ރާއްޖޭގައި އަބަދު އިންތިހާބުތަކުގެ ތެރޭގައި އޮންނަންޖެހޭ އޮތުން ނިމުމަކަށް ގެނެސް، ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި ޤާނޫނުއަސާސީއަށް ބޮޑެތި އިސްލާހުތަކެއް ގެންނަންޖެހޭ ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް ވިދާޅުވި ގޮތުގައި މިހާރު އަމަލުކުރަމުންދާ ފެހި ޤާނޫނުއަސާސީއަކީ 30 އަހަރުގެ ވެރިކަމެއް ނިންމުމަށް ބައްޓަންކުރި އެއްޗަކަށް ވުމުން، ޒަމާނާ އެއްގޮތަށް އޭގެ އިސްލާހީ ބަދަލުތައް ގެނައުމަކީ ގައުމުގެ އިގްތިސާދަށާއި ހިންގުމަށް ކޮންމެހެން މުހިއްމު ކަމެކެވެ.
އިންތިހާބުތަކުގެ ސަބަބުން ގައުމަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން އާދަމް ޝަރީފް ވިދާޅުވި ގޮތުގައި، ރިޔާސީ އިންތިހާބަށްފަހު އަންނަ ފުރަތަމަ ހަމަސް ދުވަހު ރައީސުލްޖުމްހޫރިއްޔާއަށް ޖެހިވަޑައިގަންނަވަނީ މަޖިލިސް އިންތިހާބަށް ތައްޔާރުވާށެވެ. އަދި މަޖިލިސް އިންތިހާބު ނިމުމާއެކު ކައުންސިލް އިންތިހާބު ބޯމަތިވާކަން ފާހަގަކުރައްވައި، މުޅި ދައުލަތް އޮންނަނީ އިންތިހާބުތަކުން ”ތަޅުއެޅިފައި“ ކަމަށް ވިދާޅުވިއެވެ.
ގައުމަކަށް ގެންނަންޖެހޭ ހެޔޮ ބަދަލެއް ގެންނާކަށް، ތަރައްގީގެ މަޝްރޫއުތައް ހިންގާކަށް އޮންނަ ފުރުސަތު ވަރަށް ބޮޑަށް މި އޮންނަނީ މި އިންތިހާބުތަކުގެ ބަލިމަޑުކަމެއްގެ ތެރޭގައި ތަޅުއެޅިފައި
ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހާއި އެކު އިންތިހާބު އެއްކޮށްލުމުން، ރައީސުލްޖުމްހޫރިއްޔާއާއި މަޖިލިސް މެންބަރުން އެއް ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބި، މަލްޓި ޕާޓީ ޑިމޮކްރަސީގެ ރޫހު ވަރުގަދަވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އާދަމް ޝަރީފް ވިދާޅުވީ، އިންތިހާބުތައް އެއްކޮށްލުމަކީ ހަމައެކަނި ހަރަދު ކުޑަވާނެކަމެއް ނޫން ކަމަށާއި، އޭގެ ސަބަބުން ކެމްޕޭންތަކަށް ހޭދަވާ ވަގުތު ސަލާމަތްވެ، ގައުމުގެ އުފެއްދުންތެރިކަމަށް އެ ވަގުތު ހުސްކުރެވޭނެ ކަމަށެވެ. އަދި މި ބަދަލު ގެނައުމަށްޓަކައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭ ނަމަ، އެކަމަށް އެންމެ އެކަށޭނަ ވަގުތަކީ މިއީކަމަށް ވެސް ވިދާޅުވިއެވެ.
އެހެންވީމަ ދައުރެއްގެ ތެރޭގައި ތިން އިންތިހާބެއް އެބަ ތަޖުރިބާ ކުރަންޖެހޭ، ކުރަންޖެހުނީމަ މިވާގޮތަކީ ގައުމަކަށް މުޅި ދައުލަތް މިއޮންނަނީ އިންތިހާބުތަކުން ތަޅުއެޅިފައި. އެހެންވީމާ ޤައުމަކަށް ގެންނަންޖެހޭ ހެޔޮ ބަދަލެއް ގެންނާކަށް ތަރައްގީގެ މަޝްރޫޢުތައް ހިންގާކަށް އޮންނަ ފުރުސަތު ވަރަށް ބޮޑަށް މިއޮންނަނީ މި އިންތިހާބުތަކުގެ ބަލިމަޑުކަމެއްގެ ތެރޭގައި ތަޅުއެޅިފައި.
އާދަމް ޝަރީފް ވިދާޅުވީ ސަރުކާރު ފަށައިގަނެ ގިނަ ދުވަހެއް ނުވެ މަޖިލިސް އިންތިހާބު ބޭއްވުމަށް ފަހު އޭގެ ދެ އަހަރު ނުވަނީސް ކައުންސިލް އިންތިހާބަށް ކުރިމަތިލާން ޖެހޭ ކަމަށެވެ. އެހެންކަމުން ދައުރެއްގެ ތެރޭގައި ބޮޑު ތިން އިންތިހާބު ބާއްވަން ޖެހޭއިރު މިއީ އިންތިހާބުތަކުން ”ތަޅުއެޅިފައި“ އޮތުންކަމަށް މިނިސްޓަރ ސިފަ ކުރެއްވި އެވެ. އަދި ވިދާޅުވީ އޭގެ ސަބަބުން ގައުމަކަށް ގެންނަންޖެހޭ ހެޔޮ ބަދަލެއް ގެނައުމަށް މަޝްރޫޢުތައް ހިންގަން އޮންނަ ފުރުސަތު ވަރަށް ބޮޑަށް މި އިންތިހާބުތަކުގެ ބަލިމަޑުކަމެއްގެ ތެރެއަށް ވަދެގެން ދާކަމަށެވެ.

