ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ޝަރީޢާ އެޑްވައިޒަރީ ކޮމިޓީ އުފައްދަވައި އެ ކޮމިޓީއަށް ބޭފުޅުން ޢައްޔަނުކުރައްވައިފިއެވެ.
ޒަކާތުގެ ޤާނޫނުގެ 19ވަނަ މާއްދާގެ (ހ) ގައި ވަނީ ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު އެކުލަވާލައި ހިންގުމާ ގުޅޭ ކަންކަމުގައި ޒަކާތުގެ ޤާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ޝަރުޢީ ލަފާއާއި އިރުޝާދު ދިނުމަށް ޓަކައި، 5 މެންބަރުންގެ މައްޗަށް އެކުލެވޭ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީއެއް، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވަންވާނެ ކަމަށެވެ.
އަދި އެ ޤާނޫނުގެ 19ވަނަ މާއްދާގެ (ށ) އަދި (ނ)ގައި ވަނީ، ޝަރީޢާ އެޑްވައިޒަރީ ކޮމިޓީ އެކުލަވައިލާންވާނީ ސަރުކާރާއި ސަރުކާރުން ބޭރުގެ ފަރާތްތައް ހިމެނޭ ގޮތުގެ މަތީންކަމަށް ވެއެވެ. އަދި ޝަރީޢާ އެޑްވައިޒަރީ ކޮމިޓީއަށް ޢައްޔަނުކުރާ މެންބަރުންނަކީ، އިސްލާމީ ޝަރީޢާގެ ކަމާގުޅޭ ދާއިރާއަކުން އެންމެ ދަށްވެގެން ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9ގެ ސަނަދެއް ޙާޞިލުކޮށްފައިވުމުގެ އިތުރުން، މިނިސްޓްރީން ދޫކޮށްފައިވާ ދީނީ ތަޤްރީރުކުރުމާއި ދީނީ ނަޞޭޙަތް ދިނުމުގެ ހުއްދަ އޮތް ފަރާތެއްކަމުގައި ވާންވާނޭކަމަށް ޤާނޫނުގައިވެއެވެ.
އެގޮތުން އެ ކޮމިޓީއަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަނު ކުރައްވާފައިވާ މެންބަރުންނަކީ:
ޗެއަރޕަރސަން: އަލްއުސްތާޛު ޢަބްދުالله ސަޢުދާން، މިނިސްޓަރ އޮފް ސްޓޭޓް ފޯރ އިސްލާމިކް އެފެއާޒް،
މެންބަރު: އުސާމް މުޙައްމަދު ސަޢީދު މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ ނައިބު،
މެންބަރު: ޢަބްދުލްހާދީ ޙުސައިން ، ހެޑް އޮފް ޝަރީޢާ ކޮމްޕްލަޔަންސް އެންޑް ގަވަރނަންސް، ބީ.އެމް.އެލް އިސްލާމިކް،
މެންބަރު: އަޙްމަދު ފިރާސް، ކަންޓްރީ ހެޑް އޮފް ޝަރީޢާ، އެޗް.އެސް.ބީ.ސީ އަމާނާ، މެލޭޝިއާ
މެންބަރު: ޢަޒްމީނު ރަޝީދު ، ސީނިއަރ ލީގަލް ސްޓްރެޓެޖިސްޓް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ
”ޝަރީއާ އެޑްވައިޒަރީ ކޮމިޓީ“ އުފެއްދުމަކީ ޒަކާތާ ބެހޭ ގާނޫނުގެ މަގުސަދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގައި ޒަކާތުގެ ކަންކަން ބެލެހެއްޓުމުގައި ޝަރުއީ ހިންގުންތެރިކަމާއި، ދެފުށް ފެންނަ މިންވަރާއި، އަދި ޝަރުއީ ހަމަތަކަށް ތަބާވުން ހަރުދަނާކުރުމަށްޓަކައި، އެޅިގެންދިޔަ މުހިންމު ފިޔަވަޅެކެވެ.

