ޑަބްލިއުޑީސީގެ މެންބަރުންނަކީ ރައްޔިތުންނާއި ވަކިން ހާއްސަކޮށް އަންހެނުންނާ އެންމެ ގާތުން މަސައްކަތްކޮށް، އެމީހުންގެ އިހުސާސްތައް ދެނެގަނެވޭނެ ފަރާތްތައްކަމަށް ރައީސުލްޖުމްހުރިއްޔާގެ އަނބިކަބަލުން ފަސްޓެލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
ސާޖިދާ މިހެން ވިދާޅުވީ މާލޭގެ ރައީސާގެ މަގާމަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓް އާޝިޔަތު އަލައިކާ ޢަދުނާން ކެމްޕެއިން އޮފީސް ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މިރޭގެ ޖަލްސާގައި ސާޖިދާ ވިދާޅުވީ، ރަށު ކައުންސިލްތަކުގައި އަންހެނުންގެ ކޮމިޓީއެއް އޮންނަ އެންމެ ބޮޑު ސަބަބަކީ، އަންހެނުންނަށް ދިމާވާ އެކި ގޮންޖެހުންތަކާ ގުޅޭ މައުލޫމާތު ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާ ހަމައަށް ފޯރުކޮށްދިނުން ކަމަށެވެ. އަދި އެ ސިޔާސަތުތަކުގެ ތެރޭގައި އަންހެނުންގެ ބޭނުންތައް ހިމެނޭނެ ގޮތް ބެލުމަކީ މި ކޮމިޓީތަކުގެ މުހިންމު ޒިންމާއެއްކަން ފާހަގަކުރެއްވިއެވެ.
ބައެއް ފަރާތްތަކުން އަންހެނުންގެ ކޮމިޓީއަކީ ”ކީއްކުރާ ކޮމިޓީއެއްތޯ“ ސުވާލު އުފައްދާތީ ސާޖިދާ ވިދާޅުވީ، އެފަދަ ގޮތަކަށް ވިސްނައިގެން ނުވާނެ ކަމަށެވެ. އަންހެނުން ބާރުވެރި ކުރުވަން ޖެހޭނީ އެކަކު ބޭނުންވާ އެހީތައް ފޯރުކޮށްދިނުމަށްކަމަށާއި، އަދި އެއް އަންހެނެއް އަނެއް އަންހެނަކަށް އަނެކާގެ އަގު ވެއްޓޭގޮތަށް ވާހަކަ ދެއްކުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަން ސާޖިދާ ފާހަގަކުރއްވި އެވެ.
ސާޖިދާ އިތުރަށް ވިދާޅުވީ، ޑަބްލިއުޑީސީގެ މެންބަރުންނަކީ ރައްޔިތުންނާ، ވަކިން ހާއްސަކޮށް އަންހެނުންނާ އެންމެ ގާތުން މަސައްކަތްކޮށް، އެމީހުންގެ އިހުސާސްތައް ދެނެގަނެވޭނެ ފަރާތްތައް ކަމަށެވެ. އެހެންކަމުން އެ މައުލޫމާތުތައް ކައުންސިލާ ހަމައަށް ގެންދިއުމަށް އެންމެ ފަސޭހަ ވާނީ ވެސް އެ ކޮމިޓީތަކަށްކަމަށް ވިދާޅުވިއެވެ.
ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓުދިނުމަށް އެދިވަޑައިގެން ސާޖިދާ ވިދާޅުވީ ޕީއެންސީގެ ކެންޑިޑޭޓް އަލައިކާއާއި އެކު ހުރިހާ އަންހެން ބޭފުޅުން ނިކުމެ މަސައްކަތް ކުރުމަށް އެދޭކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކޮށް، ބޭނުންވާ ލަނޑުދަނޑިތައް ހާސިލުކުރެވޭނީ ސަރުކާރާ ގުޅިގެން މަސައްކަތްކުރާނެ މެންބަރުން އިންތިހާބުކޮށްގެންކަމަށް ވެސް ވިދާޅުވިއެވެ.

