ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ކަނޑައެޅިފައިވާ ބިމުގެ ސަރަޙައްދުތަކަށް ބަދަލު އަންނާނެތީ، އައު ލޮޓް ނަންބަރުތައް ކަނޑައެޅުމަށްޓަކައި އަލުން ގުރުނެގުމަށް ހައުސިން މިނިސްޓްރީން ނިންމައިފިއެވެ. މި ގުރުއަތުލުން ކުރިއަށްދާނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 09:30 ގައި ސޯޝަލް ސެންޓަރުގެ ހޯލުގައެވެ.
މިގޮތަށް ބަދަލު ގެނައުމަށް ނިންމާފައިވަނީ ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުތަކެއް ގެނައުމާ ގުޅިގެންނެވެ. ކުރީގެ ޕްލޭންގައި 610 ގޯތި މަދުވާތީ، އެ ޢަދަދު ހިމަނައިގެން ޖުމްލަ 4072 ގޯތި ހިމެނޭހެން އެކުލަވާލި އައު ލޭންޑް ޔޫސް ޕްލޭން މިމަހުގެ 26 ވަނަ ދުވަހު ވަނީ ގެޒެޓްކޮށްފައެވެ. މިއާއެކު ”ބިންވެރިޔާ“ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ކަނޑައެޅިފައިވާ ބިމުގެ ސަރަޙައްދުތަކަށް ބަދަލު އަންނާނެއެވެ.
ގިރާވަރުފަޅުން ދޫކުރާ ގޯތީގެ ތަފްޞީލު:
-
- 1250 އަކަފޫޓުގެ 2603 ގޯތި
- 1650 އަކަފޫޓުގެ 1214 ގޯތި
- 2050 އަކަފޫޓުގެ 254 ގޯތި
- 2450 އަކަފޫޓުގެ 01 ގޯތި
ހައުސިން މިނިސްޓްރީން މައުލޫމާތުދިން ގޮތުގައި ގުރުއަތުލުން ކުރިއަށްދާ ސަރަޙައްދަށް ކޮންމެ ޕްލޮޓަކަށް އެއް ފަރާތަކަށް ވަދެވޭނެއެވެ. ގޯތީގެ ވެރިފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން ޙާޟިރުވާނަމަ، އެކަން އަންގައިދޭ ލިޔުމާއި، ވެރިފަރާތުގެ އައިޑީ ކާޑު ކޮޕީ އަދި ބަދަލުގައި ޙާޟިރުވާ ފަރާތުގެ އައިޑީ ކާޑު ކޮޕީ ގެންނަންވާނެއެވެ. ގުރުއަތު ނެގުމުގެ ކަންކަން ކުރިއަށް ގެންދާނީ އެ ވުޒާރާގެ މުވައްޒަފުންނެވެ.
ގުރުއަތުލުން ކުރިއަށްދާއިރު، ލިބޭ ޕްލޮޓްގެ މަޢުލޫމާތު ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ވަގުތުން ފެންނާނެ ކަމަށާއި، އެސް.އެމް.އެސްގެ ޒަރިއްޔާއިންވެސް އެ މަޢުލޫމާތު ހިއްސާކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ. ގުރުއަތުލުން ނިމުމުން، އެއްބަސްވުމުގައި ސޮއިކުރުމާއި ރަޖިސްޓަރީ ޙަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ގޮތް ފަހުން އިޢުލާން ކުރެވޭނެއެވެ.
ގިރާވަރު ފަޅުން ޖުމްލަ 160 ހެކްޓަރު ހިއްކުމަށް ހަމަޖެހިފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ ޕްރޮޖެކްޓަށް އިތުރު 50 ހެކްޓަރުގެ ބިން އިތުރުކުރެއްވުމަށް ނިންމަވާފައެވެ.

