ރަށްރަށުގެ ކައުންސިލްތަކުން ކުރާ އެއްވެސް މަސައްކަތަަކަށް ޖާގަ ދިނުމުގެ ވިސްނުމެއް މި ސަރުކާރުން ނުގެންގުޅޭކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ޝާހިދު މިހެން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕެއިން ލޯންޗު ކުރުމަށް އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގަައި ވާހަކަ ދައްކަވަމުންނެވެ.
ޝާހިދު ވިދާޅުވީ އޭޕްރިލް މަހު އޮތް ކައުންސިލް އިންތިހާބަށް ރައްޔިތުންނަށް ޖެހިފައި ވަނީ އަނެއްކާވެސް ”ތަރައްގީއާއި، ހަލާކުގެ މަގުން“ ކޮންމެވެސް އެއް ގޮތެއް އިހުތިޔާރު ކުރަންޖެހިފައި ކަމަށެވެ.
ލާމަރުކަޒީ ނިޒާމެއްގެ ފެށުން އަންނަނީ މުށުތެރެއަށް ލާފައިވާ ބާރުތައް ދޫކުރެވޭ ހިސާބުންކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ 2008 ގައި ދިވެހިރާއްޖޭގައި ތަސްދީގު ކުރެވުނު އާގާނޫނުއަސާސީގައި ދިވެހި ރައްޔިތުން ވަނީ އެކަން އޮންނަންވީ ގޮތް ކަނޑައަޅާފައިކަމަށެވެ. އަދި ގާނޫނުއަސާސީގެ 8 ވަނަ ބާބުގައި އެކަން ވަރަށް ސާފުކޮށް ބަޔާން ކުރާކަމަށް ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ އެ މަގަށް އެކަން ކުރެވެމުން ދާނީ އަދި ލާމަރުކަޒީ ނިޒާމެއް ހިންގޭނީ ސިޓީ ތަކުގެ މެދުގައިި އާއި ރަށްރަށުގެ ތެރޭގައި ހުރި ތަފާތުތައް ގަބޫލުކުރެވިގެން ކަމަށެވެ. އެގޮތުން އެއް ރަށާއި އަނެއް ރަށް އަދި އެއް ސިޓީއަާއި އަނެއް ސިޓީ ތަފާތުގައި ގަބޫލުކުރަން ޖެހޭކަމަށާއި، އެ ކަންކަމަށް އިހްތިރާމްކުރަން ޖެހޭކަމަށް ވެސް ޝާހިދު ވިދާޅުވިއެެވެ.
އެގޮތުން އެމްޑީޕީގެ މެނިފެސްޓޯގައި ވަނީ ބާރުތައް ރައްޔިތުންނާއި ހަމައަށް ގެނެސްދިނުން ކަމަށާއި، ވިޔަފާރީގެ މިނިވަން މާހައުލެއް ފަހިކޮށްދިނުމާއި އެކު ފަހި ދިރިއުޅުމެއް ގާއިމްކޮށްދިނުމަކީ އެ ޕާޓީގެ ސިޔާސަތުކަމަށް ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވި ގޮތުގައި މިފަދަ އެއްވެސް ވިސްނުމެއް ސަރުކާރުގެ ނެތް އިރު، ރައްޔިތުންނަށް ބޭނުންވާ ބާރުވެރިކަން ދޫ ނުކުރާނެކަން އަމަލުތަކުން ސާފުވާކަމަށް ޝާހިދު ވިދާޅުވި އެވެ.

