ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިގްތިސާދު މެނޭޖު ކުރުމުގައި ސަރުކާރު ވަނީ ނާކާމިޔާބުވެފައި: ޝަމްހީދު

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު ޑރ. އަހުމަދު ޝަމްހީދު/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން އިގްތިސާދު މެނޭޖްކުރުމުގައި ނާކާމިޔާބުވެ، ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވައުދުތަކާ މުޅިން ހިލާފަށް ކަންކަން ހިނގަމުންދާކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

ޝަމްހީދު މިހެން ވިދާޅުވީ އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ. މި އަހަރަށް މަޖިލިސް ހުޅުވާދެއްވައި ރައީސުލްޖުމްހޫރިއްޔާ އިއްވާ ރިޔާސީ ބަޔާނާއި ގުޅުވައި ބޭއްވި މި ޕްރެސްގައި ޝަމްހީދު ވަނީ މީގެ ކުރީގެ ބަޔާންތަކުގައި ރާއްޖޭގެ އިގްތިސާދީ ހާލަތާއި ގުޅޭގޮތުން ދެއްކެވި ވާހަކަތަކުގެ ކާމިޔަބީ ލިބިފައި ވަނީ ކިހާ މިންވަރަކަށްތޯ ސުވާލު ކުރައްވާފަ އެވެ.

ދަރަންޏާ ގުޅޭގޮތުން ޝަމްހީދު ފާހަގަކުރެއްވި ގޮތުގައި، އެމްޑީޕީ ސަރުކާރު ނިމުނުއިރު ދައުލަތުގެ ދަރަނި ހުރީ ގާތްގަނޑަކަށް 115.9 އިންސައްތައިގައެވެ. އެއީ ގާތްގަނޑަކަށް 120 ބިލިއަނާއި 125 ބިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކަށްވާއިރު މި ދަރަނި ކުޑަކުރާނެކަމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވި ނަމަވެސް، އަހަރު ނިމޭއިރު ދަރަނި 159 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ޖީޑީޕީގެ ނިސްބަތުން 137 އިންސައްތައެވެ.

މީގެ އިތުރުން، ފައިސާ ޗާޕުނުކުރާނެކަމަށް ވިދާޅުވި ވައުދާވެސް ސަރުކާރުން ހިލާފުވެފައިވާކަމަށް ޝަމްހީދު ވިދާޅުވި އެވެ. ޝަމްހީދު ވިދާޅުވި ގޮތުގައި، އިގްތިސާދު މިސް މެނޭޖްކުރުމުގެ ސަބަބުން މާލީ ދާއިރާގެ ފަންނީ ބޭފުޅުން ސަރުކާރުގެ ވަޒީފާތަކުން ދަނީ އިސްތިއުފާ ދެމުންނެވެ. އެގޮތުން، ޕެންޝަން ފަންޑުގެ ސީއީއޯ އާއި، ބޯޑު މެންބަރުން އަދި ޗެއާމަން ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވީ ސަރުކާރުން ހިންގަމުންދާ ”ބޮޑު ގޯހެއްގެ“ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަމްހީދު އިތުރަށް ވިދާޅުވީ، ސަރުކާރުން ދަރަނި ދެއްކުމަށްޓަކައި 2.4 ބިލިއަން ރުފިޔާ މިހާރު ވެސް ޗާޕުކޮށްފައިވާ ކަމަށެވެ. އަދި ޕެންޝަން ފަންޑުގައި ހުރި ދައުލަތުގެ 22 ބިލިއަން ރުފިޔާގެ އިންވެސްޓްމަންޓްތައް މަރުކަޒީ ބޭންކު އެމްއެމްއޭ މެދުވެރިކޮށް އަލުން ގަނެ، އެ ފައިސާ މާކެޓަށް ނެރުމަކީ ފައިސާ ޗާޕުކުރުމުގެ ސިޔާސަތެއްކަމަށް ވިދާޅުވި އެވެ.

ޝަމްހީދު ވިދާޅުވީ ޕެންޝަން ފަންޑުގެ އިސްވެރިން އިސްތިއުފާ ދެއްވީ، ބާކީ އޮތް 20 ބިލިއަން ރުފިޔާ ޗާޕުނުކުރާނެ ކަމުގެ ގެރެންޓީއެއް ސަރުކާރުން ނުދިނުމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: