ގާނޫނުއަސާސީއަށް ގެނައި އިސްލާހުތަކަކީ ރިޔާސީ ދައުރު ދިގުކޮށް، ރައްޔިތުންގެ ވޯޓުލުމުގެ ބާރު ނެތިކޮށްލުމަށް ރޭވިފައިވާ ވަރަށް ”ހީލަތްތެރި“ ރޭވުމެއްކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހު ފާސްކުރުމުން އެމްޑީޕީން ދަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒު ކުރަމުންނެވެ. ދައުރުން ބޭރުން ހުށަހެޅި މި އިސްލާހަކީ، ގާނޫނުއަސާސީގެ ރޫހާއި ހިލާފުވުންކަމަށް އެމްޑީޕީން ބުނެ އެވެ.
އިސްލާހާއި ގުޅޭގޮތުން ޝަމްހީދު ވިދާޅުވީ، 2008 ވަނަ އަހަރު އުފަންކުރި ގާނޫނުއަސާސީއަށް މިއަދު ބަދަލުތައް ގެންނަން މަސައްކަތް ކުރާ މީހުންނަކީ އެ ގާނޫނުއަސާސީ އުފަންކުރަން އުޅުނު ބައެއް ނޫން ކަމަށެވެ. އަދި ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންނަކީ މި ގާނޫނުއަސާސީ ބޭނުންވި ބައެއް ނޫންކަމަށާއި، މިއަދު ފެންނަނީ ގާނޫނުއަސާސީ ”ފުނޑަމުން“ ދާ މަންޒަރުކަމަށް އޭނާ ވިދާޅުވި އެވެ.
ޝަމްހީދު ފާހަގަކުރެއްވި ގޮތުގައި 2008 ވަނަ އަހަރުން ފެށިގެން ރައްޔިތުންނަށް ކަށަވަރުވެފައިވާ އެންމެ ބޮޑު ހައްގަކީ ވޯޓު ދިނުމުގެ ހައްގެވެ. ރައްޔިތުންނަށް މިއަދު ލިބޭ ކޮންމެ މާލީ މަންފާއެއް، ވަޒީފާއެއް ނުވަތަ ތަރައްގީގެ މަޝްރޫއެއް ވެސް ލިބެނީ ރައްޔިތުންގެ އަތުގައި ވޯޓުލުމުގެ ބާރު އޮތުމުން ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް، ސަރުކާރުން ހުށަހަޅައިގެން ފާސްކުރި އިސްލާހުގެ ސަބަބުން އެ ބާރުގެ ދެބައިކުޅަ އެއްބައި އުނިވެގެންދާނެކަމަށް ޝަމްހީދު ވިދާޅުވިއެވެ.
ސަރުކާރުގެ މަގްސަދަކީ ޝަމްހީދު ވިދާޅުވި ގޮތުގައި ފަސް އަހަރަށް އިންތިހާބުވާ މަގާމެއްގެ ދައުރަށް ބަދަލުތައް ގެނައުމެވެ. އަދި މިއީ ރިޔާސީ އިންތިހާބުގެ ދައުރު ދިގުކުރުމަށް މަޖިލީހަށް ހުށަހެޅިފައިވާ އިސްލާހެއްކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ޝަމްހީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހާއި ރިޔާސީ އިންތިހާބު އެއްކޮށްލަން ބޭނުންވާ ނަމަ އެކަން ކުރަންޖެހޭނީ އިންތިގާލީ މަރުހަލާއެއްގެ ތެރެއިން ކަމަށެވެ. ނަމަވެސް މިހާރު މިވަގުތު ސަރުކާރުން ކުރަން އުޅޭ މަސައްކަތް ސިފަ ކުރެވެނީ އިންތިހާބަކީ ”ކުޅޭކުޅޭ އެއްޗަކަށް“ ހަދައި، ރިޔާސީ އިންތިހާބު ”ވަގަށް ނެގުން“ ކަމަށް ޝަމްހީދު ސިފަކުރެއްވިއެވެ. އަދި މި ބަދަލާއިއެކު، ސަރުކާރުން ބޭނުންވާ ކޮންމެ ވަގުތެއްގައި ރިޔާސީ ދައުރު ދިގުކުރުމަށް ވޯޓު ނެގިދާނެ ކަމަށާއި، މީގެ ސަބަބުން މުޅި ނިޒާމު ޖޯކަކަށް ވެގެންދާނެކަމަށް ޝަމްހީދު ވިދާޅުވިއެވެ.
މީގެއިތުރުން ޝަމްހީދު ވިދާޅުވީ މިއީ ގާނޫނުއަސާސީގައިވާ އިންތިހާބީ އުސޫލުތައް މުޅިން ނެތިކޮށްލާނެ އިސްލާހެއް ކަމަށެވެ.
މަޖިލީހުގެ ތަޅުމުން މި އިސްލާހު ފާސްކުރުމުން، ދެން ރައީސުލްޖުމްހޫރިއްޔާ އާންމު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގަރާރެއް ނެރުއްވާނެ އެވެ. ސަރުކާރުގެ ވިސްނުން ހުރީ، އަންނަ އޭޕްރިލް މަހުގެ 04 ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އެކު ރިފެރެންޑަމް ވޯޓު ނެގުމަށެވެ.

