ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހާއި ދެކޮޅަށް އެމްޑީޕީން މަސައްކަތް ކުރަނީ، ރައްޔިތުންގެ ތާއީދު ސަރުކާރަށް އޮތް މިންވަރު އިތުރުވެ ދެވަނަ ދައުރަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންތިހާބު ވާނެކަން އެނގޭތީކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ފަލާހު މިހެން ވިދާޅުވީ ޕީއެންސީގެ މެދުހެންވޭރު ދާއިރާގެ ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ފަލާހު ވިދާޅުވީ ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތަކާއި އިޖުތިމާއީ މައްސަލަތައް ހައްލުކުރުމަށް ކުރާ މަސައްކަތްތަކަށް އިދިކޮޅު ފަރާތްތަކުން ހުރަސް އަޅަނީ، މި ސަރުކާރުގެ މަގުބޫލުކަން އިތުރުވަމުންދާތީ ކަމަށެވެ. ފަލާހު ވިދާޅުވީ، ރައީސް މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހައްލުނުކުރެވި ހުރި އިޖުތިމާއީ އެތައް މައްސަލައެއް ހައްލުކުރުމަށް ރައްޔިތުންގެ މަޖިލިސް ތެރެއިންނާއި އެ ނޫންވެސް ގޮތްގޮތުން ގެންނަވަމުންދާ ބަދަލުތައް ރައްޔިތުން ބަލައިގަންނަ ކަމަށެވެ. އަދި އެ ސިޔާސަތުތަކަށް ރައްޔިތުންގެ ފުރިހަމަ ތާއީދު އޮތްއިރު، އެކަން އިންތިހާބުގެ ނަތީޖާއިން ފެންނާނެކަމަށް ފަލާހު ވިދާޅުވި އެވެ.\
ބޮޑު ދެ އިންތިހާބު އެއްކޮށްލުމަށް ހުށަހަޅާފައިވާ ބިލަށް، ފަހަކަށް އައިސް ތަކުރާރުކޮށް ފަލާހު ވާހަކަ ދައްކަވާއިރު މިރޭގެ ޖަލްސާގައި ވެސް އެ ބަދަލާއި ގުޅޭގޮތުން ވާހަކަ ދެއްކެވި އެވެ. ފަލާހު ވިދާޅުވީ، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަށްޓަކައި ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހުތަކުގެ މަސައްކަތް މިހާރު މަޖިލީހުގެ ކޮމިޓީ މަރުހަލާގައި ކުރިއަށްދާ ކަމަށެވެ. އަދި އަންނަ ބުރާސްފަތި ދުވަހު މި އަހަރަށް މަޖިލިސް ހުޅުވާދެއްވައި ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވާއިރު، އޭގެ ފަހުން މަދު ދުވަސްކޮޅެއްގެ ތެރޭގައި ގާނޫނުއަސާސީއަށް ގެންނަ އިސްލާހު ފާސްވެގެންދާނެކަމަށް އުންމީދު ކުރައްވާކަމަށް ފަލާހު ވިދާޅުވިއެވެ.
ސަބަބަކީ، އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހަށް މިގެންނަ ގާނޫނުތަކަށް މިގެންނަ މުހިއްމު ހާއްސަ އިސްލާހުތަކަށް އިދިކޮޅު ފަރާތްތަކުން ދެކޮޅު ހަދާ. ދެކޮޅު ހަދަނީ ސަބަބުތަކެއް އޮވެގެން. ދެކޮޅު ހަދަނީ އަޅުގަނޑުމެންގެ މި ވެރިކަން ދިގުދެމިގެން ދެވަނަ ފަހަރަށް ރައްޔިތުން އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއަށް ވޯޓުލައި އެމަނިކުފާނު އިންތިހާބު ކޮށްފާނެތީ.
ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހާއި ދެކޮޅަށް އެމްޑީޕީން އަމާޒު ކުރާ ފާޑުކިއުންތަކަށް ރައްދު ދެއްވައި ފަލާހު ވިދާޅުވީ ގައުމަށް ފައިދާ ހުރި ކޮންމެކަމަކަށް އެ ޕާޓީން އިހުތިޖާޖު ކުރާނެކަމަށެވެ. މަޖިލީހަށް ހުށަހަޅާ މުހިންމު ބޮޑެތި ބިލުތަކާއި ދެކޮޅުވާއިރު، ކިތަންމެ ރަނގަޅު އިސްލާހެއް ނަމަވެސް އެއަށް ވޯޓު ނުދޭކަމަށް ފަލާހު ވިދާޅުވި އެވެ.
ފަލާހު ވަނީ 2026 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓާއި ދެކޮޅަށް ވެސް އެމްޑީޕީން ވޯޓު ދިންކަން ފާހަގަކުރައްވާފަ އެވެ. އަދި ވޭތުވެދިޔަ ދެ ފަހަރުވެސް ދައުލަތުގެ ބަޖެޓަށް އެމްޑީޕީގެ އެއްވެސް މެންބަރަކު ވޯޓު ދީފައި ނުވަނީ ރައްޔިތުންނަށް ހެވެއް ނޭދޭތީކަމަށް ފަލާހު ވިދާޅުވި އެވެ.
މީގެއިތުރުން ފަލާހު ވިދާޅުވީ، އެމްޑީޕީން އެ ޕާޓީގެ ޓިކެޓުގައި ނެރޭ ކައުންސިލަރުން އިންތިހާބު ކުރަން މަސައްކަތް ކުރަނީ ސަރުކާރުގެ މަޝްރޫއުތައް ހުއްޓުވުމަށް ކަމަށެވެ. އަދި އެބޭފުޅުން ”ޒިންމާދާރުކުރުވުން“ މި ލަފުޒު ބޭނުންކުރަނީ ހަގީގަތުގައި ސަރުކާރުގެ ހިނގުމަށް ހުރަސްއެޅުމުގެ ނިޔަތުގައިކަމަށް ވަނީ ވިދާޅުވެފަ އެވެ.

