އެޗްޑީސީގެ ސިލްވަރ ޖުބިލީ ފާހަގަކުރުމުގެ ހަރަކާތްތައް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް 25 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޚާއްސަ ހަރަކާތްތައް ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ ރޭގައެވެ.
މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި، އެޗްޑީސީގެ ރިހިޔޫބިލަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ލޯގޯ އާއި ޝިއާރު ވަނީ ދައްކާލާފައެވެ.
މި އަހަރުގެ ޝިއާރަކަށް ކަނޑައަޅާފައިވަނީ ”ކަނޑުން ރިހިއައްސޭރިއަށް“ މިއެވެ. މިއީ ފަޅުކަނޑެއްގެ ގޮތުގައި އޮތް ސަރަހައްދެއް ހިއްކައިގެން، ޒަމާނީ ސިޓީއެއް ބިނާކުރުމަށް ކުރެވުނު ދިގު ދަތުރު ރަމްޒުކޮށްދޭ ޝިއާރެކެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރިޓަޔަރޑް) އަލީ ޒުހައިރު ވިދާޅުވީ، ރާއްޖޭގައި ސިޓީއެއް ތަރައްގީކުރުމުގެ އެންމެ ބޮޑު މަސްއޫލިއްޔަތު އުފުލާ ކުންފުނީގެ ހައިސިއްޔަތުން އެޗްޑީސީން އަދާކުރާ ދައުރު ވަރަށް މުހިންމު ކަމަށެވެ.
ރަސްމިއްޔާތުގެ ތެރެއިން އެޗްޑީސީގެ ވޭތުވެދިޔަ ތާރީޚާއި، ހުޅުމާލެ ތަރައްގީވަމުން އައި ތަފާތު މަރުހަލާތައް ދައްކުވައިދޭ ޚާއްސަ ވީޑިއޯ ޕްރެޒެންޓޭޝަނެއް ވެސް ވަނީ ދައްކާލާފައެވެ.
އެޗްޑީސީން ބުނި ގޮތުގައި، ސިލްވަރ ޖުބިލީ އަހަރާ ގުޅިގެން މި އަހަރުގެ ތެރޭގައި ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.
މީގެ ތެރޭގައި އާންމުންނަށް ބައިވެރިވެވޭނެ އިޖުތިމާއީ އަދި މުނިފޫހިފިލުވުމުގެ އެކި ހަރަކާތްތައް ހިމެނެއެވެ.

