ވޭތުވެދިޔަ 10 ވަރަކަށް ދުވަހުގެ ތެރޭގައި މާލެ ސިޓީގައި އެކަނި 27000 އަށް ވުރެ ގިނަ މަސްދަޅު ކޭސް ބަހާފައިވާކަމަށް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވޯކްސްއިން ބުނެފިއެވެ.
މިނިސްޓްރީން މީޑިއާތަކަށް ދިން މައުލޫމާތުގައި ބުނީ ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް ރޯދަ ހަދިޔާބެހުން މިއަހަރު ކުރިއަށް ދަނީ ވަރަށް ހަލުވިކޮށް އޮމާންކަމާ އެކު ކަމަށެވެ. މިވީ 10 ވަރަކަށް ދުވަހުގެ ތެރޭގައި މާލެ ސިޓީގައި އެކަނި 27000 އަށް ވުރެ ގިނަ މަސްދަޅު ކޭސް ބަހައިފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނފައެެވެ.
މިނިސްޓްރީން ބުނީ މިއީ ވަރަށް ބޮޑު ތަރުޙީބެއް ކަމަށާއި މާލޭގެ އިތުރުން ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށަކުވެސް ރޯދަ ހަދިޔާ ބަހާނެ ކަމަށެވެ. މި ފަހަރު މިކަމަށް ހަމަޖެއްސި އިންތިޒާމުތަކުގެ ދަށުން، ރޯދަ ހަދިޔާއާ ހަވާލުވާން އަންނަ ކޮންމެ ރައްޔިތަކަށް 5 ވަރަކަށް މިނިޓު ތެރޭ ހަދިޔާ ހަވާލުކުރާނެ ކަމަށާއި ކިޔޫގައި ގިނަ ވަގުތު މަޑުކުރާން ވެސް ނުޖެހޭނެ ކަމަށެވެ.
މިނިސްޓްރީން ފާހަގަކުރިގޮތުގައި ރައްޔިތުންނަށް ރޯދަ ހަދިޔާ ބަހަން ފެށީ މި ސަރުކާރުންނެވެ. އަދި މިއީ ރައީސް މުޢިއްޒުގެ ޚާއްޞަ އިސްނެންގެވުމެއް ކަމަށާއި މިއީ ރޯދަ ހަދިޔާ ބަހާ 2 ވަނަ އަހަރުކަން މިނިސްޓްރީން ފާހަގަކުރެއެއެވެ.
މިދިޔަ އަހަރު ރޯދަ ހަދިޔާ ބަހަން ފެށި ހަފުތާ ކިޔޫ ދިގުވެ، ހަދިޔާއާ ހަވާލުވާން ގިނަވަގުތު ނަގާތީ ބައެއް ފަރާތްތަކުން ފާޑުކިޔުން އަމާޒުވި ނަމަވެސް، އެކަން ވަނީ ސަރުކާރުން ޙައްލުކޮށްފައި ކަމަށް މިނިސްޓްރީން ފާހަގަކުރިއެވެ. މި ފަހަރު މިފަދަ އެއްވެސް ދަތިކަމެއް ދިމާނުވެ، ރޯދަ ހަދިޔާ ބެހުން ރައްޔިތުންގެ ބޮޑު ތަރުހީބަކާއެކު ކުރިއަށް ދިއުމަކީ ފާހަގަކުރަން ޖެހޭ މުހިންމު ކަމެއް ކަމަށްވެސް ވަނީ ބުނެފައެވެ.

