ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލެ ގުދަނެއްގައި ރޯވެ އެ އިމާރާތުގެ 21 މީޙަކަށް ވަގުތީ ބޯހިޔާވަހިކަން ދީފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގައި ހުރި ގުދަނެއްގައި ރޭ ދިމާވި އަލިފާނުގެ ހާދިސާއަކާ ގުޅިގެން، އެ އިމާރާތުގައި ދިރިއުޅޭ 21 މީހަކަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ. މި ހާދިސާ ހިނގާފައިވަނީ ހުޅުމާލޭ ޗަނބޭލީ 5 ގޯޅިތެރޭގައި ހުރި ލޮޓް ނަންބަރު 11154 ގޭގައި ހުރި ގުދަނެއްގައެވެ.

އެމްއެންޑީއެފްއިން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނަށް ލިބިފައިވަނީ ރޭ ފަތިހު 03:30 ހާއިރުއެވެ. ރިޕޯޓް ލިބުމާއެކު ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް ކުރި މަސައްކަތުން، އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ 03:40 ހާއިރުއެވެ.

އެމްއެންޑީއެފްއިން ބުނި ގޮތުގައި އަލިފާން ރޯވާން މެދުވެރިވީ ގުދަނުގެ ބޭރުގައި ހުރި ކުނިތަކެއްގައި ރޯވެގެންނެވެ. ނަމަވެސް، އަލިފާނުގެ ސަބަބުން ގުދަނުގެ ބިއްލޫގަނޑު ތަޅައިގެންގޮސް، އަލިފާންގަނޑު ގުދަނުގެ ތެރެއަށް ފެތުރި އެތަނުގައި ހުރި މުދަލަށާއި އިމާރާތުގެ ކަރަންޓު ވަޔަރިންގއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، ހަ ފަންގިފިލާއަށް ހަދާފައިވާ އެ އިމާރާތުގެ ކަރަންޓް ޕެނެލް ހަލާކުވުމުގެ ސަބަބުން މުޅި އިމާރާތުން ވަނީ ކަރަންޓު ކެނޑިފައެވެ. މިކަމުގެ ސަބަބުން އެ އިމާރާތުގައި ދިރިއުޅޭ ފަރާތްތަކަށް އެތަނުގައި ދިރިއުޅެން ދަތިވުމުން، އެންޑީއެމްއޭއިން ވަނީ އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ.

އެންޑީއެމްއޭއިން ހާމަކޮށްފައިވާ ގޮތުގައި، އެ އިމާރާތުގެ ދެ އެޕާޓްމަންޓެއްގައި ދިރިއުޅޭ 21 މީހަކަށް މިހާރު ވަނީ ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމް ހަމަޖައްސައިދީފައެވެ. ”އިމާރާތުގައި ކަރަންޓު ނެތުމުގެ ސަބަބުން އެ އިމާރާތުގައި ދިރިއުޅޭ ފަރާތްތަކަށް މޯލްޑިވްސް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުން،“ އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: