ރާއްޖެއަށް ކުރިމަތިވެފައިވާ ދަރަނީގެ މައްސަލައަށް ހައްލެއް ނުގެނެވި، ހާލަތު އޮތީ އިންތިހާއަށް ގޯސްވެފައިކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، ދަރަނީގެ މައްސަލައަކީ ގައުމީ ބޮޑު މައްސަލައެއްކަމަށް ދެކި ހައްލެއް ގެންނަން ޖެހޭކަމަށެވެ.
ދަރަނި އަދާނުކުރެވޭ މިންވަރަށް، ބޮޑު އިންޓްރެސްޓުގައި ދަރަނި ނަގާފައިވާއިރު، އެ ފައިސާއިން ކުރާ ހަމައެކަނި ކަމަކީ ކުރީގެ ދަރަނި އަނބުރާ ދެއްކުންކަމަށް ވާތީ ރާއްޖެ ރަނގަޅަށް ވެސް ދަރަނީގެ ދަންތުރައިގައި ބަނދެވިފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ދަރަންޏާއި ގުޅޭގޮތުން ރައީސް ނަޝީދު ކަންބޮޑުވުންފާޅު ކުރެއްވިއިރު، މި އަހަރު ރާއްޖެއިން 2018 އާއި 2019 ގެ 500 މިލިއަން ޑޮލަރުގެ ސުކުކޫކަށްވާ ފައިސާ މި އަހަރު ދައްކަން ޖެހެ އެވެ. މީގެތެރޭގައި މި އަހަރުގެ އޭޕްރިލް މަހު އެއްފަހަރާ ދައްކަން ޖެހޭ 500 މިލިއަން ޑޮލަރު ހިމެނެ އެވެ. އަދި ޖުމްލަ އެއްކޮށް މި އަހަރު ދައްކަން ޖެހޭ ދަރަނި 1 ބިލިއަން ޑޮލަރަށް އަރަ އެވެ.
މިއީ ދިވެހި ފައިސާއިން ބަލާއިރު، 15 ބިލިއަން ރުފިޔާ އެވެ.
މި އަހަރު ފާސްކުރި ބަޖެޓުގައި ވަނީ، ސުކޫކުގެ 450 މިލިއަނެއްހާ ޑޮލަރު ރީފައިނޭންސް ކުރުމަށް ހިމަނާފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި އެއްވެސް ދައްޗަކާއި ނުލައި، މި އަހަރު ދައްކަން ޖެހޭ ދަރަނިތައް ދެއްކޭނެ އެވެ. އަދި މި ސަރުކާރުން ރާއްޖޭގެ އިގްތިސާދީ ހާލަތާއި، މާލީ ނިޒާމު ހަރުދަނާ ކުރުމަށް ކުރާ މަސައްކަތަށް ފައިސާ ޗާޕުކޮށް، ލޯނު ނުނަގާނެކަމަށް ވެސް ވަނީ ބުނެފަ އެވެ.

