މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އިން މޯލްޑިވްސް ބްލަޑް ސާވިސްއާއި ގުޅިގެން، އެ ކުންފުނީގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ލޭ ހަދިޔާ ކުރުމުގެ ޚާއްޞަ ހަރަކާތެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ.
މި ހަރަކާތް ކުރިޔަށް ގެންގޮސްފައި ވަނީ އެމްޑަބްލިޔުއެސްސީގެ ކަސްޓަމަރ ސާރވިސް އިމާރާތުގައެވެ. މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ، މި ވަގުތު ރާއްޖޭގައި ލޭ ލިބުމަށް ދިމާވެފައިވާ ދަތިތަކަށް ޙައްލެއް ހޯދުމަށް މޯލްޑިވްސް ބްލަޑް ސަރވިސްއިން އިޢުލާނުކޮށްފައިވާ ލޭގެ ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅިގެން، ބޭނުންވާ ލޭ ހޯދުމުގައި އެހީތެރިކަން ފޯރުކޮށްދިނުމެވެ.
މީގެ އިތުރުން، ކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުންގެ މެދުގައި ލޭ ހަދިޔާ ކުރުމުގެ މުހިންމުކަމާއި މެދު ހޭލުންތެރިކަން އިތުރުކުރުމަކީ ވެސް މި ހަރަކާތުގެ ބޭނުމެކެވެ. އަދި މުވައްޒަފުން މަސައްކަތުގައި ބުރަކޮށް އުޅެމުން ވެސް، ފަސޭހަ މާހައުލެއްގައި ތިބެ މިފަދަ އިޖުތިމާޢީ އަދި ބޭނުންތެރި ހަރަކާތެއްގައި ބައިވެރިވެ، ލޭ ހަދިޔާ ކުރުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަކީ ކުންފުނިން އިސްކަންދިން ކަމެކެވެ.
މިއަދު ކުރިއަށްދިޔަ މި ހަރަކާތުގައި އެމް.ޑަބްލިޔު.އެސް.ސީގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެ، ލޭ ހަދިޔާކޮށްފައިވާއިރު، މުޖުތަމަޢުގެ ލާބައާއި މަންފާއަށް ކުރެވޭ މިފަދަ ކަންކަމުގައި ކުންފުނީގެ މުވައްޒަފުން އިސްނަގައިގެން އަބަދުވެސް ދެމުންދާ އެއްބާރުލުން ފާހަގަކޮށް، ކުންފުނީގެ މެނޭޖްމަންޓުން ވަނީ ހުރިހާ މުވައްޒަފުންނަށް ޝުކުރު އަދާކޮށްފައެވެ.
މިފަދަ ހަރަކާތްތަކުގެ ސަބަބުން، ލޭ ބޭނުންވެފައިވާ ތެލަސީމިއާ ކުދިންނަށާއި އެހެނިހެން ބަލިމީހުންނަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.

