ހެލްތު މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުން، މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި އެކި ރަށްރަށުގެ ހެލްތު ސެންޓަރުތަކަށާއި ހޮސްޕިޓާތަކަށް ބޭނުންވާ 60 ލެބޯޓަރީ ޓެކްނީޝަނުން ހޯދުމަށް ވަނީ ނިންމާފައެވެ. މި މަގާމުތަކަށް ދިވެހިންގެ އިތުރުން ބިދޭސީންނަށްވެސް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ލެބް ޓެކްނީޝަނުންގެ އިތުރުން، ސިއްހީ ހިދުމަތް ފުޅާކުރުމަށް ބޭނުންވާ މިންވަރަށް ދިވެހި ނަރުހުން ނުލިބޭތީ، 50 ބިދޭސީ ނަރުހުން ހޯދުމަށްވެސް މިނިސްޓްރީން ވަނީ އިއުލާނުކޮށްފައެވެ. މިއީ ރަށްރަށުގައި ދެވޭ ސިއްހީ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ހަމަކުރުމަށް ކުރެވޭ މަސައްކަތެކެވެ.
މުސާރައާއި އިނާޔަތްތައް
މި މަގާމުތަކަށް ހޮވޭ ފަރާތްތަކަށް ލިބޭނެ އުޖޫރައިގެ ތަފްސީލުވެސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. އެގޮތުން ލެބޯޓަރީ ޓެކްނީޝަނަކަށް:
- އަސާސީ މުސާރަ: 5,610 ރުފިޔާ
- ސާވިސް އެލަވެންސް: 2,500 ރުފިޔާ
- އެކޮމަޑޭޝަން އެލަވެންސް: 3,000 ރުފިޔާ
- ފުޑް އެލަވެންސް: 1,800 ރުފިޔާ
މި ހުރިހާ އިނާޔަތްތަކާއެކު ޖުމްލަ 12,910 ރުފިޔާގެ އުޖޫރައެއް މަހެއްގެ މައްޗަށް ލިބޭނެއެވެ.
ސަރުކާރުން އަންނަނީ ލެބޯޓަރީ ހިދުމަތުގެ އިތުރުން، އާބަން މަރުކަޒުތަކުގައި ސީޓީ ސްކޭން އަދި ހުރިހާ ސަރަހައްދީ ހޮސްޕިޓަލެއްގައި އެމްއާރްއައި ސްކޭންގެ ހިދުމަތް ދިނުމަށް ތައްޔާރުވަމުންނެވެ. މީގެ އިތުރުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޑައިލަސިސްގެ ހިދުމަތް ފުޅާކުރުމުގެ ބޮޑު މަޝްރޫއެއްވެސް މިހާރު ދަނީ ކުރިއަށްދަމުންނެވެ.

