ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ށ. ނޫމަރާގެ ނެރު މަތި ބެދި، ރަށް ހުއްޓުމަކަށް!

ނޫމަރާ ނެރުމައްޗަށް އަރާފައިވާ އުޅަނދުގެ ސަބަބުބްރަށަށް ގިނަ ދަތިތަކެއް: ފޮޓޯ އާންމު ފަރާތެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ށ. ނޫމަރާގެ ބަނދަރު ހެދުމަށް ގެނައި އުޅަނދެއް ނޫމަރާ ނެރުމައްޗަށް، އުރި ރަށް ހުއްޓުުމަކަށް އަތުވެއްޖެއެވެ.

ނަން ހާމަ ނުކުރަން ޝަރުތުކޮށް ށ. ނޫމާރާއިން ސަންގާއި ވާހަކަދެއްކި އާންމުންގެ މީހަކު މައުލޫމާތު ދިން ގޮތުގައި ނެރުމައްޗަށް އެ އުޅަނދު އުރިފައި ވަނީ އެ ސަރަހައްދަށް ކައިރިކުރަން އުޅުމުގެ ތެރޭގައެވެ. އެ ސަރަހައްދަކީ އާންމު ގޮތެއްގައިވެސް ކަނޑުގެ އޮއި އާދަޔާ ޚިލާފަށް ގަދަ ހިސާބަކަށް ވުމާއި އެކު، ވަނުމުގެ ތެރޭގައި ނެރުމައްޗަށް އެ އުޅަނދު އަރާފައިވާ ކަމަށާ، އުޅަނދަށް ގެއްލުންވެފައިވާ ކަމަށް އޭނާ ބުނެފައެވެ.

އަދި އެކަމުގެ ސަބަބުން ގިނަ ދަތިތަކެއް ދިމާވާކަމަށް އޭނާ ވަނީ ބުނެފައެވެ.

” މި ސަރަހައްދަކީ އާއްމުކޮށްވެސް ވަރަށް އޮއިގަދަ ސަރަހައްދެއް. ވަންނަން އުޅުމުގެ ތެރޭގައި ނެރުމައްޗަށް އެރީ. ނެރުމައްޗަށް އެ އަރައިގެން އޭގެ މިހާރު ފޫވެސް ގޮއްސަ އޮތީ. ވަރަށް ދަތި ހާލުގައި ރައްޔިތުން ތިބީ. މިކަމާއި ގުޅޭ ގޮތުން މެމްބަރަށް ވެސް، އަދި ޓްވިޓާގައިވެސް އެކިގޮތް ގޮތުން ކަމާއި ބެހޭ ފަރާތްތަކަށް ދަންނަވައިފިން. ހައްލެއް ނާދޭ. މިހާރު ދެ މަސްވީ. ރަށަށް ބޮޑު އުޅަނދަކަށް ނުވަދެވޭ. ރަށަށް ކާޑު ގެންނާނެ ގޮތެއް ނެތް. ރައްޔިތުން ބަނޑަށް ޖެހެނީ”

ނެރުމައްޗަށް އުރިފައިވާ އުޅަނދު: ފޮޓޯ އާއްމުންގެ މިހެއް

ސަންގުން ވަނީ މި މައްސަލައިގައި އެރަށުގެ އިތުރު ބައެއް ފަރާތްތަކާއި ވެސް ވާހަކަދައްކާފައެވެ. އެ ފަރާތްތަކުން ބުނީ ބަނދަރުގެ ހުވަފެނަކީ އެ ރަށުގެ ހުރިހާ ރައްޔިތުންގެ ވެސް އުންމީދެއްކަމަށެވެ. ސަންގާއި ވާހަކަދެއްކި އިތުރު މީހަކު ބުނީ އެކި ސަބަބުތަކާއި ހުރެ އެ މަސައްކަތް ލަސްވުމުގެ އިތުރުން، އެހެން ތަކުލީފަކާއި ކުރިމަތިލާން ޖެހުމަކީ ވަރަށް ހިތާމަކުރާ ކަމެއްކަމަށް އޭނާ ވަނީ ބުނެފައެވެ.

