”ޕްރޮޖެކްޓް އައިލާ“ ގެ ސަބަބުން ރާއްޖެއަކީ ހަމައެކަނި ޗުއްޓީ ހޭދަކޮށްލަން އަންނަ މަންޒިލެއްގެ ބަދަލުގައި، އިންވެސްޓްކޮށްގެން ދިރިއުޅެވޭނެ ތަނަކަށް ވެގެންދާނެ ކަމަށް އިކޮނަމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރާއްޖޭގައި ތަރައްޤީކުރާ ފުރަތަމަ ސަސްޓެއިނަބަލް ޓައުންޝިޕް މަޝްރޫޢު، ”ޕްރޮޖެކްޓް އައިލާ“ ގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
ނ. އަތޮޅުގެ ދެކެނަންފަރާއި ދިގުފަރުގެ އިތުރުން ކުރަމާދޫގައި ކުރިއަށްގެންދާ މި މަޝްރޫޢަކީ 800 މިލިއަން އެމެރިކާ ޑޮލަރުގެ ބޮޑު އިންވެސްޓްމަންޓެކެވެ. މި މަޝްރޫޢު ކުރިއަށްގެންދިއުމަށް ދިވެހި ސަރުކާރާއި ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ 2025 ޑިސެންބަރު 31 ގައި މި މަޝްރޫޢު ސްޕެޝަލް އިކޮނޮމިކް ޒޯނެއްގެ ގޮތުގައި ކަނޑައަޅުއްވާފައެވެ.
މިނިސްޓަރު ސަޢީދުގެ ވާހަކަފުޅުގައި، އިޤްތިޞާދު ސިންދަފާތުކުރުމަށް އެސް.އީ.ޒެޑް އޮނިގަނޑުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
”އައިލާ ފަދަ މަޝްރޫއުތަކުގެ ސަބަބުން ޗުއްޓީ ހޭދަކުރާ މަންޒިލެއްގެ އިތުރުން އިންވެސްޓްކޮށް ދިރިއުޅެވޭނެ އަދި ދިގުމުއްދަތަކަށް ފައިދާ އިތުރުކުރެވިދާނެ ތަނަކަށް ރާއްޖެ ހެދިދާނެ،“ މިނިސްޓަރު ވިދާޅުވިއެވެ.
އަދި ސަރުކާރުގެ ”ވިޝަން 2040“ ގެ ދަށުން ރާއްޖޭގެ އިގްތިސާދު 20 ބިލިއަން ޑޮލަރަށް ބޮޑުކުރުމަށް ކުރާ މަސައްކަތުގައި މިއީ މުހިންމު ބިންގަލެއްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ އިޤްތިޞާދީ ހާލަތަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު އޮތް ބޮޑު ދަރަންޏާއި ގޮންޖެހުންތަކުން އަރައިގަތުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.
އެގޮތުން 2026 ވަނަ އަހަރު އިގްތިސާދު 5.4 އިންސައްތައިން ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، ޓެކްސް އާމްދަނީއަށްވެސް 13 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އިންވެސްޓަރުންގެ އިތުބާރު ހޯދުމަށް ފޮރިން އިންވެސްޓްމަންޓް ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފައިވާކަންވެސް މިނިސްޓަރު ހާމަކުރެއްވިއެވެ.
2028 ވަނަ އަހަރު ނިމުމުގެ ކުރިން އޮޕަރޭޝަނަށް ގެނައުމަށް އަމާޒު ހިފާފައިވާ މި ޓައުންޝިޕްގައި ލަގްޒަރީ ވިލާތަކާއި، ރިޒޯޓް، މެރީނާ، އަދި ބައިނަލްއަގުވާމީ ފެންވަރުގެ ހޮސްޕިޓަލާއި ތަމްރީނުދޭ މަރުކަޒުތައް ހިމެނޭނެއެވެ. މި މަޝްރޫޢަކީ ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި މަޝްރޫޢަކަށްވާއިރު، މިތަނުގައި ބޭނުންކުރާ ހަކަތައިގެ 60 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަށް ވަނީ ނިންމާފައެވެ.

