ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނުގެ ދަށުން ރާއްޖޭގައި ހިންގާ ފުރަތަމަ ސަސްޓެއިނަބަލް ޓައުންޝިޕް މަޝްރޫއު ކަމަށްވާ ”އައިލާ މޯލްޑިވްސް“ ގެ އަމަލީ މަސައްކަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ. މި ތާރީހީ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
ނ. އަތޮޅު ކުރަމާދޫ، ދެކެނަންފަރު އަދި ދިގުފަރުގައި ތަރައްގީ ކުރާ މި މަޝްރޫއު އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި، ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބްގެ އިތުރުން ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މި މަޝްރޫއު ކުރިއަށް ގެންދަނީ ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ.
މަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކްރިސްޓަލް ހޯލްޑިންގްސްގެ ސީއީއޯ ޕެޓާ ކާސްޓިކް ވިދާޅުވީ، މިއީ ރާއްޖޭގެ ތާރީހުގައި ފޮރިން އިންވެސްޓަރަކު ހިންގާ އެންމެ ބޮޑު މަޝްރޫއު ކަމަށެވެ. ގާތްގަނޑަކަށް 800 މިލިއަން ޑޮލަރުގެ މި އިންވެސްޓްމެންޓާ ގުޅޭގޮތުން އޭނާ ވިދާޅުވީ، ރާއްޖޭގެ އިދާރާތަކުގެ ޕްރޮފެޝެނިލިޒަމާއި ސަރުކާރުގެ ދުރުވިސްނުމުގެ ސަބަބުން ރާއްޖެއަކީ އިންވެސްޓް ކުރަން ރަނގަޅު މަންޒިލެއް ކަމަށެވެ.
މި ޓައުންޝިޕްގައި ހިމެނޭ މުހިންމު ވަސީލަތްތަކުގެ ތެރޭގައި ހޮސްޕިޓާލިޓީ އެކަޑަމީއަކާއި މެޑިކަލް ފެސިލިޓީއެއް ހިމެނެއެވެ. ޕެޓާ ވިދާޅުވި ގޮތުގައި މި އެކަޑަމީ ހިންގާނީ ދުނިޔޭގައި ފާހަގަކުރެވޭ ފެންވަރުގެ އިންސްޓިޓިއުޓްތަކާ ގުޅިގެންނެވެ. މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ރިއަލްއެސްޓޭޑް ޑިވެލޮޕްމެންޓާއި ރެސިޑެންސީގެ ފުރުސަތުތައް ވެސް ލިބިގެންދާނެއެވެ.
މި މަޝްރޫއަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިދިޔަ އަހަރުގެ މާރިޗު މަހު ފަށައި، ޑިސެންބަރު މަހުގެ ނިޔަލަށް ވަނީ ނިންމާފައެވެ. މަޝްރޫއު ހިންގުމުގެ ރަސްމީ ހުއްދަ އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 11 ގައެވެ.
ސަރުކާރުން ގަބޫލުކުރާ ގޮތުގައި މި މަޝްރޫއަކީ ރާއްޖޭގެ އިގްތިސާދު މުޅިން އާ ހަރުފަތަކަށް ގެންގޮސްދޭނެ، އަދި ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް ލިބިގެންދާނެ މުހިންމު މަސައްކަތެކެވެ.