“ދަންނަވަންތޯ، ކޮންމެ ސަރުކާރަކުން ވެސް މި ބަނދަރުގެ ހުވަފެން އަޅުގަނޑުމެންނަށް ދައްކާ. މިއީ ހަނދާން ހުރީއްސުރެއްވެސް ގަދަ ތަނެއް ނޫމަރާ ނެރުމައްޗަކީ. އެކަމާއި ހުރެ އެތައް ދައްޗެއްވެސް އެބަ ހުރި. އެކަންވެސް އޮތީ އެހެން. ސިޔާސީ ކަންކަމާއި ދިމާކޮށް ނޫނީ ވެރިންވެސް މި ރަށަކަށް ނާދޭ. މި ރަށް ވާނެ އެންމެ އަޅާ ނުލާ އެއް ރަށަށް. އެކަމަކު މި ފަހަރު މިހާރު ދިމާ މިވާކަންތައް މިއީ ބޮޑު ވަރު. ދެ މަސްވާ އިރު އަޅުގަނޑުމެންގެ ހާލުވެސް މިއިން ތަނަކުން ބަލާލަނީކީ ނޫން.”

މަސައްކަތް ހަވާލް ކުރި ސާސްއީ އާއި ސަރުކާރުގެ ވަޒީރެއްގެ މަސްލަހަތު އޮތްކަމުގެ ތުހުމަތު!

ސަންގަށް މައުލޫމާތު ދިން ފަރާތަކުން ބުނި މި މަަސައްކަތް ހަވާލުކޮށްފައި ވަނީ މި ސަރުކާރެއްގެ ވަޒީރެއްގެ މަސްލަހަތު އޮންނަ ކުންފުންޏަކާއި ހަމަށެވެ. އަދި މިފަދަ ބޮޑު މައްސަލައެއް ދިމާވުމުން ކަމާއި ބެހޭ ފަރާތްތަކުން އެކަމަށް ފިޔަވަޅު ނާޅާ ލަސްވެގެންދާއިރު، ހަނު ތިބެނީ އެ ސަބަބާއި ހުރެ ކަމަށް ބެލެވޭކަމަށް ބުނެފައިވެއެވެ. ތަކުރާރުކޮށް ކަމާއި ބެހޭ ފަރާތްތަކާއި މުއާމަލާތް ކޮށްގެންވެސް ނޫމަރާގެ ނެރުމައްޗަށް އަރާފައިވާ އެ އުޅަނދުގެ މައްސަލައަށް ހައްލެއް ނުލިބި ވަނީ އެ މައްސަލައަށް ނުފޫޒު އޮތުމުންކަމަށް އެ ފަރާތުން ތުހުމަތު ކުރެއެވެ.

ބަނދަރުގެ މަސައްކަތް ކުރަން ގެންދިޔަ އުޅަނދެއް: ފޮޓޯ އާއްމުންގެ މިހެއް

އެ މަސައްކަތް ކުރަން މިހާތަނަށް ގެންގޮސްފައިވަނީ ހަމައެކަނި 2 އެއްގަމު އުޅަނދުކަމަށް ވާއިރު، އޭގެ ތެރެގައި އެންމެ އެކަށީގެންވާ ގޮތަށް މަސައްކަތް ކުރާ އުޅަނދުތައް ނެތްކަމަށް އެ ރަށުން މައުލޫމާތު ދިން މީހަކު ބުނެފައިވެއެވެ. އަދި ރަށުގެ ބަނދަރު ސަރަހައްދުގައި ހައިމާކު ދުއްވުމުގެ ސަބަބުން އެ ސަރަހައްދުގެ ފަސްގަނޑު ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ނޫމަރާ މައްސަލައިގައި ދާއިރާގެ މެމްބަރުގެ ވެސް ކަންބޮޑުވުން އިންތިހާ!

މި މައްސަލައިގައި ސަންގުން ވަނީ ށ. ނޫމަރާ އެ ދާއިރާއަކަށް ނިސްބަތްވާ ކަނޑިތީމު ދާއިރާގެ މިހާރުގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމްގެ ހުރި ކަންބޮޑުވުންތައް ވެސް އޮޅުން ފިލުވާފައެވެ. ޝަހީމް ވިދާޅުވީ ނޫމަރާގެ ބަނދަރުގެ މަސައްކަތް ފުރިހަމަ ވުމަކީ އެމަނިކުފާނުގެ އެންމެ ބޮޑު އުންމީދު ކަމަށާ، ނޫމަރާގެ ނެރު ބެދިފައިވާ މައްސަލައަށް ވީ އެންމެ އަވަހަކަށް ހައްލު ހޯއްދަވައިދެއްވަން އޭނާ ގޮވާލެއްވިއެވެ.

