ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައިވޭގައި ޓެކްސީ ޑުރައިވަރުންގެ އަތުން ފޭރުން އާންމުކަމަކަށް!

ހައިވޭގައި ޓެކްސީ ޑުރައިވަރުންގެ އަތުން ފޭރޭ މައްސަލަ - ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޤައުމު އަނެއްކާވެސް ސިސްސުވާލީ ރޭ ހިނގައިދިޔަ ބިރުވެރި ހަދިސާއިންނެވެ. ރަހުމު ކުޑަކުގޮތަކަށް ހުޅުމާލޭގެ މީހުން ދިރިއުޅޭ ސަރަޙައްދާއި ދުރު ހިސާބެއްގައި މަރާލާފައި އޮއްވާ ފެނުނު ޓެކްސީ ޑްރައިވަރު ގާސިމް ޙަސަންއެވެ. މައުލޫމާތު ލިބޭ ގޮތުގައި އޭނާގެ ކަރަށް ވަޅިން ހަމަލާ ދީފައިވާއިރު އަތަށްވެސް ވަނީ ޒަހަމްވެފައެވެ. ބެލެވޭ ގޮތުގައި ޤާސިމްގެ ޓެކްސީއަށް އެރި ބަޔަކު ނުވަތަ މީހަކު އޭނާއަސް ހަމަލާދިނީއެވެ. އަދި އަތުގައިވާ ޒަހަމްތަކަކީ ހަމަލާއިން ސަލާމަތްވުމުގެ ތެރެއިން ލިބިފައިވާ ޒަހަމް ތަކެކެވެ.

ޤާސިމް އަކީ ކެބް އެމްވީގެ ޑްރައިވަރެކެވެ. ޓެކްސީ ދުއްވާތާ މިހާރު 20ށް ވިރެ ގިނަ އަހަރުވެފައިވާއިރު އޭނާ އަކީ ދީންވެރި ހުލްޤުހެޔޮ މީހެކެވެ. އެނާ މަރާލާފައިވަނީ އެރޭ ރައްޓެއްސަކާއެކު ރޭގަނޑުކެއުން ނިންމާލުމަށްފަހު، 500 ރުފިޔާ ހޯދަން ކަމަށް ބުނެ ދަތުރު ފެށިތަނާއެވެ.

މި ރަހުމު ކުޑަ މަރާއި ގުޅިގެން ޓެކްސީ ޑުރައިވަރުންގެ ހިތުގައި ބިރުވެރިކަމާއި ހާސްކަން އުފެދިގެން ދިޔައެވެ. ސަންގުއާއި ވާހަކަދެެއްކި ޑުރައިވަރަކު ބުނީ ޓެކްސީ ދުއްވާ ފަރާތްތަކަށް އަބަދުވެސް މަގުމަތިން މީހުން ދިމާކުރާ ކަމަށެވެ. އަދި ފޭރުމާއި ޖެއްސުން ކުރުމަކީ އަބަދުވެސް ކުރިމަތިވާ ކަމެއްކަމަށެވެ. ޚާއްސަކޮށް ހުޅުމާލެއާއި ބުރިޖާއި ގުޅުވައިދޭ ހައިވޭގައި ފޭރުން އާންމުވެފައިވާ ކަމަށް އޭނާ ބުންޏެވެ.

