ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަރައްގީ ހުއްޓެނީ ކައުންސިލްތަކާއި ހެދިއެއް ނޫން، ނެތީ ކަންކަން ކުރުމުގެ ވައްޓަފާޅިއެއް: ޝާހިދު

އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު: ފޮޓޯ/ އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރަށްރަށުގެ ތަރައްގީ ހުއްޓިފައި ވަނީ ކައުންސިލްތަކުގެ ސަބަބުން ނޫންކަމަށާއި، އެފަދަ މައްސަލަތައް ދިމާވަނީ ސަރުކާރުގެ ކަންކަން ކުރުމުގެ ވައްޓަފާޅިއެއް ނެތުމުންކަމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އަންނަ އޭޕްރިލް މަހު ލޯކަލް ކައުންސިލް އިންތިހާބު ބާއްވާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ގޮތުގައި ބައެއް ރަށްތަކުގެ ޕްރޮޖެކްޓުތައް މަޑުޖެހިފައި ވަނީ ކައުންސިލްތަކުގެ އެއްބާރުލުން ނުލިބޭތީ އެވެ. މަސައްކަތް ކުރިޔަށް ގެންދިއުމަށް ބޭނުންވާ ބިންތައް ދޫނުކޮށް ލަސް ކުރުމާއި، ކައުންސިލް މެދުވެރިކޮށް ފުރިހަމަ ކުރަން ޖެހޭ ބައެއް މަރުހަލާތަކަށް ބައެއް މެމްބަރުން ހުރަސްއަޅާކަމަށް ރައީސް ވިދާޅުވި އެވެ.

ސަރުކާރުގެ ވައުދުތައް ފުއްދުމަށް ޕީއެންސީއަށް ވޯޓު ދޭން، ރައީސް އެދިވަޑައިގަތުމުން އެކަމާއި ދެކޮޅަށް އެމްޑީޕީން ބަޔާނެއް ނެރުނެވެ. އަދި ބުނީ ކައުންސިލްތަކާއި ގުޅުވައި ރައީސް ވާހަކަ ދެއްކެވީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް އެމްޑީޕީން ރޭ ބޭއްވި ޖަލްސާގައި ޝާހިދު ވަނީ ކައުންސިލްތަކާއި ގުޅޭގޮތުން ރައީސް ދެއްކެވި ވާހަކައަށް ރައްދު ދެއްވާފަ އެވެ. ޝާހިދު ވިދާޅުވީ ކައުންސިލްތަކަކީ ސަރުކާރުގެ ބައެއް ނޫން ކަމަށެވެ. އަދި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒު ކުރައްވާފަ އެވެ. ރިޔާސީ އިންތިހާބުގައި، ރައްޔިތުންނަށް ވައުދުތައްވުމަށް އެކުލަވާލި މެނިފެސްޓޯ ޝާހިދު ސިފަ ކުރައްވާފައި ވަނީ ދޮގު ފޮތެއްގެ ގޮތުގަ އެެވެ.

ޝާހިދު ވިދާޅުވީ، ގާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހަށް މުހިންމު ބާރުތަކެއް ދީފައިވީ ނަމަވެސް، މި ސަރުކާރުން މަޖިލީހަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހިންގާ ޑިޕާޓްމަންޓަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި މަޖިލިސް މެންބަރުންނަކީ ރައީސް ވިދާޅުވާ ބަހެއް ނޫނީ އިއްވޭނެ ބައެއް ނޫންކަމަށާއި، ރައީސްގެ ހިޔާލާއި އިދިކޮޅަށް އެއްޗެއް ކޮންމެ ބުނާ މީހަކު ހުންނަނީ ބިރުވެރިކަމެއްގެ ތެރޭގައިކަމަށް ވިދާޅުވި އެވެ.

ޝާހިދު އިތުރަށް ވިދާޅުވީ ގާނޫނުއަސާސީއަށް ބަދަލު ގެނެސްގެން، ޕާޓީގެ ލީޑަރުން މެދުވެރިކޮށް މެންބަރުން ވަކިކުރެވޭ ގޮތް ހަދައި، މަޖިލީހުގެ އަނގަމަތީގައި ”މަލަން އަޅާފައިވާ“ ކަމަށެވެ.

މީގެ އިތުރުން ރައްޔިތުންގެ މަސްއޫލިއްޔަތުތައް އަދާނުކުރެވޭނެ ގޮތަށް މަޖިލީހުގައި ”ތަޅުއަޅުވައި، އަނދަގޮނޑި ޖަހާފައިވާ“ ކަމަށް ވެސް ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ޝާހިދު ވިދާޅުވީ، މެނިފެސްޓޯގައިވާ ކަންކަންކޮށްދެވޭނީ ކައުންސިލްތަކުގެ މެޖޯރިޓީ ސަރުކާރަށް ދިނުމުންކަމަށް ބުނެ ރައްޔިތުންނަށް އޮޅުވާލަމުންދާ ކަމަށެވެ.

މިހާރުވެސް މާލެ ސިޓީ ކައުންސިލް ފަދަ ގިނަ ކައުންސިލްތަކުގެ މެޖޯރިޓީ ސަރުކާރަށް އޮތްއިރު، އެއްވެސް ތަރައްގީއެއް ނުފެންނަކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ ރައީސް މުއިއްޒު ހިތްހަމަނުޖެހޭ މައްސަލައެއް އެޖެންޑާކޮށްފި ނަމަ، ”ރިމޯޓަށް ފިއްތާލައިގެން“ ކޯރަމް ގެއްލުވާލައި ޖަލްސާ ހުއްޓުވާލާ ކަމަށެވެ.

ރަށްރަށުގެ ތަރައްގީ ހުއްޓިފައި ވަނީ ކައުންސިލްތަކުގެ ސަބަބުން ނޫންކަމަށާއި، އެފަދަ މައްސަލަތައް ދިމާވަނީ ސަރުކާރުގެ ކަންކަން ކުރުމުގެ ވައްޓަފާޅިއެއް ނެތުމުންނާއި ކޮރަޕްޝަންގެ ސަބަބުންކަމަށް ޝާހިދު ވިދާޅުވިއެވެ.

ކައުންސިލް އިންތިހާބުގައި އެއްވެސް ގޮނޑިއެއް ޕީއެންސީއަށް ކާމިޔާބުކޮށް ނުދިނުމަށް ޝާހިދު ގޮވާލި އެވެ. އަދި ސަރުކާރަށް ކައުންސިލްތަކުގެ ބާރު ލިބިއްޖެ ނަމަ އެތަންތަން ރައީސް އޮފީހުގެ ޑިޕާޓްމަންޓްތަކަށް ބަދަލުވެ، ލޯކަލް ގަވަމަންޓްގެ މަފްހޫމު ގެއްލިގެންދާނެކަމަށް ވަނީ ވިދާޅުވެފަ އެވެ. އަދި އަތޮޅު ކައުންސިލްތައް އުވާލައި، އެޓޯލްސް މިނިސްޓްރީގެ ދަށުން ސްޓޭޓް މިނިސްޓަރުން އައްޔަންކޮށްގެން އަތޮޅުތައް ހިންގަން މަސައްކަތް ކުރަމުންދާކަމަށް ޝަހިދު ވަނީ ތުހުމަތު ކުރައްވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: