ސައިޓް ރަޖިސްޓްރީ ކުރުމަށް ހުށަހަޅަންޖެހޭ ނޯޓަރައިޒް ކޮށްފައިވާ ”ވަރކް ސައިޓް ޑިކްލަރޭޝަން ފޯމު“ އަދި އިޤްރާރު ހުށަހެޅުމަށް ދީފައިވާ މުއްދަތު އަންނަ ޖޫން މަހުގެ 1އަކަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން އިތުރުކޮށްފިއެވެ.
މިނިސްޓްރީން ގެޒެޓުގައި ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ ކޯޓާ ދޫކުރާ މަސައްކަތްތަކަށް ސައިޓް ރަޖިސްޓްރީ ކުރުމަށް މިހާރު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ އިތުރުން ނޯޓަރައިޒް ކޮށްފައިވާ ”ވަރކް ސައިޓް ޑިކްލަރޭޝަން ފޯމު“ އަދި އިޤްރާރު ހުށަހެޅުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމަށް އެދި ގިނަ ވަޒީފާދޭ ފަރާތްތަކުން އެދެމުންދާ ކަމަށެވެ.
އެހެންކަމުން އެ ލިޔެކިއުންތައް ހުށަހެޅުމުގެ މުއްދަތު 2026 ޖޫން 01 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށް މިނިސްްރީން ވަނީ ބުނެފައެވެ. މިއަހަރުގެ ޖޫން 01 ގެ ކުރިން ”ވަރކް ސައިޓް ޑިކްލަރޭޝަން ފޯމު“ އަދި އިޤްރާރު، ރަޖިސްޓަރީކޮށްފައިވާ ސައިޓުގެ ”ޑޮކިއުމަންޓް އަޕްޑޭޓް ރިކުއެސްޓް“ ނުވަތަ ”ސައިޓް ޕަރމިޓް އަޕްޑޭޓް“ މެދުވެރިކޮށް ހުށަހެޅުމަށް ހުރިހާ ވަޒީފާދޭ ފަރާތްތަކަށް މިނިސްޓްރީް ވަނީ އަންގާފައެވެ.
ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފޯމު ހުށަނާޅާ ފަރާތްތަކުގެ ސައިޓްތައް ސަސްޕެންޑް ކުރެވޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިނިސްޓްރީން ނެރުނު އިއުލާނުގައި ވަނީ ފޯމު ފުރުމަށް ވަޒީފާދޭ ފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން، ފޯމު ފުރުމުގައި އާންމުކޮށް އަންނާނެ ސުވާލުތަކާއި ޖަވާބުތައް އެކްސްޕެޓް ސިސްޓަމް ހޯމްޕޭޖް އިން ލިބޭނެ ކަމަށެވެ.

