމަ އެއްވެސް މީހަކު ނެތީތޯއެވެ؟

ރައީސް ޔާމިންއަށް ހުުކުން އިއްވި ދުވަހު ކުރިމިނަލްނ ކޯޓު ސަރަހައްދުގައި އިދިކޮޅު ފަރާތްތައް – ފޮޓޯ: ވަން އޮންލައިން

ފަހަރުގައި މިއީ އެއިރެއްގައި އިދިކޮޅުގައި ތިބޭ ބައެއްގެ ހާލު ހުރި ގޮތްކަމަށް ވެދާނެއެވެ. އަޅުގަނޑު ހިތަށް އަރަނީ އިދިކޮޅުގައި ތިބޭ ބައެއްނަމަ މިއީ ހަމަ ކުރަން މަޖުބޫރު ކަމެއްބާއެވެ! ނުވަތަ އެއިރެއްގައި ސަރުކާރުގައި އޮންނަ ބަޔަކު އިދިކޮޅަށް ކުރަން މަޖުބޫރުކުރުވާ ކަމެއްބާއއެވެ!

ބުނެލަން އޮތީ މަގުތަކަށް ނިކުމެ ކުރަމުންދާ އިހުތިޖާޖާ، މުޒާހަރާތަކަކުން ވާނެ އެއްވެސް ފައިދާއެއްނެތްވާހަކައެވެ. އިތުރު ލޭއޮހޮރުވުންތަކަަށް ނުދަނީ ނުވަތަ ބަޔަކު އަނެއްކާވެސް ޖަލުގެ ތޭރި ތަކުގެ ބިއްދޮަށަށް ނުދަނީސް ތިޔަ އެއްވާ އެއްވުންތައް ހުއްޓާލަންވެއްޖެ ނޫންތޯއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: