މީޑިއާތަކާ ގާތުން މަސައްކަތްކުރުމާއި، ރައްޔިތުންނަށް ބޭނުންވާ މަޢުލޫމާތު ހާމަކުރުމުގައި ދެފުށް ފެންނަ ސިޔާސަތެއްގެ ދަށުން މި ސަރުކާރުން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަން މިއަދު ދެއްވި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު ވިދާޅުވއްޖެ އެވެ.
ރައީސް ހާމަކުރެއްވި ގޮތުގައި، ވޭތުވެދިޔަ އަހަރުގެ ތެރޭގައި ސަރުކާރުގެ ހަރަކާތްތަކާ ގުޅޭ މަޢުލޫމާތު ހިއްސާކުރައްވައި، މީޑިއާތަކުން ކުރި ސުވާލުތަކަށް ޖަވާބުދެއްވުމަށް ވަޒީރުން އިސްނަންގަވައިގެން ގިނަ މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ.
އެގޮތުން، ރާއްޖެއާއި ބޭރުގެ މީޑިއާތައް ހިމެނޭހެން ޖުމްލަ 424 ފަހަރު ވަޒީރުން ސީދާ މީޑިއާތަކަށް މަޢުލޫމާތު ދެއްވައި އިންޓަވިއުތައް ދެއްވާފައިވެއެވެ. މީގެ އިތުރުން، ވުޒާރާތަކުގެ އެކިއެކި އިސްވެރިން 493 ފަހަރު މީޑިއާގެ ޒަރީޢާއިން ރައްޔިތުންނަށް މުހިންމު މަޢުލޫމާތުތައް ހިއްސާކުރައްވާފައިވާކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އާންމު އެކި ރައްޔިތުން ސާފުކުރައްވަން ބޭނުންފުޅުވާ މަޢުލޫމާތެއް ހުރިނަމަ އެކަމަށް އެދި ފޯމް ހުށަހެޅުމުން ޤާނޫނީ ހުދޫދުގެ ތެރެއިން ހާމަކުރެވެން އޮތް އެންމެ ފުޅާ މިނެއްގައި އެދިލައްވާ މައުލޫމާތު ސަރުކާރުގެ ހުރިހާ އިދާރާއަކުން ހާމަކުރަމުންދާ ކަމަށާއި، މިގޮތުން މިދިޔަ އަހަރު ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި މިނިސްޓްރީތަކަށް 1341 އާރު.ޓީ.އައި ފޮނުވާފައިވާ އިރު އޭގެ ތެރެއިން 1251 އާރ.ޓީ.އައި އަށް ވަނީ ޖަވާބު ދީ ނިންމާފައިކަމަށް ރިޔާސީ ބަޔާނުގައި ރައީސް ވަނީ ވިދާޅުވެފައެވެ.
އަދި މީގެއިތުރުން ރައީސް ވިދާޅުވީ ރައީސް އޮފީހާއި މިނިސްޓްރީތަކަށް ފޮނުވި އާރު.ޓީ.އައި ގެ %93 ޖަވާބު ތައްޔާރުކުރުމުގެ އެކި މަރުހަލާތަކުގައި އެއްކުރަންޖެހޭ އިތުރު މަޢުލޫމާތު ހުރުމާއި، އެކި ސަބަބުތަކާހުރެ ވަގުތު އިތުރުކުރަންޖެހުމުގެ ސަބަބުން އަދި ޖަވާބު ނުދެވި ހުރި އާރު.ޓީ.އައި ފޯމުތަކަށް ވެސް ދަނީ ޖަވާބުތައް ތައްޔާރުވަމުންކަމަށާއި މި މަސައްކަތް ހުއްޓުމެއްނެތި ކޮންމެ ދުވަހަކުވެސް ކުރިއަށް ދާކަމަށެވެ. އަދި މާސް މީޑިޔާއާއި ޕްރިންޓް މީޑިޔާއާއި ފަރުދީ ގޮތުން މަޢުލޫމާތު ހޯދުމުގައި ކުޑަވެސް ހުރަހެއް ނެތްކަމަށް ވެސް ވަނީ ހާމަކުރައްވާފައެވެ.
މީގެ އިތުރުންވެސް، މީސްމީޑިއާގެ އެކިއެކި މަންސަތައް މެދުވެރިކޮށް ވެސް ސަރުކާރުން ވަނީ އެކިއެކި ކަންކަމުގެ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދެމުން ކަމަށާއި ، އެގޮތުން 2025 ވަނަ އަހަރު 40875 ޕޯސްޓު ސޯޝަލް މީޑިޔާ މެދުވެރިކޮށް މަޢުލޫމާތު ޝާއިޢުކޮށްފައި ވާނެކަމަށް އަދި މީޑިއާއާ އެ މަނިކްފާނު ބާއްވަމުން އަންނަ ގާތް ރަޙްމަތްތެރި ގުޅުން އިތުރަށް ގާތް ކުރުމަށްޓަކައި، މީޑިއާއަށް ސީދާ އަޅުގަނޑު މަޢުލޫމާތު ދިނުމުގެ ގޮތުން މި އަހަރުގެ މާޗް މަހުން ފެށިގެން، ޢާއްމު އުސޫލެއްގެ މަތިން، ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ހެނދުނު 10:00 އިން 11:00 އަށް ނޫސްވެރިންނާ ބައްދަލު ކުރައްވާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި މި ކަމަކީ ދަތުރެއް ކުރަން ޖެހުން ނުވަތަ ބަންދު ދުވަހަކާ ދިމާވުން ފަދަ އެ ނޫންވެސް މި ޝެޑިޔުލަށް ބަދަލު އަންނަ ފަދަ ކަމެއް މެދުވެރި ނުވާހާ ހިނދަކު މިގޮތުގައި ކުރުމުގައި ދެމި ހުންނާނެ ކަމެއް ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
އަދި މިއަހަރުގެ މާޗް މަހުން ފެށިގެން، ކެބިނެޓުގެ ކޮންމެ ވަޒީރަކު ވެސް ހަފްތާއަކު 1 ފަހަރު 1 ގަޑި އިރަށް ނޫސްވެރިންނާ ބައްދަލުކުރައްވާނެކަމަށަާއި މި ބައްދަލުވުންތަކުގެ ތާވަލް ރައީސް އޮފީހުން ހާމަކުރަމުން ގެންދަވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

