އިންޑިއާގެ ބައެއް ސަރަހައްދުތަކުގައި ނިޕާ ވައިރަސް ފެތުރެމުންދާތީ، އެ ސަރަހައްދުތަކަށް ދަތުރުކުރާ ދިވެހިން ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ. އެ އިދާރާއިން ބުނީ މި ވަގުތު ރާއްޖެއަށް މި ބަލީގެ ނުރައްކާ އޮތް މިންވަރު ކުޑަ ނަމަވެސް، ހާލަތު ވަރަށް ގާތުން މޮނިޓާ ކުރަމުންދާ ކަމަށެވެ.
އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިންޑިއާގެ ކެރެލާ ސްޓޭޓުން މި މަހުގެ ތެރޭގައި ތިން މީހަކު ނިޕާ ވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މީގެ އިތުރުން ވެސްޓް ބެންގާލްއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންނާ ކޮންޓެކްޓުވި 180 އަށް ވުރެ ގިނަ މީހުން ދެނެގަނެވި، އެ މީހުން މިހާރު ތިބީ ކަރަންޓީނުކޮށްފައި ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ. ކަރަންޓީނު ކުރެވުނު މީހުންގެ ހާލަތު އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ދަނީ ބަލަމުންނެވެ.
ބަލި ފެތުރޭ ގޮތާއި ރައްކާތެރިކަން
ނިޕާ ވައިރަހަކީ ޓެރޯޕަސް އާއިލާގެ ވާލުންނާއި އޫރުގެ ފަރާތުން އިންސާނުންގެ ގަޔަށް އަރާ ބައްޔެކެވެ. އެޗްޕީއޭއިން ބުނި ގޮތުގައި، ”މި ބާވަތުގެ ވާ ކައިފައިވާ މޭވާ ނުވަތަ ވާލުގެ ކުޅު ނުވަތަ ކުޑަކަމުދާ ތަކެތި ޖެހިފައިވާ މޭވާ އާއި ތަރުކާރީ ބޭނުންކުރުމުން އިންސާނުންގެ ގަޔަށް ބަލި އަރައެވެ.“ އަދި ބަލި ޖެހިފައިވާ މީހުންގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރުމުގެ ފުރުސަތު އޮންނަކަން ވެސް އެ އިދާރާއިން ފާހަގަކުރެއެވެ.
އެޗްޕީއޭއިން ބުނީ މިއަދާ ހަމައަށް އިތުރު ކޭސްއެއް ފެނިފައިނުވާ ކަމަށާއި، އިންޑިއާގެ އެހެން ސަރަހައްދަކުން ނުވަތަ އެހެން ގައުމަކުން ވެސް މި ބަލި ފެނިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައިނުވާ ކަމަށެވެ. ނަމަވެސް ބަލި ފެނިފައިވާ ވެސްޓް ބެންގާލް ފަދަ ސަރަހައްދުތަކަށް ދަތުރުކުރާ ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވުމަކީ މުހިންމު ކަމެއް ކަމަށް އެ އިދާރާއިން ބުނެއެވެ.
އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި، ކަމާގުޅޭ އިދާރާތަކާއި ސިއްހީ ހިދުމަތްދޭ ތަންތަނާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭއިން ވަނީ ކަށަވަރުކޮށްދީފައެވެ.