” ހައިވޭއިން ޑުރައިވަރުން ފޭރެން އުޅޭ މައްސަލަ ވަރަށް ގާތުން ބަލަން އެބަޖެހޭ. ދަތުރަށް އަރާފައި ހައިވޭއަށް އެރީމާ ބިރުދައްކާ ފޭރެން އުޅޭ. ޓެކްސީ ޑުރައިވަރުން އަތުގައި އެގަޑީގައި ފައިސާ ހުންނާނެކަން އިނގޭތީ ވަޅިންނާއި އެނޫންވެސް ގޮތްގޮތުން ބިރުދައްކައިގެން ފައިސާ އަތުލާ. އަހަރެމެންގެ އަމިއްލަ ސަލާމަތަށް ކާރުގައި އުޅޭއިރު ޓޭޒަރ ބަޑި ކަހަލަ އާލާތެއް އެބަ ގެންގުޅެންޖެހޭ. ދެން ޕާކު ކުރަން އުޅޭއިރު ހުރަސްއަޅާ މިތާކު ޕާކެއް ނުކުރެވޭނެއޭ ބުނެ ޕާކު ކުރިޔަ ނުދީވެސް ބިރުދައްކާނެ. ޕާކުކޮށްފަ އަނެއްދުވަހު ހެނދުނު ހޭލައިގެން ކާރަށް އަރާއިރު، ކާރުގެ ޓަޔަރު އެބަހުރޭ ފަޅާލާފަ. އަހަރެންގެ އަމިއްލަ ތަޖުރިބާއިން މިހެން މި ބުނީ. ހަމަ ހުރެފަކާ އަމިއްލައަކަށް މިފަދަ ކަންކަމެއް ނުވާނެ ކަންނޭގެ. ޓެކްސީ ޑްރައިވަރުންނަކީ ދަންވަރުވެސް ދަތުރުގައި އުޅޭ ބައެއް. އެހެންވީމާ މިހާރު ވަރަށް ނުރައްކާ އެބައޮތް”

ހައިވޭއިން ފޭރޭ މައްސަލަ އެއްވެސް ވަރަކަށް ފުލުހުންނަށް ހުށަހަޅާފައިވާނެތޯ ސަންގުން ސުވާލުކުރުމުން އޭނާ ބުނީ ފުލުހުންނަށް ހުށަހަޅާފައިވާނެ ކަމަށާއި ނަމަވެސް ހުށަހެޅިޔަސް “ވާނެ އެއްވެސް ކަމެއް ނޯންނާނެ” ކަމަށެވެ.

“ފުލުހުންނަށް އެބަހުރި ބައެއް ކޭސްތައް ހުށަހަޅާފަ. މައްސަލަ ހުށަހެޅިމާވެސް ބުނަނީ ކިހިނެތްހެއްޔޯ ތިކަހަލަ ކަމެއްގައި ލީޑެއް ލިބޭނީ. ސީސީޓީވީ ކެމެރާވެސް ނުހުރޭ ގިނަ މަގުތަކުގައި. ދެން ކިހިނެތް ކަމެއް ވިޔަސް ބަލާނީ. ސަރުކާރުން އަސްލު ޓެކްސީ ޑުރައިވަރުން ބައިތިއްބަނީ ބޭކާރު ބަޔަކަށް ހަދާފަ”

ޤާސިމްއަށް ދިމާވިފަދަ ކަމެއް ތަކުރާރުވާކަށް ޓެކްސީ ޑުރައިވަރުން ނޭދެއެވެ. ތެކްސީ ޑުރައިވަރުންގެ ޝަކުވާއަކީ ފުލުހުންނަށް ހުށަހަޅާ އެފަދަ މައްސަލަތައް އެހެން މައްސަލަތަކާއި އެއްވަރަށް ބެލުމެވެ.

ޤާސިމްގެ މަރާލި ގާތިލުން ހޯދާ އެމީހުންނަށް އިސްލާމްދީންގައި އަންގަވާފައިވާގޮތަށް ޝަރީއަތް ގާއިމްކޮށްދެއްވުމަށް ސަރުކާރާއި ކަމާބެހޭ އެންމެހާއި މުއައްސަސާތަކަށް ދިވެހި ޑްރައިވަރުންގެ ޖަމްޢިއްޔާއިން ވަނީ ގޮވާލާފައެވެ.

ގާސިމް މަރާލި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، އެ މައްސަލައާ ގުޅިގެން ބަޔަކު މިހާތަނަށް ހައްޔަރުކޮށްފައެއް ނުވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: