1 ޤުރުއާން ސެންޓަރ، 1 މިސްކިތް، އަދި 3 އިސްލާމިކް ސެންޓަރު އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުންތަކުގެ ދަށުން މަޝްރޫއުތަކުގެ ދަށޫން ހއ. އިހަވަންދޫ، ޅ. ނައިފަރު އަދި ގއ. ވިލިނގިލީގައި އިސްލާމިކް ސެންޓަރ އާއި، ކ. ގުޅީގައި އައު މިސްކިތެއް ބިނާކުރުމުގެ އިތުރުން ގއ. ވިލިނގިލީގައި ޤުރުއާނާބެހޭ މަރުކަޒެއް ގާއިމުކުރުމުގެ މަސައްކަތް ކުރިޔަށް ދާނެ އެވެ.
މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
ހއ. އިހަވަންދޫ އިސްލާމިކް ސެންޓަރު:
މި މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން މިނިސްޓަރ ޝަހީމް ސޮއިކުރެއްވިއިރު، ފެޑޯ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޢަލީ ވާސިއުއެވެ. 700 މީހުންގެ ޖާގައިގެ މި ސެންޓަރުގައި ކުލާސްރޫމްތަކާއި، ލައިބްރަރީއާއި، އަންހެނުންނާއި ފިރިހެނުންނަށް ވަކިން ނަމާދުކުރެވޭނެ އިންތިޒާމުގެ އިތުރުން ކޮންވެންޝަން ހޯލެއް ހިމެނެއެވެ.
ކ. ގުޅީ މިސްކިތް:
މި މިސްކިތް ބިނާކުރުމަށް ހަވާލުކޮށްފައިވަނީ އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. އެ ކުންފުނީގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރު އަމީން މުހައްމަދު ސޮއިކުރެއްވި މި މަޝްރޫޢަކީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މިތަނުގައި ނަމާދުކުރާ ބައިގެ އިތުރުން ކުލާސްރޫމަކާއި ލައިބްރަރީއެއް ހިމެނެއެވެ.
ގއ. ވިލިނގިލީ ޤުރުއާން ސެންޓަރު:
މި މަސައްކަތްވެސް ހަވާލުކޮށްފައިވަނީ އަފާމީ މޯލްޑިވްސްއާއެވެ. 700 މީހުންގެ ޖާގައިގެ މި މަރުކަޒުގައި ކުލާސްރޫމްތަކާއި، ލައިބްރަރީއާއި، ނަމާދުކުރާ ބައިގެ އިތުރުން ބޮޑު ކޮންވެންޝަން ހޯލެއް ހިމެނޭނެއެވެ.
ޅ. ނައިފަރު އިސްލާމިކް ސެންޓަރު:
މި މަޝްރޫއު ހަވާލުކުރީ ސެންޓްރަލް ލައިން ޕްރައިވެޓް ލިމިޓެޑާއެވެ. އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު އަލްފާޟިލް ޢަބްދުﷲ އާސިމްއެވެ. މިއީ 1,000 މީހުންގެ ބޮޑު ޖާގައަކާއެކު، ޒަމާނީ ހުރިހާ ވަސީލަތްތަކެއް ހިމެނޭގޮތަށް ބިނާކުރާ ސެންޓަރެކެވެ.