” ނޫމަރާގެ ނެރުމަތި ބެދިފައި އޮތީ. އަޅުގަނޑު ވަރަށް ކަންބޮޑުވާ މައްސަލަ އެއް އެއީ. ދާދިފަހުން އަޅުގަނޑު ދާއިރާއަށް ޒިޔާރަތް ކުރި އިރު ވެސް ތި މައްސަލަ އަޅުގަނޑާ ހިސާބަށް އައި. އަދި އެ ބަނދަރުގެ މަސައްކަތްވެސް ވީހާވެސް އަވަސްވުން އަޅުގަނޑުގެ އުންމީދަކީ.”

މަސައްކަތް ހުއްޓިފައި އޮތީ، އުޅަނދުގެ މައްސަލައިގައެއް ނޫން: ޕްލޭނިން

މި ޕްރޮޖެކްޓަކީ ޕްލޭނިން މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ މަސައްކަތަކަށް ވުމާއި އެކު، ސަންގުން ވަނީ ޕްލޭނިންއާއި އެ މަސައްކަތާއި ގުޅޭގޮތުން ސުވާލުކޮށްފައެވެ. ޕްލޭނިންގެ މީޑިއާ ޔުނިޓުން ސަންގަށް ވިދާޅުވީ އެ މަސައްކަތް ހުއްޓިފައި އޮތީ، ވަކި އުޅަނދަކަށް ދިމާވި މައްސަލަ އަކުން ނޫން ކަމަށާ، އެ މަސައްކަތް ހުއްޓިފައި އޮތީ ޑިޒައިން ކުރުމުގެ މަސައްކަތް ކުރިއަށް ދާތީ ކަމަށެވެ.

ބަނދަރުގެ މަސައްކަތް ކުރަން ގެންދިޔަ އުޅަނދެއް: ފޮޓޯ އާއްމުންގެ މިހެއް

” ޕްރޮޖެކްޓަކީ އަޅުގަނޑުމެންގެ ޕްރޮޖެކްޓެއް. މަސައްކަތް ހުއްޓިފައި އޮތީ ޑިޒައިނިންގެ މަސައްކަތް ކުރިއަށްދާތީ. މިވަގުތު ކުރިއަށް ދަނީ ކޮސްޓިން އާއި އެކަހަލަ މަސައްކަތްތައް. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ، ސާސް އީ ކިޔާ ކުންފުންޏަކާ އިނގޭތޯ. ދެން ޑިޒައިނިންވެސް ކުރީ ޒަމާނުގަ ހެން ޑިޒައިންކޮށްގެން އަންނާށެކޭ ނޫން މި ބުނަނީ. އަޅުގަނޑުމެން ސިޓް ކޮށްގެން ނެގޯޝިއޭޝަންތަކަކަށް މިދަނީ”

އެ މައްސަލަ އެ ވުޒާރާގެ ސަމާލުކަމަށް އައީ 25 އޮކްޓޯބަރުގައި ކަމަށާ، އެއާއި އެކު ކޮންޓްރެކްތަރަށް ބާޖުގައި ހުރި މުދާ ހުސްކުރުމަށާއި އެ މައްސަލަ އެންވައިރޮމެންޓް ޕްރޮޓެކްޝަން އެޖެންސީގެ ސަމާލުކަމަށް ގެންނަން އަންގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން 12 ނޮވެމްބަރުގައި އެ އުޅަނދުގައި ހުރި ހުރިހާ މުދަލެއް ސާސް އީ ކުންފުނިން ހުސްކޮށްފައިވާ ކަމަށާ، އެ ކުންފުނިން އެ މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރަމުންދާކަމަށް އެ ކުންފުންނާއި ހަވާލާދީ ޕްލޭނިން މިނިސްޓްރީން ބުނެއެވެ.

ފަރަށް އަރާ އުޅަނދު ފުން ކުރުމުގައި އެކަށީގެންވާ ނިޒާމެއް ރައްޖޭގައި މިހާތަނަށް ޤާއިމްކުރެވިފައެއް ނެތެވެ. އެ މަސައްކަތުގައި ބައެއް ފަހަރު އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދިން ނަމަވެސް ރަސްމީގޮތުން އެ މަސައްކަތް އެއްވެސް ބަޔަކާ ހަވާލުކުރެވިފައެއް ނުވެއެވެ. މިފަދަ މައްސަލަތައް ހައްލު ކުރަން ދާދިފަހުން ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ނާޒިމް ވަނީ މަޖިލީހަށް ބިލެއްވެސް ހުށަހަޅުއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: