މާލެ ސަރަހައްދުގެ ސިއްހީ ނިޒާމު ހަރުދަނާކޮށް، ހޮސްޕިޓަލްތަކަށް ބާރުބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެކެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި، މާލެ ސަރަހައްދުގައި ޖުމްލަ ހަ ”ޖީޕީ ކްލިނިކް“ ގާއިމުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.
ސަރުކާރުގެ މި ސިޔާސަތާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ގެނެސްދޭ ”ތަރުޖަމާނާއި އެކު“ ޕޮޑްކާސްޓުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ، ސިއްހީ ދާއިރާގައި ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ސްޕެޝަލިސްޓުންނަށް ދެއްކުމަށް އޮންނަ ދިގު ކިއުތައް ކަމަށެވެ. މިކަން މިހެން ދިމާވާ މައިގަނޑު ސަބަބަކީ، ބަލިމީހާގެ ހާލަތަށް ބަލައި ސްޕެޝަލިސްޓަކަށް ދައްކަންޖެހޭ ދަނޑިވަޅާއި ބޭނުން ރައްޔިތުންނަށް އެންމެ ރަނގަޅަށް ސާފުނުވުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ތަރައްގީވެފައިވާ ގައުމުތަކުގައި އަމަލުކުރާ އުސޫލަކީ ބަލިވުމުން ފުރަތަމަ އާންމު ބަލިތަކުގެ ޑޮކްޓަރަކަށް ދެއްކުމެވެ. ސްޕެޝަލިސްޓަކަށް ދައްކާނީ އެ ޑޮކްޓަރުގެ ރިފަރަލްއަކާ އެކު ނަމަވެސް، ރާއްޖޭގައި އާދަވެފައިވާ ގޮތުން ފުރަތަމަވެސް ސްޕެޝަލިސްޓަކަށް އެޕޮއިންޓްމަންޓް ހެއްދުމުގެ ސަބަބުން ކިއުތައް ދިގުވެ، އެންމެ ބޮޑަށް އެހީތެރިކަން ބޭނުންވާ ބަލިމީހުންނަށް ފަރުވާ ލަސްވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ދަމަނަވެށިން މިހާރުވެސް އަސާސީ ސިއްހީ ހިދުމަތްތައް ފޯރުކޮށްދެމުންދާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، އެ މަރުކަޒުގައި އާންމު ބަލިތަކަށް ފަރުވާދޭ ޑޮކްޓަރުން ނުވަތަ ޖެނެރަލް ޕްރެކްޓިޝަނަރުންގެ ހިދުމަތް ފުރިހަމަ ގޮތުގައި އަދި ލިބެމުން ނުދާ ކަމަށެވެ.
މިކަން ހައްލުކުރުމުގެ ގޮތުން، ދަމަނަވެއްޓާއި މިހާރުގެ ތެލެސީމިއާ ސެންޓަރު އެއްކޮށްލައިގެން، ދެވަނަ ޖީޕީ ސެންޓަރެއްގެ ގޮތުގައި އެތަން ތަރައްގީކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން، ހުޅުމާލޭގައި ވެސް މިފަދަ މަރުކަޒެއް ގާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، މި ސަރުކާރުގެ ދައުރު ނިމުމުގެ ކުރިން ޖުމްލަ 6 ޖީޕީ ކްލިނިކް ގާއިމްކުރުމަކީ ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ މުހިންމު އަމާޒެއް ކަމުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ދަމަނަވެށީގެ ހިދުމަތްތަކާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، އެ މަރުކަޒުން މިހާރުވެސް އަސާސީ ސިއްހީ ހިދުމަތްތައް ފޯރުކޮށްދެމުންދާ ނަމަވެސް، ޖެނެރަލް ޕްރެކްޓިޝަނަރ ގެ ހިދުމަތް އެންމެ ފުރިހަމަ ގޮތުގައި ލިބެމުން ނުދާ ކަމަށެވެ. އެހެންކަމުން، މިހާރު ކުރިއަށްދާ މަސައްކަތަކީ ދަމަނަވެއްޓާއި މިހާރުގެ ތެލެސީމިއާ ސެންޓަރު ގުޅާލައިގެން، އެ ތަނަކީ ދެވަނަ ޖީޕީ ސެންޓަރުގެ ގޮތުގައި ތަރައްގީކުރުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ހުޅުމާލޭގައި ވެސް މިފަދަ ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާކަން ހާމަކުރައްވަމުން، މި ސަރުކާރުގެ މި ދައުރު ނިމުމުގެ ކުރިން ޖުމްލަ 6 ޖީޕީ ކްލިނިކް އުފެއްދުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި ނިޒާމަށް އާންމުން އަހުލުވެރިވުމުން، ކުދިކުދި ސިއްހީ މައްސަލަތަކުގައި ސީދާ ބޮޑެތި ހޮސްޕިޓަލްތަކަށް ދިއުމުގެ ބަދަލުގައި، ފުރަތަމަ ޖީޕީއެއްގެ މަޝްވަރާ ހޯދައި، އެ ފަރާތުގެ އިރުޝާދުގެ މަތިން ސްޕެޝަލިސްޓުންނަށް ދެއްކުމުގެ މަގު ފަހިވެގެންދާނެއެވެ.
މި ބަދަލާއެކު ހޮސްޕިޓަލްތަކުގެ ކިއުތަކަށް ލުޔެއް ލިބި، ބަލިމީހުން ފަރުވާ ހޯދުމަށް ހޭދަކުރަންޖެހޭ ވަގުތު މަދުވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިހާރުގެ ހާލަތަށް ބަލާނަމަ، އައިޖީއެމްއެޗަށް ނުވަތަ ދަރުމަވަންތަ ހޮސްޕިޓަލުގެ އެމަޖެންސީ ފަރުވާ ހޯދުމަށް ދުވާލެއްގެ މައްޗަށް 500 އެއްހާ މީހުން އަންނަ ކަމަށް ތަފާސްހިސާތުތައް ދައްކާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް މީގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަމީހުންނަކީ އެމަޖެންސީއަށް ނުގޮސް ނިންމާލެވޭނެ މީހުންކަމަށާއި، އެ ހިދުމަތަކީ ފަސޭހައިން ޖީޕީ ކްލިނިކްތަކުން ލިބޭނެ ހިދުމަތަކަށް ވެއްޖެނަމަ ރައްޔިތުނަނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ ނަތީޖާއަކީ މައި ހޮސްޕިޓަލުގައި އެންމެ ހާލުދެރަ ބަލިމީހާއަށް ދެވޭ ފަރުވާ މިހާރަށްވުރެ ރަނގަޅުވެގެންދިއުންކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ މި ކަމުގެ ސަބަބުން ޖީޕީ ކްލިނިކުން ފަރުވާ ހޯދާ އާންމު ބަލިމީހާއަށް ލިބޭފަރުވާ ވެސް އަވަސްވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ސިއްހީ ނިޒާމަށް މި ބަދަލުތައް އައިސްގެން މެނުވީ މި ނިޒާމް އިތުރު ހަރުފަތަކަށް ނުގެންދެވޭނެކަމަށެވެ. އަދި މި ކަމަކީ ވަސީލަތްތަކާއި އެހެނިހެން ތަކެތި އިތުރުކޮށްގެން ވާނެކަމެއް ނޫންކަމަށާއި މި ކަން ކުރެވޭނީ ނިޒާމު ވަރުގަދަކޮށްގެންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ވަރުގަދަކުރެވިގެންދާ ނިޒާމަށް ރައްޔިތުން އަހުލުވެރި ކުރެވެންޖެހޭކަމަށް ވެސް ވިދާޅުވިއެވެ.

