މިދިޔަ ރިޔާސީ އިންތިހާބު ކުރިޔަށް ދިޔައިރު ދިވެހިރާއްޖެ އޮތީ އިގްތިސާދީ ބޮޑު އަނދަވަޅެއްގެ ތެރޭގައި ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތީ އެފަދަ ނުރައްކާތެރި ހާލަތެއްގައި އޮތް ގައުމަކާކަމަށް މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ސަންގުޓީވެގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޒަރީރު ވިދާޅުވީ، ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ދައުލަތުގެ ދަރަނި ހުރީ 124 ބިލިއަން ރުފިޔާގައި ކަމަށެވެ. މިއީ ވޭތުވެދިޔަ 60 އަހަރު ތެރޭގައިވެސް ގައުމުގެ ދަރަނި އިތުރުނުވާ މިންވަރަށް، އެންމެ 5 އަހަރު ދުވަހުގެ ތެރޭގައި ދަރަނި ބޮޑުވެގެންދިޔަ ދިއުމެއްކަން އޭނާ ވިދާޅުވި އެވެ.
ކުރީ ސަރުކާރުން ނެގި ލޯނުތަކާ ބެހޭގޮތުން ސުވާލު އުފައްދަވަމުން ޒަރީރު ވިދާޅުވީ، ލޯނު ނަގަންވާނީ ގައުމަށް އާމްދަނީ ލިބޭނެ ފަދަ ކެޕިޓަލް އިންވެސްޓްމަންޓްތައް ކުރުމަށް ކަމަށެވެ. ނަމަވެސް ކުރީ ސަރުކާރުން ލޯނު ނަގާފައިވަނީ މުސާރަ ދިނުމަށާއި، ކަރަންޓު ބިލާއި ފެން ބިލު ދެއްކުން ފަދަ ހިންގުމުގެ ހަރަދުތަކަށްކަމަށް ޒަރީރު ވަނީ ވިދާޅުވެފަ އެވެ.
ޒަރީރު ވިދާޅުވީ ގޮތުގައި މި ދަރަނިން ކުރަންޖެހޭ ކަމަކީ ކެޕިޓަލް އިންވެސްޓްމަންޓްތަކެއް އޮތްތޯ ބެލުމެވެ. އަދި ލޯނު އަބަދު ނަގަންޖެހޭނީ މުސާރަ ދޭން ނޫންކަމަށް އޭނާ ވިދާޅުވި އެވެ. ޒަރީރު ވިދާޅުވީ މިއާއި އެކު ދައުލަތަށް އާމްދަނީ ލިބޭނެ ވަސީލަތެއް ގާއިމުކުރަން ޖެހޭކަމަށެވެ.
މީގެއިތުރުން ޒަރީރު ވިދާޅުވީ، ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ގައުމުގެ ދަރަނި ހުރީ ޖީޑީޕީގެ ނިސްބަތުން 124 އިންސައްތައިގައިކަމަށާއި، މިއީ ދުނިޔޭގެ މާލީ އިދާރާތަކުން ނުރައްކަލުގެ އިންޒާރު ނެރެފައިވާ މިންވަރެއް ކަމަށެވެ. އެހެންނަމަވެސް، މިހާރު އިގްތިސާދު ރަނގަޅުވަމުން އަންނަކަން ފާހަގަކުރައްވައި، ޒަރީރު ވިދާޅުވީ ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ރިޒާވް އެއް ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށެވެ.
އިންތިހާބުތަކާ ދިމާކޮށް މަޝްރޫއުތަކުގެ ކަޑަޖަހަމުންދާކަމަށް ބުނެ އިދިކޮޅުން އަމާޒު ކުރާ ފާޑުކިއުންތަކަށް ރައްދު ދެއްވައި ޒަރީރު ވިދާޅުވީ ގައުމު ދަރުވާލުމަށްފަހު އިންތިހާބަށްޓަކައި އެކި މަޝްރޫއުތަކުގެ ކަޑަޖަހަމުން ދިޔައީ އެމްޑީޕީ ކަމަށެވެ. އޭގެ ފައިދާ ނަގައި، ރައްޔިތުންނަށް ގެއްލުން ދިނުމަށް ފަހު އެމްޑީޕީން ދިޔައީ މާލީ މަންފާ ހޯދަމުންކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ރައީސް މުއިއްޒު ކުރައްވަމުން ގެންދަވަނީ ދަރަނި ރީސްޓްރަކްޗާކޮށް، ގައުމު އަލުން ކޮޅަށް ޖެހުމުގެ އުނދަގޫ މަސައްކަތްކަމަށް ޒަރީރު ވަނީ ވިދާޅުވެފަ އެވެ.

